އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމާޒަކީ ތިންބައިކުޅަ ދެބައި ގޮނޑީ ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން ''2023 ގެ ރައީސް'' ރިޔާސީ ޚާއްސަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ޕީޕީއެމް/ޕީއެންސީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިފައިވުމާއެކު، ރައްޔިތުން ތިބީ އަލަށް އުފެދޭ ސަރުކާރާއި އެކު ކުރިޔަށް ދިއުމަށްކަމަށް ސާފުވެލައްވާ ކަމަށެވެ.

ރައްޔިތުންގެ ގިނަ އުންމީދުތަކެއް ހުރުމާއެކު ރައްޔިތުން ބޭނުންވާ ބަދަލު އިތުރަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، އެހެންކަމުން ބާރު ސްޕީޑުގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ޕީޕިއެމް/ޕީއެންސީގެ މެމްބަރުން މަޖިލީހުގައި ތިބުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް މުޢިއްޒު ވަނީ ވިދާޅުވިއެވެ.

''އަޅުގަނޑުގެ އަމާޒަކީ ވީހާވެސް ގިނަ މެމްބަރުން ހޮވުން، ދެން އެންމެ ބޮޑަށް ބޭނުން ވަނީ ޓޫތާޑް މެޖޯރިޓީއެއް ހާސިލު ކުރެވޭ ވަރަށް މެމްބަރުން ހޮވުން،'' މުޢިއްޒު ވިދާޅުވެފަވެއެވެ.

މުއިއްޒު ވަނީ ޕީޕީއެމް/ޕީއެންސީ އާއި އެ ދެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.