ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވެ. އެއާއިއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިންވެސް ފެންނަނީ ބީރައްޓެހިކަމެވެ. ކާކުތޯ ސުވާލު ކުރަން ބޭނުންވި ނަމަވެސް އަރުތެރެ ބެދިފައި ހުރުމުގެ ސަބަބުން ޔަޝްމީއަށް ދެތިން ފަހަރު ހިންދިރުވާލަންވެސް ޖެހުނެވެ.

" ކާކު ހޯދަން؟ "

އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާ ސުވާލުކޮށްލިއެވެ. އޭރުވެސް އޭނާ ހުރީ ދޮރުފަތުން ތަންކޮޅެއް ހުޅުވައިގެން ބޭރަށް ބޯދިއްކޮށްގެންނެވެ.

" ހާރޫން ކޮބާ؟ "

ވަރަށް އުނދަގުލުން ޔަޝްމީ އަހާލީ ހާސް ހިތަކައިގެންނެވެ.

" ހާރޫން؟ "

އޭނާ ސުވާލުގެ ރާގަކަށް ބުނެލިއެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

" ކޮން ހާރޫންއެއް؟ "

އެ އަންހެން ކުއްޖާގެ ދެވަނަ ސުވާލުން ޔަޝްމީގެ ހައިރާންކަން އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ. އެހެންކަމުން އޭނާގެ ކަންބޮޑުވުން ރުޅިވެރިކަމަށް ބަދަލުވާކަށްވެސް މާ ގިނައިރުތަކެއް ނުނެގިއެވެ.

" ހާރޫންގެ ގޭގައި ހުރެމެ، ހާރޫނަކީ ކާކު ކަމެއް ނޭގުނު!؟ ހުއް! އޮޅުވާލަން މަސައްކަތް ނުކުރޭ! "

ޔަޝްމީ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.

ޔަޝްމީގެ ވާހަކަ ތަކުން އެކުއްޖާ ވަރަށް ބޮޑަށް ކަންބޮޑުވީކަން ޔަޝްމީއަށް އެނގުނެވެ.

" ތަން ދައްކާ! އަހަރެން އެތެރެއަށް ވަންނަން ބޭނުން.."

ޔަޝްމީއަށް އަނެއްކާވެސް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

" ކާކުތަ؟ "

އެތެރެއިން މީހަކު ގޮވާލި އަޑުއިވުނެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ކުއްޖާ ފަހަތަށް އެނބުރިލިއެވެ. އަދި އަތުން ހަނާއަޅާލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

" ނޭނގެ! ކޮންމެވެސް ހާރޫނެއް ހޯދަން ވެގެންނޯ.. ހާރޫނެއް ނޫޅެޔޭ ބުނީމަވެސް ޤަބޫލެއް ނުކުރި"

އެތެރެއިން އައި ފިރެހެން މީހާއާ ދިމާލަށް އެ އަންހެން ކުއްޖާ ބުނެލީ ރުންކުރު ގޮތަކަށެވެ. އެއާއިއެކު ޔަޝްމީއަށް އޭނާ ފެނުނެވެ. ޔަޝްމީ ފެނުމާއިއެކު އޭނާވެސް މޫނު ކުނިކޮށްލިއެވެ.

" މިގެއަކު ނޫޅޭ ހާރޫނެއް.."

" އެކަމަކު މިއީ ހާރޫންގެ ގެއެކޭ! ބުނެބަލަ! ހާރޫން ބުނީތަ އަހަރެން އައީމަ ތިހެން ބުނާށޭ.. އަހަރެން މިގެއަށް ނުވައްދާށޭ ބުނީތަ؟ "

އެޖުމްލަ ބޭރުކޮށްލެވުނު އިރު ޔަޝްމީ ހުރީ ފެންކަޅި ވެފައެވެ. ނަމަވެސް ކުރިމަތީގައި ތިބި ދެމީހުންގެ މޫނުމަތިން އޭރުވެސް ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" ހޭ ހެލޯވް! މެޑަމް! އަހަރެމެންނަށް މިގެ ކުއްޔަށް ދިނީ ހާރޫން ކިޔާ މީހެއް ނޫނޭ.. އަހަރެމެން ނުވެސް ދަންނަން ތިޔަ ބުނާ ހާރޫނެއް.. ދެން މިތަނަށް އައިސް ކޮން ޑްރާމާއެއް ކުޅޭކަށް؟ އަނެއްކާ އެއްޗެއް ބައްލަވައިގެންތަ ތިހުރީ؟ "

އެ ފިރެހެން މީހާ ހުރީ ޔަޝްމީ ފޮނުވާލަން ބޭނުން ވެފައިކަން ޔަޝްމީއަށް އެނގުނެވެ. ނަމަވެސް އެމީހުން އެހަދަނީ ތެދުތޯ ޔަޤީން ކުރަން ޔަޝްމީ ހުރީ ނުހަނު ބޭނުންވެފައެވެ.

" ޕްލީޒް.. އަހަންނާމެދު ރަޙުމުކުރޭ! އަހަރެން އައިސްފައި ހުރި ވާހަކަ ހާރޫންގާތު ބުނެދީ"

ޔަޝްމީ އެދުނީ ރޮމުންނެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން އެމީހުންގެ ހިތަކަށް މާ ބޮޑު އެއްޗެއް އެރިހެންނެއް ހިއެއް ނުވެއެވެ.

" ދެން ކިހާ ދެރަކަމެއް! އަހަރެމެން ނުދަންނަމޭ ހާރޫނެއް.. ނުދަންނަމޭ! އަހަރެމެންނަށް މިތަން ކުއްޔަށް ދިނީ އެހެން ނަމެއް ކިޔާ މީހެއް.. ދެން އަހަރެމެންނަށް އުނދަގޫ ކުރަން ނާންނާތި.. ދޭ މިގެއިން.. އެހެން ނޫނީ އަހަރެމެން ދެން ގުޅާނީ ޕޮލިހަށް"

ފިރެހެން މީހާގެ ރުޅިވެރި އަޑުން ޔަޝްމީއަށް ބިރުން ފަހަތަށް ޖެހެވުނެވެ. އެއާއިއެކު އެމީހާ ބާރުބާރަށް ދޮރު ޖަހާ ތަޅުލައިފިއެވެ. ލެއްޕުނު ދޮރާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން ޔަޝްމީއަށް ހުރެވުނެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އޭނާ ލިފްޓަށް އެރީ ދާނެ ވަކި މަންޒިލެއް ނޭނގިއެވެ. އޭރު އިރުއޮއްސި އަނދިރިވެސް ވެއްޖެއެވެ.

****

" ދެން މިހާރު ކައިވެނި ކުރަނީ ކޮން ދުވަހަކުންތަ؟ "

ޖާވިދް ގެއަށް ވަނުމާއެކު ޝާކިރުގެ ސުވާލު އަމާޒުވިއެވެ. އެއާއިއެކު ޖާވިދަށް ބަލައިލެވުނީ ޝާކިރާ ޖެހިގެން އިން ފާއިޒާގެ މޫނަށެވެ.

" އަދި ނޭނގެ!  "

ޖާވިދް ދިނީ ރުންކުރު ޖަވާބެކެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި އޭނާގޮސް ކޮޓަރިއަށް ވަނުމުން ޝާކިރު ފާއިޒާއާ ދިމާލަށް އެނބުރިލިއެވެ.

" ކަލޭ ކަންތަކޭ މީ! މަ އޭރުވެސް ބުނިން ދަރިން ކުރާ ކަންކަމަށް ނުބެހޭށޭ! އެކުދިންގެ އުފާތަކަށް ހުރަސް ނާޅާށޭ! މީގެ ކުރިން މީހަކާ އިނދެގެން އެސޮރު އުޅުނީ މިގޭގައެއް ނޫންތަ؟ ހުރިހާ ފަހަރަކު އެއްގޮތެއްވެސް ނުވާނެ! އެންމެ ފަހުން ފާއިޒާއާހެދި އެސޮރުގެ ދިރިއުޅުން ހަލާކުވާނީ! އަހަންނަށް އެނގޭ އަހަރެން ބައްޔޭ ބުނިއްޔާ މިނެޓެއްގެ ތެރޭގައި އެސިރު އަންނާނެކަން މިގެއަށް..."

އެއްފައްޗަކަށް ޖުމްލަތައް އަމުނާލުމަށްފަހު ޝާކިރު ރުޅިއައިސްގެން ތެދުވެއްޖެއެވެ. އޭރުވެސް ފާއިޒާއަށް އިނދެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ.

