ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެއްކޮށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން ކައުންސިލް މެންބަރަކު ފާޅުކުރި ޚިޔާލަކަށް ޖަވާބު ދެއްވަމުން، ނާޒިމް ވިދާޅުވެފައި ވަނީ، ޕީޕީއެމް/ޕީއެންސީ އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ތިން ޕާޓީއިން އެކުގައި ވާދަކުރުމާއި ބެހޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިގޮތުން، މާލޭ މޭޔަރުގެ އިންތިހާބުން ފެށިގެން، 2024 ވަނައަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައިވެސް، ތިން ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ، ތިން ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެކަމަށާއި، އިންތިހާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ ފަރާތެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށް، 3 ޕާޓީއިން ވެސް އިހްތިރާމްކުރާނެ ކަމަށާއި، އެފަރާތަކަށް އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރުމަށް ވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށް ވެސް ނާޒިމް ވިދާޅުވެފަވެއެވެ.
"އަޅުގަނޑު ގަބޫލުކުރަން، ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރުމަށް، ޕީޕީއެމް ޕީއެންސީ އާއެކު ވެފައިވާ އެއްބަސްވުން ކައުންސިލް މެމްބަރުންނަށް އެނގެންޖެހޭނެކަމަށް. ވަރަށް އަވަސް މުސްތަގުބަލެއްގައި، ކައުންސިލް މެމްބަރުންނަށް އެ އެއްބަސްވުން ހިއްސާކުރާނަން.'' ނާޒިމް ވިދާޅުވެފަވެއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވި 7 އިންސައްތަ ވޯޓު ލިބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެމްއެންޕީ އިންވެސް އެކަމަށްޓަކައި ގިނަ މަސައްކަތެއް ކޮށްގެންނެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ދެމެހެއްޓުމަށް އަދި ސަރުކާރު ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން، ކުރިއަށް އޮތް 5 އަހަރަށް އެމްއެންޕީ އިން ދޭނެކަމަށް ވިދާާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!