ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ، ފައިބެއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 17 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 7 އިންސައްތަ ވަނީ އިތުރުވެފައި ކަމަށް ވެސް ދައްކައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދު 5 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ވެސް ދައްކައެވެ.
މީރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ޖަރުމަނު ވިލާތް ހިމެނެއެވެ.
އެގޮތުން އޮމާނުން 887 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 736 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 648 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 398 މިލިއަން ރުފިޔާގެ މުދާ، ޖަރުމަނު ވިލާތުން 364 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!