ކުށްމަދު އަމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އަތޮޅުތެރޭގައި ސްޕޯރޓްސް ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން މިއަދު، ހެންވޭރު ބޯޅަދަނޑުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްގެ ކުލާސް ރޫމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މަގުމަތީގެ އަދަބުތަކާއި، އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަމާއި މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން ދިމާވެދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ސްޕޯރޓްސް ކައުންސިލަރުންނަކީ ޒުވާނުންނާ ގުޅިގެން މަސައްކަތް ކުރާނެ ފަރާތްތަކަކަށް ވުމާއެކު ޒުވާނުންނަށް ނަމޫނާ ބަޔަކަށް ވުމާއި، މުޅި ރަށުގެ ރައްޔިތުން ބަލައިގަންނާނެ ފަދަ މީހަކަށް ވުމަށް މަސައްކަތް ކުރުމަށާއި މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތާ ކައުންސިލަރަކަށް ވުމަށް އެދިފައިވެއެވެ.
މި ޕްރޮގްރާމްގައި ރާއްޖެގެ އެކި ރަށްރަށުން ޖުމްލަ 43 ސްޕޯރޓްސް ކައުންސިލަރުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!