" ދެން އަޅާނުލާ! ހިނގާބަލަ މިތަނުން ނިކުންނަން.. މިހާރު އަޑުގަދަ ކަމުން ބޮލުގައި އެބަ ރިއްސާ! "
ރަހީލް ހިނގުން ބާރުކޮށްލުމުން ޔަޝްމީއަށް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ ލޯމަތިން އެ މައުސޫމް މޫނު ފެންނަހެން ހީވެއެވެ.
***
ދޮރާށި ހުޅުވާލުމަށްފަހު ޒޫނާ ބޭރަށް ނިކުމެ ހުރީ ޖާވިދްގެ އިންތިޒާރުގައެވެ. އޭރު މާދުރުން އަންނަ ޖާވިދްގެ ސައިކަލް ފެނި، ޒޫނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.
" އަނހާ! މަންމަގެ ލޯބިލޯބި ކަމަނާ! ދަރިފުޅު ކްލާހުގައި ބަސް އެހިންތަ؟ "
ސައިކަލްމަތީގައި އިން ތުއްތު ޒިވާ ނަގާ އުރާލަމުން ޒީނާ ބުނެލީ ވަރަށް ލޯބިންނެވެ. އެއާއިއެކު ޒިވާ މަންމަގެ ކޮލަށް ބޮސް ދިނުމަށްފަހު ބޯ ޖަހާލިއެވެ.
" އާންޓީ ބުނުއްވީ ކޮއްކޮ މިއަދު ވަރަށް ވާހަކަ ގިނަ ދުވަހެކޯ! "
ޒިވާގެ ދަބަސް ޒޫނާއަށް ދިއްކޮށްލަމުން ޖާވިދް ބުނެލީ ހެވިފައި ހުރެއެވެ. އޭނާ އެހެން ބުނުމުން ޒޫނާ ދެލޯ ބޮޑުކޮށްލަމުން ޒިވާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ލާނެތް ގޮތަކަށް ޒިވާ ހިނިގަނޑެއް ޖަހާލުމަށްފަހު ޒޫނާގެ ގައިގައި އޮޅުލައިގަތެވެ.
" ކޮއްކޮ ދެން ބަސްއަހާނެއޭ ދޯ! ބައްޕި ދެން އަވަހަށް އޮފީހަށްދޭ.. ކޮއްކޮ ފެންވަރައިގެން ބަތް ކާންދާނީ ދޯ"
ލޯތްބާއިއެކު ވާހަކަ ދައްކަމުން ޒޫނާ އެނބުރިލިއެވެ. އެއާއިއެކު ހެވިފައި އިނދެ ޖާވިދް ސައިކަލް އަނބުރާލީ ޒިވާއަށް ބަލަން އިނދެއެވެ.
****
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރަހީލް ހުރީ ހޮޓެލްގެ ތިރީގައެވެ. އިރުއިރުކޮޅުން އޭނާ ފޯނުން ގަޑި ބަލައިލައެވެ. އެންމެ ފަހުން ފޯނު ނަގައި ކަންފަތުގައި ޖައްސާލީވެސް ހިތްހަމަ ނުޖެހިފައި ހުރެއެވެ.
" މި ނިކުންނަނީއޭ ބުނީމަ އަހަރެން ތިރިއަށް މި ފޭބީވެސް... އަދިވެސް ނުނިމޭތަ؟ "
ރަހީލް އެހެން ބުނި އިރު ޔަޝްމީ ހުރީ ބޭރުގައެވެ. އެހެން ކަމުން އޭނާ އިތުރަށް އެއްޗެއް ނުބުނެ ފޯނު ކަނޑާލިއެވެ.
" ފާޚާނާއަށް ވަންނަން ޖެހުނީއޭ! "
ރަހީލްގެ ކުރިމަތީގައި ހުއްޓި މަޑުމަޑުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ރަހީލް އަނެއްކާވެސް ފޯނަށް ބަލައިލިއެވެ.
" އަދިވެސް ނޭނގެ ދާން މިއުޅެނީ ކޮންތާކަށް ކަމެއް! ޑިނަރ އަކަށްތަ؟ "
ރަހީލްގެ ފަހަތުން ހިނގައި ގަންނަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ރަހީލް ހުއްޓުނެވެ. އަދި ހިނިތުންވެ ހުރެ ޔަޝްމީއަށް ބަލައިލަމުން ބުނެލިއެވެ.
" ހޫމް..ޑިނަރ އަކަށްވެސް ދެވިދާނެ! އެކަމަކު މިރެއަކީ އަހަންނަށް ވަރަށް ހާއްސަ ރެޔެއް! މިދަތުރުގެ އަސްލު މަޤްޞަދު ބުނަންތަ؟ "
ރަހީލް އެހެން ބުނުމާއެކު ޔަޝްމީގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ރަހީލްގެ އެއްވެސް ޙަޤީޤަތެއް އަދިވެސް އޭނާއަކަށް ނޭނގެޔޭ ހިތަށް އެރިއެވެ. ނަމަވެސް ކެތްކޮށްފައި އޭނާ ބޭނުންވީ ރަހީލް ދައްކާ ވާހަކަ އަޑުއަހާށެވެ.
" ޔަޝްއަށް އެނގެއެއްނު އަހަރެން އަބަދުވެސް މަޝްހޫރު ވިޔަފާރި ވެރިއަކަށް ވާން ބޭނުންވާކަން.. އަހަރެން އެކަމަށްޓަކައި ކުރާ މަސައްކަތްވެސް އެނގެއެއްނު.."
ހޮޓެލްގެ ބޭރުގައި އޮތް ކާރެއްގައި ބުރަކަށި ޖައްސާލަމުން އޭނާ ވާހަކަ ދެއްކީ ނުހަނު ހިތްހަމަ ޖެހިގެންނެވެ.
" ހޫމް.. ދެން އަވަހަށް ބުނެބަލަ! ކީއްވެގެންތަ މިރޭ އެހާ ހާއްސަވެގެން މިއުޅެނީ"
ޝައުޤުވެރިކަން ނެތް ގޮތަކަށް ޔަޝްމީ ބުނެލިއެވެ.
" ދުބާއީން އަހަރެން ފޮތި އެތެރެ ކުރަމުންދަނިކޮށް އިތުރު ކޮމްޕެނީއަކުން ފުރުޞަތު ލިބުނީ..އެމީހުންނަކީ ފޮތީގެ އިތުރުން ގަހަނާގެ ވިޔަފާރިވެސް ކުރާ ބައެއް! ވަރަށް ގިނަ ތަންތަނަށް މެއިލް ކުރިން ހޯލްސޭލްކޮށް އެއްޗެހި ނަގަން ވެގެން.. ވައި ފެބްރިކް އެންޑް ޖްވެލެރީ ކިޔާ ކޮންމެވެސް ކޮމްޕެނީއަކުން ދައުވަތު ދީފައި އޮތީ މިކޮޅުގައި އޮންނަ ފެއަރ އަކަށް އަންނަން.. އޭރުން އެމީހުން ހިއްސާ ދޭނެ ކަމަށް ބުނި! އެހެންވެ އަސްލު އަހަރެން މިއައީވެސް!"
ރަހީލްގެ ވާހަކަ ނިމުމުން ޔަޝްމީ ފުންނޭވާއެއް ދޫކޮށްލަމުން ރަހީލްއަށް ފުރަގަސް ދިނެވެ. އަދި ދެއަތް އުރާލުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ކީއްވެ އަހަރެން ގާތު ތިވާހަކަ ނުބުނީ؟ ރަހީލްގެ ޕަރސަނަލް ކަންތައްތައް އަހަންނާ ހިއްސާ ކުރަން ޖެހިލުންވަނީތަ؟ "
ޔަޝްމީގެ ޖުމްލައިން ރަހީލް ތެޅިގަތެވެ. އަދި އަވަސް އަވަހަށް ގޮސް ޔަޝްމީގެ ކުރިމައްޗަށް އަރާ ހިނިތުންވެލިއެވެ.
" ނޫނޭ.. އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ.. ޔަޝްއަށް އަހަރެން ކަމެއް ސިއްރެއް ނުކުރަމެއްނު. މި ކިޔައިދިނީއެއްނު.. އެނގޭތަ މިރޭ އަހަރެން ޔަޝް ގޮވައިގެން މިދަނީ އެ ކޮމްޕެނީގެ މެނޭޖަރާ ބައްދަލްކުރަން! ވިޔަފާރި ވެރިންނާ ޑީލް ހަދައިގެން ކުރިއަރާނީ.. "
މިހާރު ރަހީލް ދައްކަމުންދާ އެއްވެސް ވާހަކައަކާމެދު ޔަޝްމީ މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެއްޗެއް ނުބުނެ އޭނާ ހުރީއެވެ. ނަމަވެސް އެކަމާ ރަހީލްގެ ހިތް މާ ބޮޑަށް ނުތަނަވަސްވެއްޖެއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް މަސައްކަތްކުރީ ޔަޝްމީ ހަމައަކަށް އެޅުވޭތޯއެވެ.
" ދެން ތިހެން ނުހުރެބަލަ! ހީލަބަލަ! ދެން ހިނގާ ދާން.. މިސްޓަރ އަޙްމަދު ދީފައި އޮތް އެޑްރެސްއަށް ގަޑިއަށް ދާން ވާނެ"
ރަހީލް ބުނެލިއެވެ.
" އަޙްމަދޭ؟ ދިވެއްސެއްތަ؟"
ރަހީލްގެ ފަހަތުން ހިނގައިގަންނަމުން ބޭއިޙްތިޔާރުގައި ޔަޝްމީއަށް ބުނެވުނެވެ. އެއާއިއެކު ރަހީލް ބާރުބާރަށް ހެމުން ޔަޝްމީގެ އަތުގައި ހިފާލިއެވެ.
" އަޙްމަދަކީ ދިވެހި ނަމެއްތަ؟ އެއީ ޢަރަބި ނަމެއްނު.. މި ދައްކަނީ މި ދުބާޢީގެ މީހެއްގެ ވާހަކަ"
އޭރުވެސް ރަހީލްއަށް ހެވެނީއެވެ.
***
ދުއްވާފައި ދިޔަ ކާރު މަޑުކޮށްލީ ދިހަބުރީގެ ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ. އެއިމާރާތުގެ ހުރިހާ ފަންގިފިލާއެއްވެސް ހުރީ ކުލަކުލައިގެ ބޮކިން ދިއްލާ އަލިކޮށްލާފައެވެ. ކާރު މަޑުކޮށްލުމާއެކު ރަހީލް އަވަސް އަވަހަށް ފޭބިއެވެ.
" ޔަޝްމީޒް ހޮޓެލް އެންޓް ސްޕާ"
އިސް އުފުލައިގެން ހުރެ ދެޖީބަށް އަތް ޖަހާލަމުން ރަހީލް ކިޔާލިއެވެ. ހޮޓެލްގެ ޓެރަސްމަތީގައި ބޮޑު އަކުރުން ލިޔެ، ލެޑްލައިޓުން ދިއްލާލައިފައިވާ އެ ހޮޓެލްގެ ނަން ފެނުމާއެކު ރަހީލް މަޖާގޮތަކަށް ހީގަތެވެ.
" އޭ! މީ ޔަޝްމީގެ ތަނެއްތަ؟"
ކާރުން ފައިބައިގެން އައިސް ރަހީލްގާތު ޔަޝްމީ ހުއްޓުމާއެކު އޭނާ ބުނެލިއެވެ. އޭރުވެސް ޔަޝްމީއަށް ހުރެވުނީ އެ އުސް އިމާރާތަށް ބަލާށެވެ.
" ޔަޝްމީ ކިޔާ ބައިވަރު މީހުން އުޅޭނެއެއްނު"
ފަރުވާކުޑަ ގޮތަކަށް ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ރަހީލް ޔަޝްމީއާ ގާތަށް ޖެހިލަމުން ކަތި ނަޒަރަކުން އޭނާއަށް ބަލައިލިއެވެ.
" ކީއްވެ ރާގު ބަދަލުވީ؟ އަނެއްކާ އަހަރެން ސަމާސާ ކޮށްލީމަ ރުޅި އައީތަ؟ "
ރަހީލް މަޑުމަޑުން އަހާލިއެވެ. ޖަވާބުގައި ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއާއިއެކު ރަހީލް ހޮޓެލްއާ ދިމާލަށް ހިނގައިގަތީ އެކުގައި އައުމަށް ޔަޝްމީއަށް އިޝާރާތް ކުރަމުންނެވެ.
" ފަސްވަނަ ފްލޯއަށް ދާއިރު މީޓިންގ ރޫމް ޖަހާފައި ހުރި ރޫމަށް އަންނަން ބުނެފައި އޮތީ! ކޮބައިތަ އެބުނާ މީޓިންގ ރޫމަކީ؟ "
ލިފްޓުން ފައިބަމުން ރަހީލް ބުނެލިއެވެ. ގިނަ ޢަދަދެއްގެ ގެސްޓް ކޮޓަރިތައް ހުރި ފަސްވަނަ ފަންގިފިލާގައި ރަހީލް ހިނގަމުން ދިޔައެވެ. ފަހަތުން ޔަޝްމީވެސް ދިޔައެވެ.
" އޯހް! މިހުރީނު އެތަން.."
ރަހީލް ހުއްޓުމަށްފަހު މީޓިން ރޫމްގައި ޓަކި ޖަހާލިއެވެ. އެއާއިއެކު އެތެރޭން ދޮރު ހުޅުވާލީ އަންހެނެކެވެ. އަދި އެތެރެއަށް ވަނުމަށް އިޝާރާތް ކުރުމަށްފަހު އޭނާ އަނެއްކާވެސް ދޮރުކައިރީގައި މަޑުކޮށްގެން ހުއްޓެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. އަރާމު ސޯފާގޮނޑިތަކުން ކޮޓަރި ތެރެވަނީ ފުރާލާފައެވެ. ކޮޓަރީގެ ތެރެއަށް ބަލަމުން ގޮސް ޔަޝްމީއާއި ރަހީލް އިށީނދެލީ އެންމެ ކުރީގައި ހުރި ސޯފާގައެވެ. ހަމަ އެވަގުތެވެ. ކުއްލިއަކަށް މީޓިންގ ރޫމްގެ ދޮރު ހުޅުވުނު އަޑާއިއެކު ފަހަތުން ސަލާމް ގޮވާލި އަޑަށް ރަހީލް ވަގުތުން ތެދުވިއެވެ.އެތެރެއަށް ވަދެގެން އައީ މިސްޓަރ އަޙްމަދެވެ. ރަހީލް ތެދުވެ ހުރި ނަމަވެސް ދެލޯ ބޮޑުކޮށްފައި ޔަޝްމީއަށް އިނދެވުނީ ތެދުވަންވެސް ނޭނގިފައެވެ. އޭނާ އިނީ އަޙްމަދުގެ އަޑާމެދު ޝައްކުވެފައެވެ. އެއަޑަކީ އޭނާއަށް އޮޅުވާލެވޭނެ އަޑެއް ނޫނެވެ. ބާރުބާރަށް ހިތް ތެޅެމުން ދިޔައިރު މުޅި ހަށިގަނޑު ތުރުތުރު އަޅާހެންވެސް ޔަޝްމީއަށް ހީވެއެވެ.
" ރަހީލް؟ "
ދެވަނަ ޖުމްލައިން ޔަޝްމީއަށް ދެލޯ މަރާލެވުނެވެ. ކޮޅަށް ތެދުވެ ހުރި ރަހީލް ހިނިތުންވަމުން ޔެސް ޔެސް އޭ ބުނެ ސަލާމްކޮށްލަން އަތް ދިއްކޮށްލީ މިސްޓަރ އަޙްމަދު އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމުންނެވެ. އިސްއުފުލާލަން ހިތް އެދުނު ނަމަވެސް އޭރުވެސް ޔަޝްމީ އިނީ އިސްޖަހައިގެން ވަރަށް ބޮޑަށް މޫނު ފޮރުވައިގެންނެވެ.
" އަހަންނަކީ ދިވެއްސެއް! އެހެންވީމަ ދިވެހިން ވާހަކަ ދެއްކޭނެ!"
މިސްޓަރ އަޙްމަދުގެ އަޑަށް މިފަހަރު ޔަޝްމީއަށް މަޑަކުން ނީނދެވުނެވެ. އިސްއުފުލައި އޭނާގެ މޫނަށް ބަލައިލަން ޔަޝްމީގެ ހިތް މަޖުބޫރު ކުރުވައިފިއެވެ. އެއާއިއެކު އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލި ކޮށްލައިފިއެވެ. ކުރިމަތީގައި ދާދި ގާތުގައި، ހިނިތުންވުމެއްގައި ހުއްޓި އެހުރީ ދެކެން އެންމެ ބޭނުންވާ މޫނެވެ. ޤަބޫލު ކުރަން ދަތިވި ނަމަވެސް އެއީ އޭނާ އެންމެ ލޯބިވި މީހާއެވެ. އަބަދުވެސް ހިތް ބުނާ ފަދައިން އެއީ ޔަޝްމީގެ ހާރޫނެވެ. ފެންނަ ފެނުމަށް މިހާރުވެސް އޭނާގެ ރީތިކަމާއި ފިރެހެންވަންތަ ކަމަށް ބަދަލެއް ނާދެއެވެ.
ހިނިތުންވެ ހުރެ ހާރޫން ރަހީލްގެ އަތުން އަތް ދޫކޮށްލަމުން ކުރިމަތީގައި ހުރި ސޯފާ ގޮނޑީގައި އިށީނެވެ. އެއާއިއެކު ދެލޯ ބޮޑުކޮށް، ދެތުންފަތް ތުރުތުރުއަޅާ ޙާލުގައި އިން ޔަޝްމީ ފެނި، އޭނާގެ ދެލޯވެސް ބޮޑު ވެގެން ދިޔައެވެ. ހަށިގަނޑު ތަޅުއްވައިގަނެ، ހައިރާންކަމާއެކު ޔަޝްމީގެ މޫނަށް އޭނާއަށް ބަލަން ފެށުނެވެ. އެހިނދު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި، ދެތުންފަތް ލައްޕާލެވުނެވެ. ކުރިމަތިން ފެންނަން އިން ސޫރައިން ހިތަށް ވޭން ލިބެމުންދާކަން ހާރޫންއަށް އިޙްސާސް ކުރެވުނެވެ. އޭރުވެސް ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން ރަހީލްއަށް އިނދެވުނީ ވަރަށް ބޮޑަށް ހެވިފައެވެ. ނަމަވެސް ހާރޫންގެ މޫނުމަތީގައިވާ ހައިރާންކަންފެނި، މާގިނައިރަކު ރަހީލްއަކަށް ހެވިފައެއް ނީނދެވުނެވެ. ނުތަނަވަސްކަމާއެކު އޭނާއަށް ބަލައިލެވުނީ ޔަޝްމީގެ މޫނަށެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް އިސްޖަހާލީ އިތުރަށް ބަލައިލާނެ ހިތްވަރު ނެތިގެންނެވެ.
" ސޮރީ މިސްޓަރ އަޙްމަދު! އަޅުގަނޑަށް އެނގޭ މިކަހަލަ ބިޒްނަސް މީޓިންގ ތަކަށް އިތުރު މީހުން ގެނައުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން.. އެކަމަކުވެސް.... މިސްޓަރ އަޙްމަދު! މިއީ އަޅުގަނޑުގެ......."
