''އަޤްޞާ ފަދަ މުޤައްދަސް ތަންތަނުގެ ހިމާޔަތުގައި ތެދުވަންކެރޭ ބަޔަކަށް ޒުވާނުން ހަދައިދީ''

Agsa Mosque

ފަލަސްޠީނުގެ އަގްސާ މިސްކިތް ބިމާ ހަމަކޮށްލުމަށްފަހު، ޔަހޫދީން ދެން މަސައްކަތް ފަށާނީ ދެ ހަރަމްފުޅު ނައްތައިލުމަށް ކަމަށާއި، އެފަދަ އިސްލާމީ މުޤައްދަސް ތަންތަނުގެ ހިމާޔަތުގައި ތެދުވަންކެރޭ ބަޔަކަށް ޒުވާނުން ޖީލުތައް ހަދައިދިނުމަށް މުސްލިމް އުއްމަތަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވައިލައިފިއެވެ.

ރާއްޖޭގެ މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ ''ފަލަސްޠީނާއި އިސްލާމީ އުންމަތް'' އެވެ. މިއަދުގެ ޚުޠުބާގައި ވަނީ ފަލަސްޠީނުގެ ބިމުގެ މާތްކަމާއި، އިސްލާމް ދީނުގައި އެ ބިމަށް ދެވިފައިވާ ޤަދަރާއި، އެ ބިމުން އިސްލާމީ ވަންތަކަން ނެތިކޮށްލުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި އިސްލާމް ދީނުގެ ޢަދުވުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައެވެ.

ފަލަސްޠީނުގެ ބިމަކީ އެންމެ ގިނަ ނަބީބޭކަލުން އުފަންވެވަޑައިގަތް ބިން ކަމަށާއި، އެއީ އެތައް ނަބީބޭކަލުންނެއް ދިރިއުޅުއްވި ބިމެއްކަން ޚުޠުބާގައި ފާހަގަކޮށްފަވެއެވެ. އަދި އެ ބިމަކީ މާތް ރަސޫލާ އެބިމަކަށް އިސްރާކުރެވުނު، އެ ބިމުގައިވާ މަސްޖިދުލް އަޤްޞާއިން މިއުރާޖުގެ ދަތުރުފުޅުފެއްޓެވި މުގައްދަސް ބިންކަމާއި، މި ދަތުރުފުޅުގައި އެންމެހާ ނަބީބޭކަލުންނާއެކު އަޤްޞާ މިސްކިތުގައި މާތް ރަސޫލާ ނަމާދު ކުރެއްވިކަން އެ ބިމުގެ މަތިވެރިކަން ބަޔާންކޮށްދެމުން ޚުތުބާގައި ބުނެފަވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި ރޫމީންގެ އަނިޔާވެރި ވަކިތަކުން މާތްﷲ ފަލަސްޠީންގެ ބިން ސަލާމަތް ކުރެއްވީ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޚިލާފަތުގައި ކަމަށެވެ. އެއަށްފަހު މުސްލިމުންގެ ވެރިކަމުގެ ދަށުގައި ހަތަރު ގަރުނަށްވުރެ ދިގު މުއްދަތަކަށް ފަލަސްޠީނު އޮތް އިރުވެސް އެބިމުގައި ދިރިއުޅުނު އެހެން އެއްވެސް ދީނެއްގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް އެއްވެސް މުސްލިމަކު އަރައިގެންފައި ނުވާކަން ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

އޭގެފަހުން ފަލަސްޠީނާއި ކުރިމަތިވި ސަލީބީ ހަނގުރާމާގައި ޤުދުސްއާއި މުޤައްދަސް ބިންތައް މިނިވަންކުރުން ދުޝްމަނުންގެ ޝިއާރަކަށް ހަދައި، ދުޝްމަނުން ޤުދުސްގައި ހިންގި ޤަތުލުޢާންމުގައި 70 ހާހަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލިކަން ޚުތުބާގައި ހަނދާންއައުކޮށްފަވެއެވެ. އެއަށްފަހު ޞަލީބީންގެ ލާއިންސާނީ އަނިޔާވެރި ވެރިކަމެއް ފަލަސްޠީނުގެ ބިމުގައި ކޮށްފައިވާއިރު، 88 އަހަރަށް ފަހު އެވެރިކަމުގައި ސިއްކަ ޖައްސަވައި، ސަލީބީންގެ އިސްތިއުމާރުން ފަލަސްޠީން މިނިވަންކޮށްދެއްވީ މަޝްހޫރު އިސްލާމީ ސަހުސިއްޔަތު، ޞަލާޙުއްދީން އައްޔޫބީއެވެ.

ޔަހޫދީން ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތަކެއް ރާވައި، ނިރުބަވެރި ޖަމާޢަތްތައް އުފައްދައި، ''މުސްލިމުންގެ ނަސްލު ނައްތާލުމުގެ'' ޝިއާރުގެ ދަށުން ބަޑިއާއި ބޮމުން ހަމަލާތައް ދީ، މުސްލިމުންގެ ގެދޮރުތައް ސުންނާފަތިކޮށް، ފޭރުމުގެ ލާއިންސާނީ ޖަރީމާތައް ވަނީ ހިންގާފައިކަމަށާއި، މި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް މުސްލުމުންނެއް ޝަހީދުވެ، ގެދޮރުގެއްލި ރެފިއުޖީންނަށް ބަދަލުވެގެން ދިޔަކަން ޚުޠުބާގައި ފާހަގަކޮށްފަވެއެވެ. މިކަންކަން މިހެން ހިނގަމުން ދިޔައީ ދުނިޔޭގެ ބޮޑެތި ބާރުތައް، ޚާއްސަކޮށް ހުޅަނގުގެ ބާރުތަކުގެ މަދަދާއި ސަޕޯޓް ލިބިގެންކަން ވެސް ޚުޠުބާގައި ފާހަކަ ކޮށްފަވެއެވެ.

މުސްލިމުންގެ މުޤައްދަސް މި ބިމުގައި ޔަހޫދީން އިސްރާއީލް ނަމުގައި ދައުލަތެއް އުފައްދާފައިވާއިރު، މި ދައުލަތަށް މިހާރު 70 އަހަރު ވެފައިވާ ކަމަށާއި، އެ ދައުލަތް ފަށައިގެންއިރު ފަލަސްތީންގެ ބިމުން ޔަހޫދީން ވެރިކޮށްފައި ވަނީ ބިމުގެ 10 އިންސައްތަ ނަމަވެސް، މިއަދު އެބިމުގެ 90 އިންސައްތައަށް ޔަހޫދީން ވެރިވެގެންފައިވާކަން ޚުޠުބާގައި ވަނީ ބުނެފައެވެ.

''މުސްލިމުންނޭވެ! ޣާފިލުކަމުގެ ނިދިން ހޭލާށެވެ! މިހާރު އެ ފެށީ މަސްޖިދުލް އަޤްޞާ މިބާ ހަމަކޮށްލުމުގެ މަޝްރޫޢުއެވެ. ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ޙަރަމްފުޅު ނައްތާލުމުގެ މަޝްރޫޢޫއެވެ. މި ވާހަކަތައް ޒުވާން ޖީލުތަކަށް ގެންގޮސްދޭށެވެ. އެ ކުދިންގެ ހިތްތަކުގައި މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ލޯބި ވައްދައިދޭށެވެ! އެ ކުދީންނަކީ އެ ތަންތަނުގެ ޙިމާޔަތުގައި ތެދުވަންކެރޭ ބަޔަކަށް ހަދައިދޭށެވެ! މިއީ މައިންބަފައިންނާއި މުދައްރިސުންނާއި ވެރިންގެ މައްޗަށް ވާޖިބެއްކަމުގައި ދެކޭށެވެ!'' ޚުޠުބާބައި ބުނެފަވެއެވެ.

މީގެ އިތުރުން ވެސް މިއަދުގެ ޚުޠުބާގައި ވަނީ ފަލަސްޠީނުގެ ބިމުގެ މައްޗަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސް ފޮހެލަންކަން ހަނދާންކޮށްދީ، އެކަމަށް އަނިޔާވެރި ޔަހޫދީން ހިންގަމުން ގެންދާ ކަންކަމުގެ މައްޗަށް ތަފްސީލީ ނަޒަރަކުން އަލިއަޅުވާލާފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *