ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ބޭއްވި ދިއްދޫ އެންމެ އަލިގަދަ ތަރި 2 ވަނަ ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދި ބައްސާމާ، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް
ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ބޭއްވި ދިއްދޫ އެންމެ އަލިގަދަ ތަރި 2 ވަނަ ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދި ބައްސާމާ، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އެ ރަށު އުދަރެސް، އަލްމަރްހޫމާ ހަދީޖާ މުހައްމަދާއި އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ހަނދާނުގައި، އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިއްދޫ އެކުވެރިކަމުގެ ޗޭން، ޖަމިއްޔާއިންނެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާން ކިޔެވުމަށް ލޯބި އުފެއްދުމާއި އެ ފަންނު އާލާކޮށް ދިރުވަން މަސައްކަތް ކުރުމުގެ އިތުރުން ޤުރުއާން ހިތުދަސް ކުރުމަށާއި ތަޖުވީދު މަގުން ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމެވެ. ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިއްދޫ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފައްދައި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދީ ޤުރުއާނަށް ހިތް ޖެއްސުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫ ރައްޔިތުންނަށެވެ. މީގެ އިތުރުން ދިއްދޫގައި ޤާއިމްވެ ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ ފަރާތްތަކަށް ވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން ރަންތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުގެ 16:30 ގެ ކުރުން ސަބްމިޓް ކުރެއްވުމަށް އިންތިޒާމް ކުރާ ފަރާތުން އެދިލައްވައެވެ.

މި މުބާރާތް ފަށަން ތާވަލު ކޮށްފައިވާ ތާރީޚަކީ މި އަހަރުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި