ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެމެރިކާގެ 14 މީހަކު މަރާލާފައިވާ އިރު، ވިއްސަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މަރާލި މީހުންގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި އެމެރިކާގެ ބައެއް ރައްޔިތުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Ad
rt

"އެއީ ހިތްދަތި ކަމެއް. މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ހިތްދަތިކަން ލިބިފައިވަނީ މާފު ނުކުރެވޭ ނަފްރަތާއި ރުޅިވެރިކަމާއެކު" ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އެމެރިކާގެ ރައްޔިތުން ހޯދުމަށް، އިސްރާއީލަށް އެހީތެރިވުމަށް އެމެރިކާގެ ތަޖުރިބާކާރުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަމުގައި ޖާސޫސީ މައުލޫމާތުތައް ވެސް ހިއްސާ ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ އިސްރާއިލުގައި ދިރިއުޅެމުންދިޔަ އެ އެގައުމުގެ ބައެއް ރައްޔިތުންގެ ހަބަރެއް ނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެގައުމުން ހާމަކުރާގޮތުގައި މި ހަނގުރާމައިގެ ސަބަބުން ވީނުވީއެއް ނޭނގިވާ އެގައުމުގެ ރައްޔިތުން ދިރިތިބި ކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

އަނިޔާވެރި ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބަދަލުގައި ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިން ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ކުއްލި ހަމަލާތަކުގެ ސަބަބުން 1،200 މީހުން މަރާލައި، 100 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުން ހާމަކުރާގޮތުގައި މި ހަނގުރާމަ ފެށުމަށް މަޖުބޫރުވީ އިސްރާއިލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި ފަލަސްތީނުގެ މުސްލިމުންނަށް ނުހައްގުން ދެމުންދާ އަނިޔާތަކުގެ ސަބަބުން ކަމުގައި އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ ފަލަސްތީނުގެ ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލައިފައެވެ.