ފެނިގެންދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ރާވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ''ތާށިވެފައި'' ވަނިކޮށް އެކްސްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ.

Ad
rt

ނަޝީދުގެ މައްސަލަ އިއްޔެއާއި މިއަދަށް ވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލިސްގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދާއި އިއްޔެ ވެސް މަޖިލީހަށް ސަލާމް ފޮނުއްވުމުން މި ދެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ.

''އަޅުގަޑުމެނަށް ފެނިގެންމިދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަޙަތު، އިސްކޮށް ތިމާގެކަމުގެ ތެރެއިން ރޭވިގެން ރައްޔިތުން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން، ޤައުމުގެ އެންމެ މުހިންމު މުއައްސަސާގެ އިތުބާރުގެއްލުވާލަން ކުރަމުންދާ ނުރައްކާތެރި މަސައްކަތް'' އިބްރޭ އެކްސްގައި ލިޔުއްވާފައި ވެއެވެ.

މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އާއި އަދި ގަވާއިދުގައި ބަޔާންކުރާ އިތުރު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެ ހަމައެއް ބަޔާންކޮށްފަ އޮވެއެވެ. މިގޮތުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް އޮވެއެވެ. އަދި މިގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި ފަސް މެންބަރުން ކަމަށް ގަވާއިދުގައި ބުނެއެވެ. އެ ގޮތައް މެންބަރުން ކަނޑައަޅާފައިވީނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާއިގުޅިގެން މިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، މިހަމަ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހިންގޭ ޖަލްސާއެއްގައި ހިފެހެއްޓިދާނެކަން ނުވަތަ ނޫންކަމުގެ ޤާނޫނީލަފާ ދެއްވާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްއެވެ.

އީވާ މިއަދު ވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް!

މަޖިލިސްގައި މި މައްސަލަ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ މިއަދު އެ މައްސަލަ ބަލައިގެންފައެވެ.

ނަޝީދު ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.