މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ހަރަކާތްތެރިވާނެތީ ކަމަށެވެ.
މީގެ އިތުރުން އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން ހަވީރު 5 ޖަހަންދެން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާއިރު، އެކަމާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންނެވެ. އެއީ 224،786 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!