ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުން އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށް، އެ ގައުމަށް ހަމަލާތަކެއް ދީފިއެވެ.
ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ ވީޑިއޯ މެސެޖެއް އާންމު ކުރައްވައި އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށްފައެވެ. އަދި އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ފޮނުވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިސްރާއީލަށް ހަމަލާ ދިނުމުގައި ދެމިތިބޭނެއެވެ.
ހޫތީން އެގޮތަށް ބުނި އިރު، އިސްރާއީލުން އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާ އަށް އަރައިގަނެ، ހަމަލާތައް ދޭ ނަމަ، ޔަމަނުން މަޑުން ނުތިބޭނެ ކަމަށާއި އިސްރާއީލަށް ދޭން ޖެހުނު ކޮންމެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު މީގެކުރިން ވެސް ހުތީން ވަނީ ދީފައެވެ. ވީޑިއޯ މެސެޖްގައި ޔަހްޔާ ސަރީ ވިދާޅުވީ އިޒުރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ދެން އެ ގައުމުން ދޭނެ ކަމަށެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދޭ ހަމަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިސްރާއީލުން މިއަދު ބުނެފައި ވަނީ ރަތް ކަނޑު ސަރަހައްދުން އިސްރާއީލާ ދިމާލަށް އައި މިސައިލެއް ނައްތާލާފައިވާ ކަމަށެވެ.
ޔަމަނުގެ ހަމަލާތައް އިސްރާއީލަށް އަމާޒުވާން ފެށި އިރު، ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ ހަނގުރާމަވެރިން ދަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވެސް ދަނީ ވައިގެ މަގުން ލުބުނާނަށް ހަމަލާ ދެމުންނެވެ. އެ ސަރަހައްދުގެ މަސްރަހު ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ދޭތެރެ ދޭތެރެއިން ސީރިއާ އިން ވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތައް ފޮނުވާލަމުންނެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 8،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!