ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ތާއީ ބައްދަލުކުރި މެޗު ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނަސްރުން ވަނީ 2-1 ގެ ނަތީޖާއިން ތާއީ ބަލިކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަސްރުންނެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޓަލިސްކާއެވެ.

Ad
rt

ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ތާއީން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑުޖަހައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ހާތީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ވުރާއެވެ.

މެޗުން ނަސްރު މޮޅުވީ މެޗުގެ ފަހު ފަސްމިނެޓް ތެރޭ ލިބުނު ޕެނަލްޓީން ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ ނަސްރަށް ލިބިފައި ވަނީ ޓަލިސްކާ ބޮލުން ގޯލަށް ފޮނުވާލި ބޯޅަ ތާއީގެ ޑިފެންޑަރެއްގެ އަތުގައި ޖެހުމާއި ގުޅިގެންނެވެ.

މި މޮޅާއިއެކު ނަސްރު ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 8 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އަލް ހިލާލް ވަނީ ރޭ 2-0 ގެ ނަތީޖާއިން އަލް ޝަބާބް ބަލިކޮށްފައެވެ. އެ ޓީމް އެއްވަނާގައި އޮތީ 8 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.