" އަމިއްލައަށްގޮސް ބުނޭ އުޅޭނެތަނަކު އުޅެން ރުހެމޭ! "

ތަންކޮޅެއް ބާރަށް ޝާކިރު ބުނެލިއެވެ. އެހިނދު ފާއިޒާއަށް އަވަސް އަވަހަށް ބޯ ޖަހާލެވުނީ ބިރުންނެވެ.

***

ޒޫނާ އޮތީ ޖާވިދްގެ އުނގުގައި ބޯއަޅާލައިގެންނެވެ. ޒޫނާގެ އަތުގައި ހިފާލައިގެން ޖާވިދް ފިރުމަމުން ދިޔައީ ހިނިތުންވެ އިނދެއެވެ.

" ހަމަތެދަށޭ މިބުނީ! އަހަންނަށް ހީވަނީ އަލަތު ކައިވެނި ކުރެވެން އުޅޭހެން"

ޖާވިދްގެ ޖުމްލައިން ޒޫނާ ތުއި ގޮތަކަށް ހީލިއެވެ. އަދި ވެލިގަނޑުމަތިން ތެދުވެ ޖާވިދްގާތު އިށީނދެލަމުން އޭނާގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

" މިހާރު އޭނަ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭތަ؟ "

ޝަހާނާގެ ވާހަކަ ޒޫނާ އެހުމުން ޖާވިދްގެ މޫޑު ގޯސްވިއެވެ. ކުރިމަތީގައި އޮތް މޫދާ ދިމާލަށް ބަލައިލަމުން ޖާވިދް ފުސްމޫނު ހަދާލިއެވެ.

" ޒޫނީއާ ދިމާވުމުގެ ކުރިންވެސް އަހަރެން އޭނަމަތިން ފޫހިވެއްޖެ! ދުވަހަކު މީހަކާ ނީނދެ ހުއްޓަސް އަހަރެން އޭނައާ ވައިވެސް ނޭޅުނީމުސް.. ޒޫނީ ދެން އަހަރެންގާތު އޭނަގެ ވާހަކަ ނުދައްކައްޗޭ.. ވަރަށް މޫޑު ސަކަރާތްވޭ"

ޖާވިދްގެ ވާހަކައިން ޒޫނާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. އެހެންކަމުން ދެއަތުން ވެލި ފޮޅާލުމަށްފަހު ޒޫނާ ޖާވިދްގެ އަތުގައި އަތް ޖައްސާލަމުން ބުންޏެވެ.

" ސޮރީ.. ދެން އޭނަގެ ވާހަކައެއް ނުދައްކާނަން.."

ޒޫނާ އެހެން ބުނުމާއެކު ޖާވިދް ޒޫނާގެ މޫނަށް ބަލައިލީ ހިނިތުންވެލަމުންނެވެ.

" އެނގޭތަ މަންމައާއި ބައްޕަގާތު ބުނެފިން ތިގޭގައި އުޅެން ބޭނުންވާ ވާހަކަ.. ފުރަތަމަކޮޅު މަންމަ ހުރީ ވަރަށް ދެރަވެފައި.. އެކަމަކު ދެންމެ އަހަރެން މިތަނަށް އަންނަން ވެގެން އުޅެނިކޮށް މަންމަ އައިސް ބުނެފި ކައިވެނީގެ ކަންތައް އަވަސް ކުރާށޯ.. މަންމަގެވެސް އެއްވެސް މައްސަލައެއްނެތޯ ޒޫނީމެންގެއަށް ދިޔަސް"

ޖާވިދްގެ ޖުމްލަ އަޑު އަހާފައި ޒޫނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ކަންބޮޑުވެފައި އިނދެ އޭނާ އިސްޖަހާލީއެވެ.

" އަސްލު ޖާވިދްގެ މަންމަ ދެރަވާނެދޯ! އެކަމަކުވެސް އަހަންނަކަށް ނުކެރޭނެ މަންމަމެން ދޫކޮށްފައި ދާކަށް.."

" އޭ! އިޓްސްއޯކޭ. ބައެއް ފަހަރު ހުކުރު ދުވަސް ދުވަހު ދާނީ އަހަރެމެންގޭގައި އުޅެލަން.. އެގޮތަށް މެނޭޖްކޮށްލީމަ ރަނގަޅުވާނެ.. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ.."

ޖާވިދް ޒޫނާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލީ އޯގާތެރި ކަމާއެކުގައެވެ.

" ޖާވިދް.. އަދި އަހަރެން އަހާލަން ހަނދާންނެތިފައޭ މިހުރީ.. ޔަޝްމީއަށް ހާރޫން ދިމާވެއްޖެތަ؟ "

ޒޫނާގެ ސުވާލުން ޖާވިދު ތެޅިގަތެވެ. އަދި އަވަސް އަވަހަށް އަތުގައި އޮތް ފޯނަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ތިހެން ބުނީމަ މި ހަނދާންވީ! މަންމަ ބުންޏޭ ކޮއްކޮ ފޯން އޮފްކޮށްފައޭ އޮތީ ގުޅާބަލާށޭ..! މާލެގޮސް ކާރުގައި އިނދެގެންވެސް މެސެޖްކުރި މިދަނީ ގެއަށޭ ޖަހާފައި.. އަހަރެން ބުނިން ގޮސް ހަބަރު ވެލައްޗޭ"

ޖާވިދް އެހެން ބުނުމުން ޒޫނާ ހީލިއެވެ.

" ހާރޫން ވަރަށް އުފާވާނެދޯ ޔަޝްމީ ދިޔައީމަ.."

ޒޫނާ އެހެން ބުނެލި އިރު ޖާވިދް އިނީ ޔަޝްމީއަށް ގުޅައިގެންނެވެ.

" ހަލޯ! ކޮއްކޯ؟ "

ޖާވިދް ހާސްކަމާއިއެކު ގޮވާލި ގޮތުން ޒޫނާވެސް ކަންބޮޑުވިއެވެ.

" ކީއްވެ ތި ރޮނީ؟ ކިހިނެއްވީ؟ "

އަވަސް އަވަހަށް ޖާވިދް ކޮޅަށް ތެދުވިއެވެ. އޭރުވެސް ހުއްޓުމެއްނެތި ޔަޝްމީ ރޮމުންދާއަޑު އިވެއެވެ.

" ހާރޫންއެއް ނެތް.. އޭނަ ވީ ތަނެއްވެސް ނޭނގެ.. އެގޭގައި އުޅެނީ ކުއްޔަށް އުޅޭ ބައެއް"

ޔަޝްމީއަށް ވާހަކަ ދެއްކުނީވެސް އެހާމެ އުނދަގުލުންނެވެ. އޭނާގެ ވާހަކައިން ޖާވިދަށް ލިބުނީ އިތުރު ހާސްކަމެކެވެ. އޭރު ޒޫނާވެސް އައިސް ހުރީ އޭނާގެ ކުރިމަތީގައެވެ.

" ދެން މިހާރު ކޮއްކޮ ކޮންތާކު ތިހުރީ؟ "

ޖާވިދް އަވަސް އަވަހަށް އެހިއެވެ.

" ހާރޫންގެ ބައްޕަގެއަށްވެސް ދިޔައިން! އެތާވެސް އުޅެނީ އެހެން ބަޔަކު!އެހެންވެ ކާރަކަށް އަރައިގެން އައިސް މިއިނީ ކޮތަރު ޕާކުގައި.. "

ދެރަވެފައި ހުރެ ޔަޝްމީ އެހެން ބުނުމުން ޖާވިދަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" މަޑުކުރައްޗޭ.. ދޮންބެ އެބަ ގުޅަން ވަރަށް އަވަހަށް "

ޒޫނާގެ މޫނަށް ބަލައިލަމުން ޖާވިދް ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ފޯނު ކަނޑާލިއެވެ. ޒޫނާއަށް ހުރިހާ ވާހަކަތަކެއް ޖާވިދް ކިޔައިދިނުމާއެކު ޒޫނާ ޖާވިދްގެ ބުރަކަށީގައި އަތް ޖައްސާލަމުން ބުންޏެވެ.

" މަންމަގެ ފެމެލީ މީހުން އުޅޭނެ މާލޭގައި.. އަވަހަށް ގުޅަންވީދޯ.. ޔަޝްމީއަށް ހުރެވޭނެ އެގޭގައި.. އަހަރެން އެކަން ހަމަޖައްސާނަން.."

