ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި ކެމްޕެއިނާ މިރޭ ގުޅިވަޑައިގެންފިއެވެ.
ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާފައިވާ ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި އަމީންގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި ގާސިމްގެ އެޑްވައިޒަރ ޔަޝްފާ އަބުދުލްޣަނީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ ޖެފްރީ ސާލިމް ވަހީދާއި ކައުންސިލް ބައެއް މެމްބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އާއި ޒުބެއިރު މުހައްމަދާއި، އަހުމަދު ޝަފީޤް (މ.ސައްޕޭ)އާއި، އަހްމަދު ފަޒީލާއި، އަލީ ނަޖީބާއި، އަހުމަދު އުމަރާއި، މުހައްމަދު ފަޔާޒާއި، މުހައްމަދު ސައީދާއި، މުހައްމަދު އަދުހަމާއި، ހުސެން ޝަފީއު އާއި ޝަމްލީގެ އިތުރުން ޖޭޕީގެ ޔޫތު ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފާއި ޖޭޕީގެ އެހެން ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސޯސަން މަގުގައި އާއި ސޯސަން ޖަގަހައިގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އަމީން އާއި ޖޭޕީގެ ކައުންސިލް މެމްބަރުންތަކެއް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި އިރު، ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ސޯލިހަށް އެންޑޯޒް ކުރައްވައިފައެވެ. އަދި އިލްހާމް ވަނީ ޖޭޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމަށް 5،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ދިޔައީ ފަސް ވަނައަށެވެ. އޭގެ ފަހުން ގާސިމް ވަނީ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ޖޭޕީގެ މެމްބަރުން، އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުން އެއީ މައްސަލައެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންތަކެއް މިރޭ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!