ސިލްސިލާ ވާހަކަ: ޝިކާޔަތު (62)

Shikaayathu

ކުރީގެ އަދަދާއިގުޅޭ، 

އޭނާއަށް އެނގެއެވެ. ހާރޫން އަދިވެސް އޭނާއަށް އިންތިޒާރު ކުރާނެއެވެ. ޔަޝްމީ އަންނާނެކަމަށް އުއްމީދު ކުރާނެއެވެ. އަދި ޔަޝްމީއަށް މަޢާފްވެސް ކުރާނެއެވެ. ލޯބިވެތި ހިނިތުންވުމެއްގައި ހުރެ، ޔަޝްމީ ދެލޯ ހުޅުވާލީ އުއްމީދުން ފުރިގެންނެވެ. އޭރު އޭނާގެ ހިތްވަނީ ހާރޫންއާ ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. އުފަލުން ފޮޅެމުންނެވެ. އެހިނދު ރަކި ގޮަތަކަށް ޔަޝްމީއަށް ހީލެވުނީ ހާރޫންގާތަށް ދާން ބޭނުންވި ވަރުންނެވެ. އެއާއިއެކު ކުރިމަތިން ފެންނަން ހުރި ބޮޑު އިރުވެސް ނިވާވަމުންގޮސް ގެއްލުނީ، ޔަޝްމީގެ ހިނިތުންވުން ފެނި ލަދުން ކަހަލަ ގޮތަކަށޭ އޭނާއަށް ހީވިއެވެ.

***

އިޝާ ނަމާދުން އައި ގޮތަށް ޖާވިދް ތައްޔާރުވީ، ޒޫނާގެ އެދުމަށް އެގެއަށް ދިޔުމަށެވެ. ޒޫނާގެ މައިންބަފައިން ޖާވިދާ ބައްދަލް ކޮށްލަން ބޭނުންވާ ކަމުގައި ޒޫނާ ބުނި ވަގުތުން ފެށިގެން ޖާވިދްގެ ހިތް އޮތީ ނުތަނަވަސް ކަމެއްގައި ތެޅިލަތެޅިލައެވެ. ނަމަވެސް އެގެއަށް ގޮސް އެމީހުން ދައްކާ ވާހަކަތައް އަޑުއަހާ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.

ދޮރާށި ކުރިމަތީގައި ހުރެ ޖާވިދް ޒޫނާއަށް ގުޅާލީ، އެގެއަށް ވަންނަން ޖެހިލުންވެ ހުރެއެވެ.

" ދެން ވަދެބަލަ! އަހަރެމެން މިތިބީ ސިޓިންގރޫމްގައޭ! "

ޒޫނާ ބުނެލީ މަޑުމަޑުންނެވެ. ޖާވިދް އޯކޭ ބުނެ، ފޯނު ކަނޑާލުމަށްފަހު އެގެއަށް ވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި ޒޫނާގެ މަންމައާއި ބައްޕަ ތިއްބެވެ. ޖާވިދް ފެނުމާއެކު އެމީހުން ހިނިތުން ރައްދުކުރީ ނުހަނު އުފަލުން ތިބެއެވެ. ކައިވެންޏަށް އެމީހުން ޤަބޫލުކަން ޖާވިދުއަށްވެސް އެނގެއެވެ. ނަމަވެސް މާ ޚާއްސަ ވާހަކައެއް ދައްކަން ބޭނުންވެގެން އޭނާ އެގެއަށް ހާޟިރު ކުރުމުން ޖާވިދަށް ހުރެވުނީ އިންތިހާއަށް ބިރުގަނެފައެވެ.

" މިހާރު ކައިވެނި ކުރާނެ ވަކި ދުވަހެއް ކަނޑައަޅައިފިންތަ؟ "

ހާމިދުގެ ސުވާލާއިއެކު ޖާވިދަށް ބަލައިލެވުނީ ޒޫނާގެ މޫނަށެވެ. އޭރު ޒޫނާ އިނީ އޭނާގެ މަންމަގެ ގައިގައި ލެނގިލައިގެން ސޯފާގެ ކޮޅުގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ލަދުރަކި ކަމެވެ.

" ނޫން.. އަދި ވަކި ދުވަހެއް ނުނިންމަން.."

ޖާވިދް ޖަވާބު ދިނީ ހިނިތުންވެލަމުންނެވެ.

" ޒޫނީއަކީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު! އެހެންވެ އަހަރެމެން ބޭނުން ވަރަށް ކުލަގަދަކޮށް ޕާޓީ ބާއްވަން"

ހާމިދުގެ ޖުމްލައިން ޖާވިދް މޭކަރައިލިއެވެ. އެހާ ބޮޑު ޕާޓީއެއް ބާއްވަން އޭނާ ބޭނުމެއް ނޫނެވެ. ބޮޑު ޚަރަދެއް ކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެއްކުރެވިފައި އެވަރަށް ފައިސާއެއްވެސް ނެތެވެ.

" ބައްޕާ! އެހާ ބޮޑު ޕާޓީއެއް ބާއްވާކަށް ބޭނުމެއް ނޫން.. އޮފީސް ކުދިންނަށާ އާއިލާއަށް ކެއުމެއް ދިނީމަ ނިމުނީ!"

ޖާވިދްގެ މޫނުމަތީގެ ކުލަވަރު މިފަހަރު ޒޫނާއަށް ދެނެގަނެވުނެވެ. އެހެންކަމުން ހިތާދެކޮޅަށް އޭނާ އިސްކުރީ ޖާވިދް ބޭނުންވާ ގޮތެވެ. ޒޫނާގެ ޖުމްލައިން ޖާވިދަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްވެސް ލިބުނެވެ. ޒޫނާއަކީ އޭނާއަށްޓަކައި ހުރި މީހެއްކަމުގައި ޔަޤީންވެސް ކުރެވުނެވެ.

" ބައްޕަ މިއުޅެނީ ހަދިޔާއެއްގެ ގޮތުގައި ބައްޕަ މި ޕާޓީ ބާއްވައިދޭންވެގެން.. ދެން ޒޫނީ މިކަން ބޭނުން ނުވަންޏާ ދަރިފުޅުމެންނަށް ހަނީމޫން ދަތުރު ހަމަޖައްސައިދީފާނަން"

ހާމިދުގެ ހިތަކީ ޒުވާން ހިތެއްކަން ޖާވިދަށް އެނގުނެވެ. ޒޫނީގެ އުފަލަށް އޭނާ ވިސްނާވަރު އިޙްސާސްވެސް ކުރެވުނެވެ. ޒޫނާއަށް ބަލައިލުމަށްފަހު ޖާވިދް ބުމަ ހިއްލާލީ ޒޫނާގެ ބައްޕަގެ ވާހަކަތައް ހުރިގޮތުން ހިތްހަމަ ޖެހިގެންނެވެ.

" ބައްޕަގެ އުމުރުން ފަންސާސް އަހަރު ވިޔަސް ބައްޕައަކަށް ހިއެއް ނުވެ އަދި ބައްޕަ އެހާ މުސްކުޅިވީ ހެންނެއް! މަންމަ ކައިރީވެސް އަބަދު މި ކިޔަނީ ބޭރުޤައުމަކަށް ޖައްސާލަންދާން. އެކަމަކު މަންމަ އިންނަންވަނީ އަބަދު ގޭގައި. މިހާރު އަހަރެމެންގެ ފިހާރަ ބަލަހައްޓަން ފިރެހެން ދަރިޔަކުވެސް މި ލިބުނީ.. ދެން ދެމީހުން ހަމަ އުދުހެންވީނު"

ހާމިދު ޒުނޭރާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. އެއާއިއެކު ޒުނޭރާ އަވަސް އަވަހަށް ދުރަށް ޖެހިލަމުން ހޫމް އަޅުވާލިއެވެ.

" ހޫމް.. ދެން ހާމިދު! ދަރިންނަށްވުރެ ހާމިދު ޅަވާނެ! އެހެންވެ އެއްނު ބޮލުގައިވެސް ކުލަ ޖައްސާލައިގެން މިހާރު އުޅެނީ."

ޒުނޭރާވެސް ސަމާސާ ރާގަކަށް ބުނެލީ ޖާވިދްއަށް ބަލައިލަމުންނެވެ. ޖާވިދް އިނީ ހީލަ ހީލައެވެ. އޭރު އޭނާގެ ހިތްވެސް އުފަލުން ފޮޅެމުން ދެއެވެ.

