އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާންކޮށް ފުޓްބޯޅަ ކުލަބްތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް އެދެފިއެވެ.

މިއަދު ތޯރިގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Ad
rt

އެފްއޭއެމްގެ ރައީސްކަން ޓޮމް ވަނީ 2016 ވަނަ އަހަރު ކުރައްވާފައެވެ. ނަމަވެސް އޭނާ އެ އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުރީ އެންމެ ހަތަރު މަހެއްހާ ދުވަހުއެވެ. ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރުމަށް ބެލްޖިއަމް ކުންފުންޏަކާއި އެކު އޭނާ މަސައްކަތްތަކެއް ވެސް އޭރު ކުރިއެވެ. ނަމަވެސް އެފްއޭއެމްގެ އޭރުގެ ޖެނަރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖެނަރަލް ސެކްރެޓަރީގެ މަގާމުން ވަކި ކުރުމުގައި އެކްސްކޯއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، އެކްސްކޯގެ ފަސް މެންބަރަކު އެއް ފަހަރާ އިސްތިއުފާ ދީ ޓޮމްގެ ރައީސްކަމުގެ ބާރު ކަނޑުވައިލިއެވެ.

ދެން އެ އަހަރުގެ ނޮވެމްބަރު މަހު އަލުން އެފްއޭއެމްގެ ރައީސް ހޮވަން ބޭއްވި އިންތިހާބު ޓޮމްއާއި ވާދަކޮށް ކާމިޔާބު ކުރެއްވީ ބައްސާމެވެ. އޭގެ ފަހުން އެ މަގާމު ފުރުއްވަމުން ގެންދަވަނީ ބައްސާމެވެ. މިހާރު ކުރިއަށް މިދަނީ ބައްސާމުގެ ދެވަނަ ދައުރެވެ.

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކޮށްފައި މިވަނީ ޓޮމް އެކަންޏެވެ. ނަމަވެސް ރާއްޖެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވާނެކަމަށް ސޯޝަލް މީޑީއާގައި ވަނީ ދާދިފަހުން އަޑު ފެތުރިފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅޭގޮތުން އަޝްފާޤް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމާއި ހަވާލުވެ ފާއިތުވި މުއްދަތުގައި ރާއްޖޭގެ ފުޓްބޯޅަ މީން ޒަމާނެއްގައި އަޑި ނާޅާވަރަށް އަޑި އަޅާލުމާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާ ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރާތާ ވެސް މިހާރު ވަނީ ދުވަސްތަކެއް ފާއިތުވެ ގޮސްފައެވެ.