" އިޓްސް އޯކޭ ރަހީލް!.. ރަނގަޅުވާނެ! ތިއީ އެއްވެސް މައްސަލައެއް ނޫން.. ޙަޔާތުގައި ތިމާ ކުރާ ކޮންމެ ކަމެއްގައި ތިމާގެ އަތުގައި ހިފާނެ ރަނގަޅު ބައިވެރިޔަކު މުޅި އުމުރަށް ތިމާއާއެކުގައި ވުމަކީ ރަހީލްއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް"
ހިންދިރުވާލުމަށްފަހު ހާރޫން އެހެން ބުނުމާއެކު އިސްޖަހާލައިގެން އިން ޔަޝްމީ ސިހިފައި އޭނާގެ މޫނަށް ބަލައިލިއެވެ. ހާރޫންގެ ޖުމްލައިން އަނެއްކާވެސް ރަހީލްއަށް އިނދެވުނީ އުފާވެރި ހިނިތުންވުމެއްގައެވެ. ނަމަވެސް ހާރޫންގެ އަޑުގައި ހިތްދަތި އަސަރުތަކެއް އެކުލެވިފައިވާކަން ޔަޝްމީއަށް ފާހަގަ ކުރެވުނެވެ. އޭނާގެ ހިތުގެ އަޑިން ރޯކަން ޔަޝްމީއަށް އިޙްސާސް ކުރެވުނެވެ. އެހިތަށް ކުރާނެ އަސަރުތައް ވަޒަން ކުރެވުނެވެ.
" ދުވަހަކުވެސް ތިމާ ދޫކޮށް ނުދާނެކަމުގެ އިތުބާރާއި ޔަޤީންކަންވެސް ހޯދަން ޖެހޭނެ! "
މިފަހަރުވެސް ވާހަކަ ދެއްކީ ހާރޫނެވެ. ނަމަވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ ޔަޝްމީގެ މޫނަށެވެ. ހާރޫންގެ ވާހަކަ އަޑުއަހަން އިން ރަހީލް ހިނިތުންވެލަމުން ޔަޝްމީގެ އަތުގައި ހިފާލިއެވެ. އެހިނދު ހާރޫންގެ ނަޒަރު ހުއްޓުނީ ރަހީލްގެ އަތުގެ ތެރޭގައި އޮތް ޔަޝްމީގެ އަތަށެވެ. އެ ރީތި،ތުނިތުނި އަތްތިލައަކީ އެއް އިރެއްގައި އޭނާ ބޮސްދީހެދި އަތެކެވެ. އޭނާގެ ގައިގައި ފިރުމި އަތެކެވެ. އަދި އޭނާއަށް އެތައް ޚިދުމަތްތެކެއް ކުރި އޯގާތެރި އަތެކެވެ. ހަނދާނަކަށްފަހު ހަނދާންތަކަކުން ހާރޫންގެ ސިކުނޑި މޮޔަވަމުންދާ ކަހަލައެވެ.
" އަޅުގަނޑާ ތިހާ ގާތްކޮށް ވާހަކަ ދައްކާތީ ބުނެލަން ބޭނުން.. މިއީ އަހަރެންގެ ނަސީބު"
ލޯބިން ފުރިގެންވާ ފަދަ ބެލުމަކުން ރަހީލް ޔަޝްމީއަށް ބަލަން އިނދެ ބުނެލިއެވެ. އެއާއިއެކު ހާރޫން އެއް މިޔަކަނުން ހީލަމުން އިސްޖަހާލީ އަތުގެ އިނގިލިތަކަށް ބާރުލައި ފިއްތާލަމުންނެވެ. ހަމަ އެވަގުތެވެ. ހާރޫންގެ ފޯން ރިންގްވާން ފެށިއެވެ.
" އެކްސްކިއުޒް.."
ހާރޫން އެހެން ބުނެލުމަށްފަހު އަވަސް އަވަހަށް ތެދުވިއެވެ. އޭރު ޔަޝްމީއާއި ރަހީލްއަށް ތިބެވުނީ ސީދާ ހާރޫނަށް ބަލާށެވެ.
" ކީކޭ ދަރިފުޅާ! ބައްޕަ ދާނަން އިނގޭ ވަރަށް އަވަހަށް.. ނުވާނެ އެހާ ލަހެއް"
ތަންކޮޅެއް ދުރަށް ހިނގައިގަންނަމުން ހާރޫން ބުނެލި އަޑު އިވުނެވެ.
" ދަރިފުޅޭ"
ހިތާހިތާ ޔަޝްމީއަށް ބުނެވުނެވެ. އެއާއިއެކު އޭނާގެ ހިތަށް ލިބެމުންދާ ތަކުލީފްތައް އިތުރުވެގެން ދިޔައެވެ. ނަމަވެސް ހާރޫންގެ ގާތުން ދުރަށް އޭނާ ދިޔުމުގެ ޙަޤީޤީ މަޤްޞަދަކީ އެއީކަން ޔަޝްމީ ހަނދާންވުމާއެކު އޭނާއަށް އިސްޖެހި ހިމޭން ވެވުނެވެ.
" އެގުޅީ ދަރިފުޅު! ގެއަށް އަންނަނީ ކޮން އިރަކުންތޯ ބަލަން"
ގަދަކަމުން ހިނިތުންވަމުން ހާރޫން އެހެން ބުނެލި ނަމަވެސް އޭނާގެ ދެލޯ އޭރުވެސް ރަތްވެފައިވާތަން ޔަޝްމީއަށް ފެނުނެވެ.
" ދަރިފުޅު ނުނިދާނެ އަޅުގަނޑު ނެތިއްޔާ! "
މިފަހަރުވެސް ހާރޫން ހީލީ ގަދަކަމުންނެވެ.
" އެހެންތޯ؟ މަންމަގާތުވެސް ނުހުރޭދޯ"
ރަހީލް ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ. ހާރޫން ބޯޖަހާލަމުން އަނެއްކާވެސް އިސްޖަހާލީ އިތުރަށް ޔަޝްމީއަށް ކުރިމަތިލާން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.
" އަޅުގަނޑު ހީކުރީ ތިއީ ބޭރު މީހެއްކަމަށް. އޭރު މެއިލުން ވާހަކަ ދެއްކި އިރަކުވެސް ނޭނގުނު! ދެން ދިވެއްސަކަށްވީމަ ވަރަށް އުފާވެއްޖެ.. "
ރަހީލް ބުނެލިއެވެ.
" އަޅުގަނޑުމެން އަދި ވަރަށް ހެވިފައި މިތިބެނީ މި ހޮޓެލަށްވެސް ޔަޝްމީގެ ނަމުން ނަން ދީފައި އޮތީމަ..ދޯ ޔަޝް"
ރަހީލް އެހެން ބުނުމާއެކު ހާރޫން ފުން ނޭވާއެއް ދޫކޮށްލިއެވެ.
" އާނ! އެއީ ވަރަށް ޚާއްސަ ނަމެއް! ކުރިން... ޔަޝްމީއަކީ އަޅުގަނޑުމެން ކޮމްޕެނީގެ ބްރޭންޑް ނޭމް! ޔަޝްމީ ޖްވެލަރީ އާއި ޔަޝްމީ ފެބްރިކްސްގެ ނަމުގައި ދުބާއީގައި ގިނަ ފިހާރަތައް ހުންނާނެ.. "
އެހެން ބުނެ ހާރޫން ކޮޅަށް ތެދުވިއެވެ.
" ދަރިފުޅު މެސެޖްވެސް އެބަ ކުރޭ! އަޅުގަނޑަކަށް ނެތް މިވަގުތު އިތުރަށް މަޑުކުރެވޭކަށެއް.. އަޅުގަނޑުމެންގެ ޑީލް ހަމަ ކުރިއަށް ދާނެ.. އިތުރަށް ރަހީލް އަޅުގަނޑާ ބައްދަލްވެލަން ގުޅާލާ! މިއޮތީ ކާޑު"
ރަހީލްގެ އަތަށް ހާރޫންގެ ހޮޓެލްގެ ކާޑު ދިއްކޮށްލުމަށްފަހު އޭނާ އަވަސް އަވަހަށް އެނބުރިގަތީވެސް ވަގުވަގަށް ޔަޝްމީއަށް ބަލައިލަމުންނެވެ. އޭރު ޔަޝްމީއަށްވެސް ހުރެވުނީ ހާރޫންގެ ލޮލަށް ބަލާށެވެ. ނަމަވެސް މަޑުކުރުމެއްނެތި ހާރޫން ބާރުބާރަށް ނިކުމެގެން ދިޔައެވެ.
" ވަރަށް ބެސްޓް މީހެއްދޯ! އެއްވެސް ފޮންޏެއް ނޫން.. ދިވެހިންނަކީ ހާދަ ސަޅި ބައެކޭ"
ނިކުންނަން ހިނގައިގަންނަމުން ރަހީލް ބުނެލިއެވެ. އޭނާގެ ފަހަތުން ލަސްލަހުން ހިނގަމުން ދިޔަ ޔަޝްމީގެ ހިތުގެ ހިނގުން ހީވަނީ ހުއްޓިފައިވާ ހެންނެވެ. އެތައް ދުވަހަކަށް ފަހު ހާރޫން ފެނުމުން އޭނާގެ ހިތް ތެޅިފޮޅި ވަރުބަލިވީއެވެ. ވިންދު ޖަހާނެ ބާރުވެސް އެހިތުގައި ނެތީއެވެ. ލޮލުތެރޭގައި ހިފެހެއްޓިފައިވާ ކަރުނަތައް އެތެރެއަށް ހިންދަމުން ދާއިރު، ނޭވާ ކުރުވާހެންވެސް ހީވެއެވެ. ވަރުބަލިވެ، މާނޭވާ ލެވޭފަދަ ގޮތްތަކެއް ވާކަންވެސް އިޙްސާސް ކުރެވެއެވެ.
" މިފަހަރު ދާނީ މި މީހުން އަތުން ބައިވަރު މުދާ ނަގައިގެން! އޭރުން ދެން ނުޖެހޭނެ ހާސްވާކަށް.."
ކާރެއްގެ އިންތިޒާރުގައި ހުރެ ރަހީލް ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ގަދަކަމުން ހިނިތުންވެލިއެވެ. އޭރުވެސް ހާރޫންއާ ބައްދަލް ވާހިތުން ޔަޝްމީއަށް ކެތެއް ނުކުރެވެއެވެ. ވިސްނާވިސްނާވެސް ނިކުމެގެން ދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ރަހީލްގާތު ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެހެންކަމުން ކެތްތެރިކަން އިސްކޮށް އޭނާ ރަހީލްގެ ފަހަތުން ހިނގައިގަތެވެ.
***
ޔާނިޝްގެ ކޮޓަރިއަށް ވަދެ، އެ ދަރިފުޅު ނިންދަވާލުމަށްފަހު ހާރޫން ތެދުވިއެވެ. އަދި ހުޅަނގު ބިތަށް ކުރިމަތިލައިގެން ހުރެ ދެޖީބަށް އަތް ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ޔަޝްމީ!! "
އެ ބިތުގައި ހަރުކޮށްފައި ހުރި ޔަޝްމީގެ ރީތި ތަސްވީރަށް ހާރޫން ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައިވާ ލޮލަކުންނެވެ.
" ޔަޝްމީ! "
ދުލުކުރީގައި އޮތީ ޔަޝްމީގެ ނަމެވެ. އިތުރު އެއްވެސް އެއްޗެއް އޭނާއަކަށް ނުބުނެވުނެވެ. ކަރުނައިން ދެލޯ ފުރެމުންގޮސް ހުރިހާ ދިމާލެއް ފުސްވުމާއެކު ދެއަތުން އޭނާ މޫނާއި ދެލޯ ފުހެލުމަށްފަހު ގޮސް ސިޓިންގރޫމް ސޯފާއަށް ވެއްޓިގަތެވެ.
" އަހަރެން ޔަޝްމީދެކެ ވީ ލޯބި އިޙްސާސް ނުވީ ކީއްވެ؟ ކޮންމެ ޙާލެއްގައިވެސް ޔަޝްމީ ގޮވައިގެން އުޅެން ތައްޔާރަށް ހުއްޓާ، އަހަރެން ދޫކޮށް ދިޔައީ ކީއްވެ؟ "
ރޮމުން ރޮމުން ހާރޫންއަށް ބުނެވުނެވެ. އެހެން އިރުކޮޅަކު އޮވެލުމަށްފަހު އޭނާ ތެދުވިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ފޯން ސްކްރީންގައިވާ ޔަޝްމީގެ ފޮޓޯގައި މޫނު ޖައްސާލުމަށްފަހު އޭނާ ދަތްކުނޑި ވިކާލިއެވެ. އަދި އަތުގައި އޮތް ފޯނު ބާރުބާރަށް މުށިތައް މައްޗަށް ނަގައި ޖެހިއެވެ. ފުނޑުފުނޑުވެގެން ދިޔަ ފޯނަށް ބަލަހައްޓައިގެން ހުރި އިރުގައިވެސް އަވަސް އަވަހަށް ފުން ނޭވާތައް ދޫވަމުން ދެއެވެ.
" އަހަރެން ޔަޝްމީދެކެ ވީ ލޯބި ނޭނގުނީ ކީއްވެހޭ؟ "
ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން އޭނާ ކުޑަކަކޫ ޖަހައި ތިރިވިއެވެ. އަދި އެ އޮތްގޮތަށް އޮވެ ގިސްލަމުން ދިޔައީ ކިހާ އިރެއް ވަންދެން ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.
***
" ބައްޕީ! ކޮއްކޮގެ މަންމި މިރަށުގައި އެބައުޅެޔޭ! ބައްޕި ޤަބޫލު ނުކުރިޔަސް ކޮއްކޮއަށް މަންމަ ފެނުނޭ ބައިވަރު ފަހަރު ބުނެފީމެއްނު! "
ޔަޝްމީއާ ޔާނިޝް ބައްދަލްވީފަހުން ކޮންމެ ދުވަހެއްގެ ފެށުމަކަށް ހާރޫނަށް އިވެނީ އެ ޖުމްލަތަކެވެ. ކުރިން ހާރޫން އެވާހަކަ ޤަބޫލު ނުކުރި ކަމުގައިވިޔަސް މިހާރު އެއީ ތެދެއްކަން ހާރޫންއަށް އިނގެއެވެ. ނަމަވެސް މިއަދު އެއްޗެއް ބުނާނެ އެއްވެސް ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
" ބައްޕީ! މަންމަ ހާދަ ރީއްޗޭ! ޔާންގެ މަންމަ ވަރަށް ލޯބި! ފޮޓޯއަށްވުރެެވެސް މާ ރީތި!"
ހާރޫން ދިއްކޮށްލި ޕާންފޮތީގައި ހިފަމުން ޔާނިޝް އެހެން ބުނުމާއެކު ހާރޫންގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ.
" މަންމަ ކީއްވެ މިގެއަށް ނާންނަނީ؟ މަންމައަކަށް ޔާންއެއް ނޭނގުނު.. މަޑުކުރާށޭ ބުނީމަވެސް ބައްޕި ގޮވައިގެން އައި އިރު މަންމިއެއް ނެތެއްނު.. އެއީ ކީއްވެތަ ބައްޕީ؟"
ތަކުރާރުކޮށް ކޮންމެ ދުވަހަކު އެއްސުވާލު ތަކެއް ކުރަމުން ދާތީ ހާރޫންގެ ހިތް ކުދިކުދި ވެގެން ދާ ކަހަލައެވެ. ގަދަކަމުން ހީލަމުން ހާރޫން ޔާނިޝްގެ ގައިގައި ބައްދާލަމުން އޭނާގެ މޭގައި ޖައްސާލިއެވެ. އަދި އެ ކުޑަ ދަރިފުޅުގެ ގައިގައި ފިރުމާލަމުން ބުންޏެވެ.