އަތުގައި އޮތް ފޯނަށް ބަލައިލަމުން ޒޫނާ ބުނެލިއެވެ. އެއާއިއެކު ޖާވިދްގެ މެޔަށް އިސާހިތަކު ފިނިކަން ލިބިގެން ދިޔައެވެ.

" ދެދުވަހެއްގެ ތެރޭގައި އަންނާނެ ލޯންޗް.. ބުނެލާ ދެދުވަސްވަރު ބަހައްޓާލަދޭށޭ.."

ޖާވިދް ބުންޏެވެ. އެއާއިއެކު ޒޫނާ ބޯޖަހާލީ ހިނިތުންވަމުންނެވެ.

***

ޒޫނާގެ އެދުމުގެ މަތިން އޭނާގެ ގޭމީހުން ކައިރިއަށް ޔަޝްމީ ދިޔައެވެ. ދާނެ އިތުރު ތަނެއް ނެތީމައެވެ. ޔަޝްމީ ހުރީ އެގޭ ދައްތަގެ ދިހަ އަހަރުގެ އަންހެން ދަރިފުޅު އީނާއާ އެއް ކޮޓަރިއެއްގައެވެ. ޔަޝްމީ ދިޔައިރު އީނާ އޮތީ ނިދާފައެވެ. އެހެންކަމުން ކޮޓަރި ތެރޭގައި އެކަނި އިނދެ ހަމަޖެހިލާނެ ފުރުޞަތު ޔަޝްމީއަށް ލިބުނެވެ. ފެންވަރާލައިގެން އައިސް ބަންކް ބެޑްގެ ތިރީ އެނދުގައި އޭނާ އޮށޯވެލީ ވަރުބަލިކަމާއެކުގައެވެ. އޭރުވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސަމުން ދެއެވެ.

" އެއްޗެއް ނުކާނަންތަ؟ އާދޭ އެއްޗެއް ކާލަން! "

ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާފައި ދައްތަ ބުނެލީ އޯގާތެރިކަމާއެކުގައެވެ. ޔަޝްމީ ދިޔައީ ސިހިގެންނެވެ. މިއަދު އެއްވެސް އެއްޗެއް ނުކައި ހުރެވުނުކަންވެސް ހަނދާންވީ ދެނެވެ. ނަމަވެސް ކާހިތެއް ނެތެވެ. ކާނެ ހިތްވަރެއްވެސް އޭނާގެ ކިބައިގައި ނެތް ކަހަލައެވެ. އެހެންކަމުން ޔަޝްމީ ދެފަރާތަށް ބޯ ހޫރާލީ ހިނިތުންވެލަމުންނެވެ. އެއާއިއެކު ބޮކިތައް ނިއްވާލުމަށްފަހު ދައްތަ ނިކުމެގެން ދިޔައީ އިތުރު އެއްޗެއް ބުނުމެއްނެތިއެވެ. އޭނާ ދިޔުމުން އިރުކޮޅަކު އެހެން އިނދެލުމަށްފަހު ޔަޝްމީ އޮށޯވެލިއެވެ. އޭރުވެސް ސިކުނޑީގައި އެނބުރެމުންދަނީ ހާރޫންގެ ހަނދާންތަކެވެ.

" އަހަރެން ދޫކޮށްފައި ކޮންތާކަށް ތިދިޔައީ؟ އަހަންނަކަށް ހާރޫންއާ ނުލައި ނޫޅެވުނު.. ކުޑަކުޑަ ދުވަސްކޮޅަކަށްވެސް މަޑުކޮށް ނުލެވުނީތަ؟ އަހަރެން އެނބުރި އާދޭތޯ އިންތިޒާރުވެސް ނުކުރެވުނީތަ؟ އާހް! މުޅި ދުނިޔެ އަތްފުނާ އަޅައިގެންވެސް ހާރޫން ހޯދަން އަހަރެން ބޭނުން.. އަހަންނަކަށްތިޔަ ލޯތްބާ ނުލައި ނޫޅެވޭނެ.. އަހަރެން.. ހާރޫން ބޭނުން! "

ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ  މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ.

" އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި"

ޔަޝްމީއަށް ބުނެވުނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *