ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ރަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާއްސަ މަޖިލިހުގައި އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސް ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.
ރިޔާޒް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި އިރު، އޭނާ ނިސްބަތްވާ ޖޭޕީން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އެޕާޓީން ރަސްމީކޮށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް އަމިއްލަ ހައިސިއްޔަތުން އެބޭފުޅަކު ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެކަމަކު، ޕާޓީގެ ނަން ބޭނުންކޮށްގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރިޔާޒްގެ އިތުރުން ޖޭޕީގެ ވަރަށް ގިނަ ބައެއްގެ ތާއީދު އޮތީ ރައީސް ސޯލިހަށެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ބޭނުންވާ ބޭފުޅުންތަކެއް ވެސް އެ ޕާޓީގައި އެބަތިއްބެވިއެވެ.
އަދި ވަކި ބޭފުޅަކަށް ތާއީދު ކުރައްވަން ބޭނުން ނުވާ ބޭފުޅުން ވެސް އެބަތިއްބެވިއެވެ.
ރިޔާޒު އެންމެ ފުރަތަމަ އިންތިހާބުވީ ފެހި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ. އެ މަޖިލީހުގެ ތ. އަތޮޅު މެމްބަރުކަމަށް ފަހު، 17، އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ގޮނޑިއަށް އޭނާ އިންތިހާބުވެވަޑައިގަތެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ އަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!