ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި, މެސެޖްކުރި މައްސަލައެއްގަ އެވެ. އެ މައްސަލާގައި އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ.

Ad
rt

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމީ އެ ތުހުމަތުތަކާ ގުޅިގެން އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ދިނުމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.

މީގެކުރިން ވެސް އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެ އެވެ.