ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ޔޫނިއަން ބާލިން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރުވަގުތުގައި ޖޫޑް ބެލިންހަމް ލަނޑުޖަހައި (1-0) ރެއާލް މޮޅުކޮށްދީފިއެވެ.

މި މެޗުގައި ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޔޫނިއަން ބާލިންގެ ފަރާތުން ވަނީ ރެއާލް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ގޭމެއް ފެނިގެން ގޮސްފައެވެ.

Ad
rt

ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތުތަކެއް ރެއާލަށް ނުހޯދުނު ނަމަވެސް ދެވަނަ ހާފުގައި ރެއާލުން ވަނީ ބާލިންގެ ގޯލަށް ވަރަށް ބޮޑަށް ބާރު ބޮޑުކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ބާލިންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރޮޑްރިގޯ އެއްފަހަރުން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޭގެ ނުވަ މިނެޓް ފަހުން ރެއާލްގެ ފޯވާޑް ހޯސެލޫ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ބާލިންގެ ކީޕަރު އަތުގައި ޖެހިފައި ގޯލުން ބޭރަށް ނުކުތީ ދަނޑީގައި ވެސް ޖެހިފައެވެ. މީގެ އިތުރުން ވެސް ހޯސެލޫ ބޮލުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބާލިންގެ ކީޕަރ ރޮންނޯވަނީ ދިފާއު ކޮށްފައެވެ.

ރެއާލުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެއް ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓްތެރޭ ޖަހައިދިނީ ބެލިންހަމްއެވެ. ބާލިންގެ އޭރިއާ ބޭރުން ރެއާލްގެ އުރުގުއޭ މިޑްފީލްޑަރ ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާ ރިބައުންސް ވީވަގުތު ބެލިންހަމް ވަނީ ހުހަށް ހުރެ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ބެލިންހަމް ރެއާލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިއީ އޭނާ ރެއާލަށް މިހާތަނަށް ކުޅެދިން ހަ މެޗުގައި ޖެހި ހަވަނަ ލަނޑެވެ.

ގްރޫޕް ސީގައި ރޭ ނަޕޯލީން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއިން ބްރާގާ ބަލިކޮށްފައެވެ. ރޭ މެޗުގައި ނަޕޯލީގެ ފުރަތަމަ ލަނޑު ޑި ލޮރެންޒޯ ޖަހައިދިންއިރު، ނަޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ބަރާގާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ބްރާގާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ބުރްމާއެވެ.