ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ މެންބަރުން އިތުރުކޮށް، އެކަމަށް ކަނބަލުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކޯލިޝަންގެ ޓިކެތްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއްދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ''އެކްސް''ގައި މިއަދު ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

Ad
rt

''މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން. އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.'' އިންތިޚާބީ ރައީސް ވިދާޅުވެފަވެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި 93 ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އަންހެނުން 3 މެންބަރެކެވެ. އެ ތިން މެންބަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބާއްވާފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ.