މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ރެއާލް އެއްވަނައަށް

IMG_0956

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ ސޮސިއެޑާޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗު ކާމިޔާބު ކޮށްފައެވެ.

މިއީ ލީގުގައި ރެއާލުން ކުޅުނު ފަސްވަނަ މެޗެވެ. އެ ޓީމް ވަނީ މި ފަސްމެޗު ވެސް ކާމިޔާބު ކޮށްފައެވެ. މިވަގުތު 15 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ރެއާލްއެވެ. ދެވަނާގައި އޮތް ބާސެލޯނާއަށް ފަސް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިންވަނާގައި އޮތް އެތުލެޓިކް ބިލްބާއޯއަށް ފަސް މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ.

ރޭ މެޗުގެ ކުރީކޮޅު ސޮސިއެޑާޑުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ކުބޯ ތަނަވަސް ކޯށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ބަރެންޓެސްކާއެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުޞަތެއް ރެއާލްގެ ފޯވާޑް ހޮސެލޫއަށް ލިބުނުއިރު އޭނާ ފޮނުވާލު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ސޮސިއެޑާޑް ޑިފެންޑަރުންނަށް ކުލިއާ ނުކޮށްލެވުމުގެ ފައިދާނަގައި ކަރަވަހާލް ވަނީ ރޮޑްރިގޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސް ކޮށްދީފައެވެ. ނަމަވެސް ރޮޑްރިގޯއަށް އެ ބޯޅަ އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހު ހާފުގެ ފުރަތަމަ މިނެޓުގައެވެ. ފެރާން ގާސިއާ ބޯޅަ ހިފައިގެން ވަދެ ސޮސިއެޑާޑްގެ އޭރިއާ ބޭރަށް ތިރިން ހުރަސްކުރި ބޯޅަ ވަލްވަޑޭ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާ ސޮސިއެޑާޑްގެ ގޯލަށް ވަދެފައި ވަނީ ދަނޑީގައި ޖެހިފައެވެ.

ރެއާލުން އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައި ވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ފެރާން ގާސިއާ ސޮސިއެޑާޑްގެ އޭރިއާ ތެރެއަށް މަތިން ހުރަސްކުރި ބޯޅަ ހޮސެލޫ ވަނީ ބޮލުންޖަހައި ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލާފައެވެ. ރެއާލުން ކުރިން ކުޅުނު ހަތަރު މެޗުގައި ފަސް ލަނޑު ޖެހި ޖޫޑް ބެލިންހަމްއަށް މެޗުގެ އިތުރު ވަގުތު ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ސޮސިއެޑާޑްގެ ކީޕަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *