ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ.
" އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި"
ޔަޝްމީއަށް ބުނެވުނެވެ.
***
މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި އަތް ބާއްވާލައިގެން އޭނާ އޮތްއިރު މޫނުމަތީގެ ކުލަވަރުން، ފާއިޒާ ފިކުރު ކުރާކަން ޝާކިރަށް ޔަޤީންވިއެވެ.
" ދެން އެމަންޖެ އަންނާނެ އެއްނު މާދަމާ! ތިހާ ވަރަށް ފާއިޒާ ވިސްނަންޏާ އަނެއްކާވެސް ހަކުރާ ލެޔާ މަތިވެދާނެ."
މަގަތުގައި އިށީންނަމުން ޝާކިރު ބުނެލިއެވެ. އެއާއިއެކު ފާއިޒާ އަރިއަކަށް އޮވެލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެއީ ހާދަ ނުވިސްނޭ ދަރިއެކޭ! އެހާ ރީތި ދިރިއުޅުމެއް އުޅެފައި އެހުރީ ކުރި ކަންތައް.. ހާރޫން ކަހަލަ މީހަކު މި އުޑުދަށުން ނުލިބޭނެ.. މިހާރު ޔަޝްމީއަށް އެކަން ވިސްނޭނެ.. ޝާކިރު! ދެން ބުނެބަލަ އަހަންނަށް ނުވިސްނާ ހުރެވިދާނެތަ؟ "
" ދެން ރަށަށް އައީމަ ޔަޝްމީއަށް ވިސްނައިދޭނީ! އޭރުން ރަނގަޅުވާނެ ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ"
އެހެން ބުނެލުމަށްފަހު ޝާކިރު ތެދުވެގެން ބޭރަށް ނިކުތީ ކާންދާން ހިނގާށޭ ބުނަމުންނެވެ.
***
ދެރަވެ، ފޫހިވެފައި އޮތް ޔަޝްމީ ސިހުނީ ކައިރިގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނަށް އިރުކޮޅަކު ބަލަހައްޓައިގެން އޮވެ އޭނާ ފޯނު ނެގިއެވެ.
" މާދަމާ ހެނދުނު ފުރާ ލޯންޗުން ޖާގަ ހޯދަންވީދޯ"
ފުރަތަމަވެސް ޖާވިދް ބުނެލީ ޔަޝްމީ ރަށަށް ގެންދާ ވާހަކަައެވެ. ނަމަވެސް ޔަޝްމީ ހުރީ އެއްގޮތަކަށްވެސް ރަށަށް ދާހިތަކުން ނޫނެވެ. އޭނާ އަދިވެސް ބޭނުންވަނީ ހާރޫންއާ ދިމާވޭތޯ މަސައްކަތް ކުރާށެވެ. އެހެންކަމުން އޭނާ ވަގުތުން އެކަމާ އިންކާރު ކުރިއެވެ.
" ދޮންބޭ! އަހަރެން ބޭނުން އަދި މަޑުކޮށްލަން.. މިހެން އުޅެނިކޮށް ހާރޫންއާ ދިމާވެސް ވެދާނެ އެއްނު"
ޔަޝްމީގެ ހިޔާލު ހުރިގޮތުން އޭނާއަށް ވަރަށް އަސަރުކޮށްފައިވާކަން ޖާވިދަށް އެނގުނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަން ޔަޝްމީއަށް ބުނެދޭން ޖާވިދް ބޭނުންވިއެވެ.
" ހާރޫންގެ ރިސޯޓްތަކާ ގެދޮރު ވިއްކާފައި އޭނާ މާލޭގައި އުޅެނީ ކޮންތާކު؟"
ޖާވިދްގެ ސުވާލުން ޔަޝްމީގެ ހިތް ފިހިގެން ދިޔަ ކަހަލައެވެ. އެއާއިއެކު ހާރޫން އޭނާއާ މާދުރަށް ދިޔައީ ކަމުގައި އިޙްސާސް ކުރެވުނެވެ.
" ރާއްޖެތެރޭ ރަށަކަށްވެސް ބަދަލުވެދާނެދޯ! ހާރޫން އަބަދުވެސް މާލޭގައި އުޅެން ފޫހިވާނެ.. ދޮންބޭ! އަހަންނާއެކު މިތާ ކައިރި ރަށްރަށް ބަލައިލަންދާން އާދެބަލަ! ފަހަރެއްގައި އުޅެދާނެ"
އާދޭހުގެ ރާގަކަށް ޔަޝްމީ ބުނެލިއެވެ.
" ކޮއްކޯ! ތިކަން ތިހެން ވެދާނެ ހެންނެއް ދޮންބެ އަކަށް ހިއެއްނުވެޔޭ! ކޮންމެވެސް ދުވަހަކުން އަދި ހާރޫނާ ދިމާވާނެ..ދެން އާދޭ ރަށަށް.."
ޖާވިދަށްވެސް ވާހަކަ ދެއްކުނީ އާދޭހާއެކު އެހާމެ ކަންބޮޑުވެގެންނެވެ. އެހެންކަމުން އިތުރަށް ހާރޫންއާ ބެހޭގޮތުން ޖާވިދް ގާތު އިތުރު ވާހަކަތަކެއް ދައްކާކަށް ޔަޝްމީއަކަށް ނުކެރުނެވެ.
" ދޮންބޭ! އަހަރެން ރަށަށް ދާނަމޭ! އެކަމަކު.. އަހަންނަށް ހީވަނީ ދެން އިންޑިއާއަށްހެން ދާންވީ.. މިހާރު މިމަސްވެސް ނިމެނީ.. ދޮންބެ އަންނަންވީނު އަހަންނާއެކު ގޮސްލަން"
އޭރުވެސް ޔަޝްމީގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. މިފަހަރު ޔަޝްމީއަށް ދެކޮޅު ހަދާކަށް ޖާވިދަކަށްވެސް ނުކެރުނެވެ.
" އާނ! އިންޑިއާއަށް ދިޔުމުގެ ހުރިހާ ކަމެއް ހަމަޖައްސަންވީދޯ! އަންނަ ހަފްތާ ކައިވެނި ކުރަންވާއިރަށް އާދެވޭނެއެއްނު.. އަނެއްކާ މިފަހަރުވެސް ކީމޯ ދޭނެތަ؟ "
ހާސްވެފައި ޖާވިދް ސުވާލު ކުރިއެވެ.
" ނޭނގެ! އެފަހަރު ދިން އިރުގައިވެސް ވަރަށް ވޭންއެޅި. އެމީހުން ބުނީ ކެންސަރު ހުރިއްޔާޔޯ ދޭނީ.. އިންޝާﷲ ނުހުންނާނެ! ހިއެއް ނުވެ.. މިހާރު އެއްވެސް އުނދަގުލެއްވެސް ނުވެޔޭ"
ހިތް އަވަސްވެފައި ހުރިވަރުން ޔަޝްމީއަށް ވާހަކަ ދެއްކުނީ ނުހަނު އަވަހަށެވެ.
" އެންމެ ރަނގަޅު.. ދޮންބެ ޗުއްޓީ އަވަސްކޮށްލާނަން.. ދެން ހިތްހަމަ ޖައްސާލާ! "
ޖާވިދް ފޯނު ބޭއްވުމާއެކު ޔަޝްމީއަށް ދެލޯ މަރާލެވުނެވެ. ހާރޫންއާއެކު އިންޑިއާގައި ހޭދަކުރެވުނު ދުވަސްތައްމަތިން އޭނާ ހަނދާންވާން ފެށިއެވެ. އަދި ހާރޫންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާން ފެށިއެވެ. އެހިނދު އަމިއްލައަށް ހެދުނު ގޯސް އިޙްސާސް ކުރެވި، އަނެއްކާވެސް ހިތާމައިގެ ކަނޑަކަށް ވެއްޓިގަތް ކަހަލައެވެ.
***
" އާދެވޭނެތަ؟ "
ޒޫނާ ސުވާލު ކުރީ ހާސްވެ ހުރެއެވެ.
" ހޫމް.. އާދެވޭނެޔޭ! ކޮއްކޮ ބުނި ޓެސްޓް ހަދާފައި ރަނގަޅިއްޔާ އެ ނިމުނިއްޔޯ! ސަކަރާތިއްޔާޔޯ މަޑުކުރަން ޖެހޭނީ.. އިންޝާﷲ ރަނގަޅުވާނެ.."
ޖާވިދާއި ޒޫނާ ތިބީ އޮފީހުގެ ބޭރު ގޮނޑިބަރީގައެވެ. އޭރު އޮފީސް ގަޑި ނިމެން މާ ގިނައިރުތަކެއްވެސް ނެތެވެ.
" މާދަމާ މާލެގޮސް އަހަރެން ޖެހޭނެއެއްނު ޕާސްޕޯޓު ހައްދަންވެސް.. ދެދުވަސްތެރޭގައި ފުރާނީ! "
ހިނިތުންވެލަމުން ޖާވިދް ބުނެލިއެވެ. ރައްދުގައި ހިނިތުންވީ ނަމަވެސް ޒޫނާ ހުރީ ނުހަނު ކަންބޮޑުވެފައިކަން ޖާވިދަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ އަނެއްކާވެސް ޒޫނާއަށް ޔަޤީންކަން ދޭށެވެ.
" ނުވިސްނަބަލަ! އެކޮޅަށް މީހަކު ގެންގޮއްސަ ވިޔަސް އަހަރެން އަންނާނަމޭ"
ޖާވިދްގެ ޖުމްލައިން މިފަހަރުވެސް ޒޫނާ ލުއިގޮތަކަށް ހީލިއެވެ.
***
ޖެހިގެން އައި ދުވަހު ޖާޥިދް މާލެގޮސް، އިންޑިއާއަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަންފެށިއެވެ. ކުލީ ކޮޓަރިއެއްގައި ހުންނަން ޖެހުމުގެ ސަބަބުން ޖާވިދްވެސް މަސައްކަތް ކުރީ ހުރިހާ ކަމެއް އަވަހަށް ނިންމާލައިގެން ވީހާވެސް އަވަހަކަށް ފުރޭތޯއެވެ. އެހެންކަމުން ބައެއް އެއްޗެހި ގަންނަން ހުރުމުން އޭނާ ވިޔަފާރި ކުރަން ނިކުތީ ޔަޝްމީވެސް ގޮވައިގެންނެވެ.
" ކޮއްކޮ ފޮނުވި ހުރިހާ ލާރިއަކަށް ޑޮލަރު ހެދީ! ދެން ކޮއްކޮ ބޭނުންވާއެއްޗެހި މިރޭ ގަނެދޭނަން.."
އޯގާތެރިކަމާއެކު ޖާވިދް ބުނެލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ނުހަނު މަޑުމަޑުންނެވެ. އޭނާގެ ހަމަހިމޭންކަން ދެނެގަނެވި، ޖާވިދްވެސް މާ ވާހަކަ ގިނަ ކުރާކަށް ބޭނުމެއް ނުވިއެވެ.
" އަހަރެން ބޭނުންވަނީ ރީތިވާ އެއްޗެހި ގަންނަން"
ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކުޑަ ފިހާރައެއް ފެނިގެން ޔަޝްމީ ބުނެލިއެވެ. އޭނާ އެފިހާރައަށް ވަނުމުން ފަހަތުން ޖާވިދްވެސް ވަނެވެ. އެއާއިއެކު އެމީހުންގެ ލޮލުގައި އަޅައިގަތީ ކައުންޓަރު ކައިރީގައި އިން ޝަހާނާއެވެ. އެމީހުން ފެނުމާއެކު ޝަހާނާއަށްވެސް ކޮޅަށް ތެދުވެވުނެވެ. އެއީ މީހުން މަދު ހިސާބެއްކަމުން ފިހާރައިގައިވެސް އެވަގުތު އެމީހުން ފިޔަވައި އިތުރު ބަޔަކު ނެތެވެ.
" ޝަހާ..ނާ؟ "
ޖާވިދަށް ބުނެލެވުނެވެ. އެއާއިއެކު ޔަޝްމީ އެނބުރިގަތީ އެތަނުން ނިކުންނާށެވެ. އެންމެ ހިނދުކޮޅަކުވެސް ޝަހާނާ ފެންނަ ހިސާބުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
" ޔަޝްމީ! ޕްލީޒް މަޑުކޮށްލަބަލަ! ޖާވިދް.."
ބާރުބާރަށް އައިސް ޝަހާނާ ޔަޝްމީއަސް ގޮވައި އޭނާ ހުއްޓުވިއެވެ. ނަމަވެސް ޔަޝްމީ ހުރީ ޝަހާނާގެ މޫނަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ.
