ބޯންމައުތުން ޗެލްސީ ހިފަހައްޓައިފި

IMG_0943

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ހޯދައި އައު ސީޒަނަށް ތައްޔާރުވި ޗެލްސީއަށް އަދި މާ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވެއެވެ. ލީގުގައި މިހާތަނަށް ޗެލްސީން ފަސް މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު ދެ މެޗުން ވަނީ ބަލިވެފައެވެ. މިވަގުތު ޗެލްސީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު ތާވަލުގެ 14 ވަނާގައެވެ.

މިރޭގެ މެޗުގައި ޗެލްސީން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ރަހީމް ސްޓާލިންއާއި ނިކޮލަށް ޖެކްޝަން ފޮނުވާލި ހަމަލާއެއް ބޯންމައުތުގެ ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.

ދާދި ފަހުން މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި ކޯލް ޕާލްމާއަށް ވަނީ މެޗުގެ ފަހުވަގުތު ލަނޑުޖަހައި ޗެލްސީ މޮޅުކޮށްދޭން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ބޯންމައުތުގެ ކީޕަރު ނެޓޯ ވަނީ މަތަކޮށްފައެވެ.

މެޗުން މޮޅުވާން ރަނގަޅު ފުރުޞަތެއް ބޯންމައުތުގެ ސޮލަންކޭއަށް ވެސް ވަނީ ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *