ރާއްޖޭގައި މިހާރުއޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ގުޅިގެން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާއިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ފަށައިފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރު، އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ.
އެހެންވެ، މިކަމާއިމެދު، ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުންދާ ކަމަށް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މި ގަރާރަށް މުޅި މަޖިލިސް ބަހުސްކުރެއްވުމަށްފަހު، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާ އެ ގަރާރު ފާސްކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފާސްކޮށްފައި ވެއެވެ.
މިކަމާއިގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރިންވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި އެ އިންތިހާބަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ އިންތިހާބެއް ބާއްވާއިރު، އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށާއި ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އީސީގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!