" އަދި ބައްޕަ ބޭނުން ރިކުއެސްޓެއް ކޮށްލަން! ޒޫނީއާ ދެކުދިން މިގޭގައި އުޅެންވާނީ.. ޒޫނީގެ ކޮޓަރިވެސް ވަރަށް ފެންވަރުގައި ހަދާފައި ހުންނާނީ.. ޖާވިދް ދަރިފުޅު ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް.."

ހިނިތުންވެފައިވާ ޖާވިދްގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ހާމިދު ބުނެލި ޖުމްލައިންނެވެ. ޖާވިދްގެ ގެއަށް ޒޫނާ ގެންނަން ވެގެން އޭނާގެ މަންމަ ދެކެމުންދާ ހުވަފެންތައް އޭނާއަށް އެނގެއެވެ. އެހެންކަމުން ހާމިދުގެ އެދުމަށް އެއްޗެއް ބުނަން ޖާވިދަށް އުނދަގޫވިއެވެ. އޭރު ޒޫނާވެސް އިނީ ސީދާ ޖާވިދަށް ބަލަހައްޓައިގެން ނުހަނު ކަންބޮޑުވެފައެވެ. ޖާވިދް އެކަމާ އެއްބަސް ވާނެހެން އޭނާއަކަށްވެސް ހިއެއް ނުވެއެވެ.

" އެއީ ބައްޕަމެންގެ ހުރި ހަމައެކަނި ދަރިފުޅު! ބައްޕަމެންގެ ލޮލަށް ނިދިވެސް ނާންނާނެ ޒޫނީ ނެތިއްޔާ! ޒޫނީ މާލެ ކިޔަވަން ފޮނުވީވެސް މަންމައާއިއެކު! ބައްޕަ ހުރީ އެދުވަސްވަރު ރަށުގައި އެކަނިމާއެކަނި..އެއީ އަހަރެމެން ދެމީހުންގެ ފުރާނަ"

ހާމިދު ވާހަކަ ދެއްކީ ޖަޒްބާތުގައި ޖެހި މަޑުމައިތިރިކަމާއެކުގައެވެ. އޭނާގެ މޫނުމަތީގެ ޝުޢޫރުތައް ފެނި، ހާމިދުގެ އިޙްސާސްތަކާއިމެދު ޖާވިދަށް ވިސްނެންފެށުނެވެ،

" އަހަރެންގެ މަންމަވެސް ޒޫނާ ގެންދަން ވަރަށް ބޭނުންވޭ! ބައްޕަވެސް މިހާރު ވަރަށް ބަލިކޮށް އުޅެނީ! އެހެންވެ އިތުރު ބައްޕައަށް އަހަރެންގެ އެހީތެރިކަން ވަރަށް ބޭނުންވާނެ"

ޖާވިދް ބުނެލީ ޖެހިލުންވެ އިނދެއެވެ. އޭނާގެ ޖުމްލަތަކުން ޒުނޭރާއަށް ހާމިދުގެ މޫނަށް ބަލައިލެވުނެވެ. އެއާއިއެކު ހާމިދު ގަދަކަމުން ހިނިތުންވެލިއެވެ.

" އެހެންވީމަ... އެހެންވީމަ ޖާވިދަކަށް ނެތްދޯ މިގޭގައި އުޅެވޭކަށް؟"

ހާމިދު އެފަދައިން ސުވާލު ކުރި ނަމަވެސް ޖާވިދް އެއްވެސް ޖަވާބެއް ނުދެއެވެ.

" މަންމައާއި ބައްޕަ ދޫކޮށްފައި ދާކަށް އަހަންނަކަށް ނުކެރޭނެ! "

ބުނާނެ އެއްޗެއް ނޭނގިފައި އިންދާ، ކުއްލިއަކަށް ޖާވިދްގެ ކަންފަތުގައި ޖެހުނީ ޒޫނާގެ އަޑެވެ. އޭނާގެ ނިންމުމެވެ. އޭރު ޒޫނާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައިގެ އަސަރުތަކެވެ އެހެންކަމުން  މަންމައާއި ބައްޕަ ދެރަކޮށްފައި ޖާވިދާއިއެކު ދާން އޭނާ ބޭނުން ނުވާކަން ޖާވިދަށް ވިސްނުނެވެ.

