ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މިއީ މި ޖަލްސާ ކެންސަލްކުރި ދެވަނަ ފަހަރެވެ. މި ޖަލްސާ އިއްޔެއަށް ވެސް ތާވަލު ކުރިއެވެ. ނަމަވެސް އިއްޔެ ވެސް މިޖަލްސާ ވަނީ ކުރިއަށްގެންދެވޭގޮތްނުވެ ކެންސަލްކޮށްފައެވެ.
އިއްޔެ އާއި މިއަދުގެ ޖަލްސާ ވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ.
މިއަދުގެ ޖަލްސާ ކެންސަލްވެއްޖެކަން މެންބަރުންނަށް އަންގާފައި ވަނީ މިއަދު ހެނދު 6:30 ހާއިރުއެވެ.
ޖަލްސާ ކެންސަލްވިކަން އަންގައި މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، މިއަދަށް ތާވަލުކުރި މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ނައިބު އީވާ އުޅުއްވަނީ ޑެންގޫ ހުމަށް ޕޮޒިޓިވްވެގެން ކަމަށް އަޑުފެތުރިފއިވާއިރު، މައުލޫމާތު އެނގޭ މަޖިލިސް މެންބަރަކު ވިދާޅުވެފައި ވަނީ އީވާ އަށް ހުން ޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެސްޓް ހެދީ 22 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ 23 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި، ނަމަވެސް ޖެހިގެން އައި ދެ ދުވަހު 23،24 އޮކްޓޯބަރުގައި އީވާ މަޖިލީހަށް ހާޒިރު ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގެން ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އާއި އަދި ގަވާއިދުގައި ބަޔާންކުރާ އިތުރު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެ ހަމައެއް ބަޔާންކޮށްފަ އޮވެއެވެ. މިގޮތުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް އޮވެއެވެ. އަދި މިގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި ފަސް މެންބަރުން ކަމަށް ގަވާއިދުގައި ބުނެއެވެ. އެ ގޮތައް މެންބަރުން ކަނޑައަޅާފައިވީނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާއިގުޅިގެން މިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، މިހަމަ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހިންގޭ ޖަލްސާއެއްގައި ހިފެހެއްޓިދާނެކަން ނުވަތަ ނޫންކަމުގެ ޤާނޫނީލަފާ ދެއްވާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްއެވެ.
އިއްޔެގެ ޖަލްސާ ކެންސަލްވުމުން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްުޔެ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ. އަދި މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!