ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލާއި އޮސްޓްރިއާގެ ލަސްކް ލިންޒް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ލަސްކް ލިންޒް އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ފްލޯރިއަން ފްލެކާ، ލިވަޕޫލުގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދުރުކަނަށް ވައްދާލާފައި ވަނީ ކީޕަރަށް އެ ބޯޅަ މަތަކުރާނެ އެއްވެސް ފުރުޞަތެއް ނުދީއެވެ.
ލިވަޕޫލުން ލީގުގައި އެންމެ ފަހުން ވުލްވްސްއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރާގައި ހިމެނި އެއްވެސް ކުޅުންތެރިއަކު ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. ރޭ ލިވަޕޫލުގެ ފުރަތަމަ އެގާރާގައި ހިމަނާފައިވާ ގިނަ ކުޅުންތެރިންނަކީ އާންމުކޮށް ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ކުޅުންތެރިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ލިވަޕޫލަށް ނަތީޖާ ނުނެރެވުނެވެ.
ލިވަޕޫލުގެ ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޑާވިން ނުނޭޒްއެވެ. މި ޕެނަލްޓީއަކީ ލިވަޕޫލްގެ ޑިއާޒްއަށް ލަސްކްގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ދީފައިވާ ޕެނަލްޓީއެކެވެ.
ލިވަޕޫލުން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމްގެ މިޑްފީލްޑް ބަދަލުކޮށްލައި ގޭމް އެއްކޮށް ކޮންޓްރޯލް އަތުލާފައެވެ. މެލް އަލިސްޓާއާއި ޑޮމިނިކް ޒޮބޮސްލާއީގެ އިތުރުން ޖޯ ގޮމޭސް ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ކުޅެން އަރުވާފައެވެ. ފަހުން މުހައްމަދު ސަލާހް ވެސް ވަނީ ކުޅެން އަރުވާފައެވެ.
ލިވަޕޫލުގެ ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ޑިއާޒް ޖަހައިދިންއިރު ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސަލާހްއެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމްކަމަށްވާ ޓޮލޫސޭ އެފްސީއާއި ޔޫނިއަން ސެއިންޓް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!