" އަހަންނަށް އެނގޭ އަހަންނަކީ މަޢާފް ލިބުން އެކަށީގެންވެސް ނުވާ މީހެއްކަން.. އެކަަމަކުވެސް އަހަރެން ތި ދެމީހުންގެ ކިބައިން މަޢާފަށް އެދެން.. އަހަރެން ކުރި ކުށުގެ ސަޒާ އަހަންނަށް މިހާރުވެސް މިދަނީ ލިބެމުން.. ދުވަހަކުވެސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.."
ފެންކަޅިވެފައި ހުރެ ޝަހާނާ ވާހަކަ ދެއްކިއެވެ. ޖާވިދަށް ބަލައިލެވުނީ ޔަޝްމީއަށެވެ. ނަމަވެސް އޭރުވެސް ޔަޝްމީ ހުރީ އެމީހުންނަށް ފުރަގަސް ދީގެންނެވެ.
" އެއް އިރެއްގައި ތިދެމީހުންނަކީ އަހަރެންގެ އެންމެ ގާތް މީހުން"
އަނެއްކާވެސް ޝަހާނާ ބުނެލިއެވެ. ކުރީގެ މާޒީ ހަނދާންކޮށްދޭން އުޅޭހެން ހީވުމުން ޖާވިދް ބޭނުންވީ އެމައުޟޫ ހުއްޓުވާށެވެ.
" ދެން އެވާހަކަ ނުދައްކާ! އަހަރެމެން މިއުޅެނީ އެކަންތައްތައް ހިތުގައި ލައިގެންނެއް ނޫން.. "
ޖާވިދް ވާހަކަ ދެއްކީ މާ ހާއްސަ ކަމެއް ބަހައްޓައިގެންނެއް ނޫނެވެ. އޭނާގެ އަޑާއި ރާގުންވެސް ޝަހާނާއާމެދު ޖާވިދްގެ ހިތުގައި މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން ޝަހާނާއަށް އެނގުނެވެ.
" އަހަރެން މަޢާފްކޮށްފިން! އާދޭ ދާން ދޮންބޭ! "
ފަސްއެނބުރި ބަލައިލުމަށްފަހު ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ޝަހާނާއާމެދު ފަރުވާލެއް ނުބަހައްޓާ ޖާވިދްވެސް ނިކުންނަން ހިނގައިގަތެވެ. އެދެމީހުން ފިހާރައިން ނިކުންނަންދެން، ބަލަހައްޓައިގެން ޝަހާނާއަށް ހުރެވުނެވެ. އެމީހުން ދިޔުމާއެކު ފުން ނޭވާއެއް އޭނާއަށް ދޫކޮށްލެވުނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުކަން އިޙްސާސް ވުމުންނެވެ.
***
ސިޓިންގރޫމްގައި ޓީވީ ބަލަން އިން ޒޫނާ ސިހުނީ، އެތެރެއަށް ވަދެގެން އައި ފާއިޒާ ފެނުމުންނެވެ. އެއާއިއެކު އޭނާގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުން ވެރިވެގަތެވެ.
" ދަރިފުޅާ! ޖާވިދްމެންގެ ޚަބަރެއް ވީތޯ ބަލައިލަން މިއައީ! މިހާރު ޔަޝްމީ ދައްކައިފިތަ؟ "
ޒޫނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ފާއިޒާ އަހާލިއެވެ. އެއާއިއެކު އުނގުމަތީގައި އޮތް ފޯނަށް ބަލައިލަމުން ޒޫނާ ބޯ ޖަހާލިއެވެ.
" މިހާރު އެއުޅެނީ ހޮސްޕިޓަލުގައި! މިއަދު ހުރިހާ ޓެސްޓްތަކެއް ހަދާނެޔޯ! ދެދުވަހެއްވަރު ފަހުންނޯ ނަތީޖާ ލިބޭނީ! "
ޒޫނާގެ ޖުމްލައިން ފާއިޒާ ލުއިގޮތަކަށް ހީލިއެވެ.
" އާނ މަންމަމެންނަކަށް ނޭނގެޔޭ ވައިބަރުން ގުޅާކަށް.. ނެޓެއްވެސް ނުލިބެ.. ދެން ދަރިފުޅު ކައިރިއަށް އަންނާނަން ގުޅާލަން"
ފާއިޒާ ތެދުވަމުން ބުންޏެވެ. ވަގުތަކީ ޒުނޭރާވެސް ކޮޓަރިން ނިކުތް ވަގުތެވެ.
" އަހަރެން ދާނަން މިއަދު ގުޅާލަދޭން.. "
ޒޫނާ އެހެން ބުނި އަޑު އިވި ޒުނޭރާ ހާސްކަމާއެކު ފާއިޒާއަށް ބަލައިލިއެވެ.
" އަނެއްކާ ކަމެއްވީތަ؟ "
ޒުނޭރާގެ އަޑަށް ޒޫނާ ކޮޅަށް ތެދުވިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ.
" ޖާވިދްގެ މަންމަ އެއައީ އިންޑިއާއަށް ނުގުޅިގެން.! އެހެންވެގެން އެމީހުން ގުޅީމަ ދާނަމޭ މިބުނީ."
ޒޫނާ އޭނާގެ މަންމައަށް ސާފުކޮށްދިނެވެ.
" އަހަރެން ދެން ގޮސްލަނީ.. ޒުނޭރާ ހިނގާބަލަ މަށާއެކު އަހަރެމެން ގެއަށް.. މިގޯތި މީހާއަށް މީރު އެއްޗެއް ދޭނަން"
ހެވިފައި ހުރެ ފާއިޒާ އެހެން ބުނުމުން ޒުނޭރާވެސް އޭނާއާ ދިމާލަށް ހިނގައިގަތީ ހެވި ދިލިފައި ހުރެއެވެ.
" ހާމިދުއަށް މީރު އެއްޗެކޭ؟ "
ޒުނޭރާ ހެމުން ހެމުން ބުނެލިއެވެ. އޭރު ފާއިޒާއާއި ޒުނޭރާ މަޖާވެފައި ވާހަކަ ދައްކަން ތިބިތަން ބަލަން ޒޫނާއަށް ހުރެވުނީ ނުހަނު ހިތްހަމަ ޖެހިފައެވެ.
****
ބަލައިލާ ކޮންމެ ދިމާލަކުން ޔަޝްމީއަށް ސިފަވަނީ ހާރޫންއެވެ. އޭނާ އެހާ ބަލިވެ އުޅުމު އިރުގައިވެސް ހާރޫން އަބަދުވެސް ޔަޝްމީ އުފާކޮށްދީފައި ބަހައްޓާވަރު ހަނދާންވުމާއެކު އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅި އާދެވެއެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ ޔަޝްމީގެ ހިތަށް އެތައް އަނިޔާތަކެއް ލިބެމުންދާ ދުވަހެއް ފަދައެވެ. އިންޑިއާގައި ހޭދަކުރެވޭ ކޮންމެ ސިކުންތަކީ އެތައް ހިތްދަތިކަމަކާ އުނދަގޫތަކެއް ތަޙައްމަލް ކުރަންޖެހޭ ވަގުތުތަކަކަށް ވެއްޖެއެވެ. ސިކުނޑި ވަރުބަލި ވަމުންދަނީ ހާރޫންގެ ހަނދާންތަކުންނެވެ.
" ހުރިހާ ކަމެއް ރަނގަޅަށް ދިޔައްޔާ މާދަމާ ވާނެ ޓިކެޓް ނަގަން"
ކާއެއްޗެހި ގަނެގެން ވަތް ގޮތަށް ޖާވިދް ބުނެލިއެވެ. ނަމަވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. ކާހިތް ނުވެފައި އިން ފާޑަށް އޭނާ ސޯފާގައި އިނީއެވެ.
" ބިރިޔާނީ ކާނަންތަ؟ ދޮންބެ މި ދެދުވަހު މިކަނީ މުޅިންވެސް ބިރިޔާނީ"
ޔަޝްމީއަށް ތަށިވަރެއް އަޅަައިދެމުން ޖާވިދް ބުނެލިއެވެ. ޖާވިދް ވާހަކަ ދައްކަން ފެށުމުން ޔަޝްމީ ހިނިތުންވެލިއެވެ.
" އާދޭ ކާން.. ކޮއްކޮވެސް މިރޭ ބިރިޔާނީ ކާންވާނީ.. އެހެންވެ ތަންކޮޅެއް ގިނައިން މި ގެނައީ"
އަނެއްކާވެސް ވާހަކަ ދެއްކީ ޖާވިދެވެ. އޭރުވެސް ޔަޝްމީ އިނީ ވަރަށް ބޮޑަށް ފޫހިވެފައެވެ.
" އަހަރެން ކާނަން ތަންކޮޅެއް ފަހުން.."
އަތުގައި އޮތް ފޯނަށް ބަލައިލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ޖާވިދް ދެކޮނޑު އަރުވާލިއެވެ.
" ކޮންމެ ރެޔަކު ފަހުން ކާނަމޭ ކިޔާފައި ނުކަމެއްނު.. މާދަމާ އެހާ ހެނދުނު ހޮސްޕިޓަލަށް ދާންޖެހޭނެ.. މި އެއްޗެހި ހުސްކުރަންވާނެ"
ތަންކޮޅެއް ހަރުކަށި ގޮތަކަށް ޖާވިދް އެހެން ބުނެލުމުން ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
***
ފަޔަށް ބާރުލައިފައި ޒޫނާ، ޖާވިދްގެ ގެޔަށް ދިޔައެވެ. އޭރު ފާއިޒާ އުޅެނީ ޝާކިރު މިސްކިތުން އައުމުގެ ކުރިން މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ. ނަމަވެސް ދުރުން އަންނަ ޒޫނާ ފެނި، ފާއިޒާވެސް އެހާމެ އަވަހަށް ގަސްދޮށަށް ނިކުމެއްޖެއެވެ.
" ޑޮކްޓަރަށް ދައްކައިފި! އަލްޙަމްދުލިﷲ ހުރިހާ ކަމެއްވެސް ރަނގަޅޯ!"
ޒޫނާ ހެވިފައި ހުރެ ބުނެލިއެވެ. އެހިނދު ފާއިޒާއަށްވެސް ޙަމްދު ކުރެވުނެވެ.
" ދެން އެމީހުން އަންނަނީ ކޮން ދުވަހަކުން؟ ދަރިފުޅު މަންމައަށް ގުޅާލަދީބަލަ! "
ކެތްމަދުވެފައި ހުރެ ފާއިޒާ ބުންޏެވެ.
" އެމީހުން މިހާރު ވީ ޓިކެޓް ނަގަން ގޮސް! މާދަމާ ފުރޭތޯ ބަލަން ވެގެންނޯ! މަންމަގާތު ބުނެލާށޯ ބުނީމަ އޮފީހުގައި އިނދެފައި އަހަރެން މިއައީ އަވަހަށް! ދެން ދަނީ"
ގަޑި ބަލައިލަމުން ޒޫނާ ބުނެލިއެވެ. އެއާއިއެކު އުފާވެފައި ހުރި ފާއިޒާ އާނެކޭ ބުނެ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޒޫނާ ގޮސް ލޯމަތިން ގެއްލެން ދެން ފާއިޒާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޖާވިދަށް ޒޫނާ ފަދަ ރަނގަޅު ކުއްޖަކު ލިބުމަކީ ނަސީބެކޭވެސް އޭނާއަށް އެވަގުތު ހީކުރެވުނެވެ.
***
" އަހަރެން ބޭނުމެއް ނޫން ރަނގަޅުވާކަށް... ހާރޫންއާ ނުލައި މިދުނިޔޭގައި ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫން..."
ފޯނު ސްކްރީނަށް ބަލަހައްޓައިގެން އޮވެ ޔަޝްމީއަށް ބުނެލެވުނެވެ. އެފޮޓޯއަކީ ޔަޝްމީގެ އަތުގައި އޮތް ހާރޫންގެ އެންމެ ރީތި ފޮޓޯއެވެ.
" އަހަރެން ވަރުބަލިވެއްޖެ ހާރޫން! އަހަރެންގެ ސިކުނޑީގައި އިތުރަށް ވިސްނާނެ ބާރެއް ނެތް.. ވިންދު ޖަހާނެ ހިތްވަރެއް ހިތަކު ނެތް! އެތެރެއަށް ނޭވާ ދަމާލާނެ ވަރެއް ހަށިގަނޑަކުވެސް ނެތް.. ބުނެބަލަ! އަހަރެން ކިހިނެއްތަ ހަދަންވީ؟ ދުނިޔެ މަތިން ހަނދާންނައްތާލަން ވީތަ؟ "
ދެލޯ މަރާލަމުން ޔަޝްމީއަށް ބުނެވުނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Sala haaroonu kobaatha Asoru konthaakahtha vehdhee dhen haaroonaa yashmee Airportun dhimaa kohbala konmes gothakun
Reethi varah
Reethi varah