ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އާސެނަލުން ފެށުން ރަނގަޅު ކޮށްފިއެވެ.

ރޭ ގްރޫޕް ބީގައި އާސެނަލްއާއި ނެދަލެންޑްސްގެ ޕީއެސްވީ އެންދޮވެން ބައްދަލުކުރި މެޗު، އާސެނަލުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އަށްވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާއެވެ. ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ސަކާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ޓްރޮސާޑެވެ. ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސްއެވެ.

އާސެނަލުގެ ހަތަރުވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ނެލްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ، ކެޕްޓަން މާޓިން އޮޑެގާޑެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން އާސެނަލް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ވަދެ ތިބި އެ ޓީމްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.