" މިއަދުން ފެށިގެން ދަރިފުޅުގެ މަންމައަކީވެސް ބައްޕައަކީވެސް ހަމައެކަނި ބައްޕި! ބައްޕި މާ ރަނގަޅަށް ދަރިފުޅު ބަލަމެއްނު.. އެހެންވީމަ މަންމިވެސް ބޭނުންވާނީ ދަރިފުޅުގާތު ބައްޕި ހުންނަން"
ބެދެމުންދާ އަޑަކުން ހާރޫން ބުނެލިއެވެ. ރައްދުގައި ޔާނިޝް ބުނާނެ އެއްޗެއް ނޭނގޭތީވެ ހާރޫން ހުރީ އިންތިހާއަށް ހިތް ބިރުގަނެފައެވެ. ނަމަވެސް ދެލޯމަރައި ބާރުކޮށްގެން އޭނާ އިނީ ޔާނިޝްގެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭން ތައްޔާރު ވެގެންނެވެ.
" އެކަމަކު ކޮއްކޮ ގާތަށް މަންމި ގެނެސްދީބަލަ! މަންމިއަށް ކޮއްކޮ ނޭނގުނީ ކީއްވެތަ ބައްޕީ؟"
މަންމައެއްގެ ލޯތްބަށް އެދި ޔާނިޝް ފެންބޮވައިގަނެފައިވާވަރު ފެނި ހާރޫންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ އިތުރަށް ޔާނީޝް ގަޔާލާ ފިއްތާލަމުން ބުންޏެވެ.
" މަންމިއަށް އަދި އެނގޭނެ! ބައްޕި އަބަދުވެސް ބުނަމެއްނު ކެތްތެރިވާން ވާނެޔޭ! އަދި މަންމި އަންނާނެ.."
ޔާނިޝްއަށް ދެމުންދާ ތަރުބިއްޔަތަކީ ހާރޫންގެ ކަށިން ހިތްވަރު ނެރެގެން ދޭ ތަރުބިއްޔަތެވެ. އެހެންކަމުން ޔާނީޝް ބޮޑުވަމުން އަންނަނީ ހާރޫން ބޭނުންވާފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ހާރޫންއަށް މިހާރު ލިބެމުންދާ ހަމައެކަނި އުފަލަކީވެސް އެއީއެވެ.
***
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Alheyyy … rovijje … haarooon vaa hiyyvaru gadha.. konmss 2 meehun gulhuvadheythi
މީހާދަ އުފާވެރިކަމެއްނެއް ވޭންދެނިވި ވާހަކައެކެ މިގޮތައް މިވާހަކަ ގެއްދަނީކީވެބަ ވަރައްދެރަ ހާރޫނުވެސް މީހަކާއިނީދޯ. ދެންއެދެމީހުން އެކަނި ައްދަލު ެ އެކަކުއަނެކަކަން ކަންތައް ސާފުކޮންދޭނެގޮތެއް ެސްނެތީތަ
Alhey yashmy hama emeeha yaa indhegentha ulheny Haaroon kihaa dheravaane
Haaroon miihakaa idhegen thr ulhenii nooni nuidhethr uohenii hama gaimu ves e kuda kujja mamma ekiyanii yasmee ah Dhen kihineh vaki igeynii aee yasmee ge dharieh kameh aee
ދެން ކެތެއް ނުވާނެ ސަލާ. ހާރޫން އާއި އެކު އަހަރެމެންވެސް މިވަރަށް ނުރޮއްވަބަލަ. އަސްލުވެސް ޔަޝްމީ ދެކެ ރުޅިއާދެވޭ. ހާރޫން ދޫކޮއް ދިޔައީމަ. ވަރަށް އަސަރުގަދަ މިވާހަކަ. މިހާރު ކިޔާލަން ބޭނުމީ ހާރޫން އާއި ޔަޝްމީގެ ވަރަށް އުފާވެރި ލޯބި ލޯބި ޕާރޓް ތަކެއް.
Alun edge meehun gulhu vai dhee heyo nuvaane plz
Alun edhe meehun gulhu vai dhee heyo plz
Varah Asaru koffi ekamaku varah reethi keep it up
Yashmee dhen raheelah kiyaadhee Eee kan yashmeege haaroonaky mivaahakaiga kadha thankolhaky raheelaa yashmee mihaa avahah gulhuvun
Haaroon adopt kuree e kujjaa… dharieh beynun vaathee.. mamma akee yashmee kamuga hadhaigen
ދެންވާންވީގޮތަކީ ރާހިލް މަރުވާންވީކަންނޭގެ ދެންޔަސްމީއާހާރޫނުއާ.ގުޅެއްވީ އޭރުން ހިތާމަކުރާނެމީހަކުނުހުންނާނެނު
Kobaa vaahaka
މިއަދުގެ ބައި ކޮބައިތޯ؟ ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ
Kobaa miadhuge bai
?Kobaa miadhuge bai