ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ރޭ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.

އިލްހާމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރޭ މާވެޔޮ މަގުގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުވަދޫ ކެންޕޭނު ޖަލްސާގައެވެ.

Ad
rt

އިލްހާމް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމު އަރުވާފައި ވަނީ ރައީސް ޞާލިޙްގެ އަތްޕުޅަށެވެ.

އެމްޑީޕީ އަށް ސޮއިކުރެއްވުމުގެ ކުރިން އިއްޔެ އިލްހާމް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ރައީސް ޞާލިޙްކަން ޢިއުލާން ކުރައްވާފައެވެ. ރައީސް ޞާލިހަށް ތާއީދު ދެއްވައި އިލްހާމް އިއްޔެ ވިދާޅުވީ، ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރު ވެސް ބުނަމުންދާތީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފި ނަމަ، ނުކުންނާނެ ނަތީޖާއާ މެދުގައި ވިސްނަވާފައި ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވީ ކަމަށެވެ.

އިލްހާމް އެމްޑީޕީ އަށް ސޮއިކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަނިޔާ ލިބުނު އެއްވެސް އާއިލާއަކުން ޕީޕީއެމްގެ ވެރިކަމެއް އަނބުރާ މި ރާއްޖެއަށް ގެންނަން ނޭދޭނެ ކަމަށެވެ. އަދި އޭގެ ހެއްކަކީ ޕީޕީއެމްގެ ވެރިކަމުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލަށް ލީ އޭނާ ކަމަށް ވިދާޅުވެފަވެއެވެ.

އިލްހާމަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީމް)ގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖޭޕީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމާއި، ޤާސިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާފަވެއެވެ.

މީގެ އިތުރުން އެންމެ ފަހުން ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ހުންނެވި އިލްހާމް ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ވެސް ކުރައްވާފައެވެ.