" މިއީ އެހާ ބޮޑު ކަމެއް ނޫނޭ ޒޫނީ! މިއީ ހަމަ އެއްރަށެއްނު.. އަހަރެން މަންމަ މެންނަށް ވިސްނައިދޭނަން،، ޒޫނީ ބޭނުންވާ ތަނަކު ޒޫނީ ގެންގުޅޭނަން"

ޖާވިދް ހިނިތުންވެލާފައި ބުންޏެވެ. އެއާއިއެކު ހާމިދު އާއި ޒުނޭރާ އަދި ޒޫނާގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

****

ޔަޝްމީ އިންތިޒާރު ކުރަމުން ދިޔައީ ޖާވިދް ގެއަށް އަންނާނެ ވަގުތަކަށެވެ. ޖާވިދް އަންނަންދެން އޭނާ އިނީ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. އެހެން އިންދާ ޖާވިދް އައިސް ވަދެ، ޔަޝްމީއަށް ގޮވާލަމުން އިށީނެވެ.

" ދޮންބޭ! އަހަރެން ވާހަކައެއް ދައްކަން ވެގެންނޭ މިމަޑުކުރަނީ!"

ޖާވިދް ފެނުމާއިއެކު ޔަޝްމީ ބުނެލިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރުމުން ޖާވިދްއަށްވެސް ހިނިތުން ވެވުނެވެ. އެހެންކަމުން ޔަޝްމީގެ ވާހަކަ އަޑުއެހުމަށްޓަކައި އޭނާވެސް ސަރަންފީގައި އިށީނެވެ.

" އަހަރެން ބޭނުންވަނީ މާލެދާން! ހާރޫންއާ އަލުން ގުޅެން ބޭނުން"

ޔަޝްމީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެއީ ރަނގަޅު ނިންމުމެއްކަމުގައި ބުނެ ޖާވިދްވެސް ހީލިއެވެ.

" ދެން... މާދަމާ ލޯންޗުން ދާންވީނު! ކީއްކުރަން ލަސްކުރަންވީ؟"
" އާނ! އަންނަ މަހު، އިންޑިއާއަށްވެސް ދާންޖެހޭނެ ޗެކަޕް ހަދަން.. ބޭސްވެސް ހުސްވާނެ! "

ޔަޝްމީ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އެހެން ބުނުމުން ޖާވިދް ބޯ ޖަހާލިއެވެ.

" ދެން ހާރޫންއާއެކު ބޭރަށް ދެވޭނެއެއްނު.. މާލެ ގޮސް އަވަހަށް ކައިވެނީގެ ކަންތައްތައް ހަމަޖައްސައްޗޭ! "

އެހެން ބުނެވުމާއިއެކު އަތުގައި އޮތް ފޯނަށް މެސެޖެއް އައުމާއެކު ޖާވިދް ތެދުވިއެވެ. އެއީ ޒޫނާގެ މެސެޖެކެވެ. އެހެންކަމުން ޒޫނާއަށް ގުޅަންވެގެން އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ޔަޝްމީގާތު ދަނީއޭ ބުނެއެވެ.

" ހާރޫންއަށް ސަޕްރައިޒެއް ދޭނީ! އަޅެ ހާރޫން ހާދަ އުފާވާނެޔޭ"

ޖާވިދް ދިޔުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އުފަލުންނެވެ. ދާހިތުންނެވެ.

***

ޖެހިގެން އައި ދުވަހެވެ. އެހާމެ ހޫނު ގަދަ ދުވަހެކެވެ. ފާއިޒާ ގަސްދޮށުގައި އިނީ ހަނޑޫ ހޮވާށެވެ. އޭރު ކާގޭގައި ޖާވިދް އިނީ ސައިބޯށެވެ. ކައިވެންޏަށްފަހު ޒޫނާ އުޅެން ބޭނުންވަނީ އޭނާގެ ގޭގައިކަން މަންމަގާތު ބުނަން ނުކެރިގެން ޖާވިދް ހަމަ ތެޅި ފޮޅެނީއެވެ. އެވާހަކަ ފަށާނެ ގޮތެެއްވެސް އޭނާއަކަށް ނުވިސްނުނެވެ. އެކަމާ ފިކުރު ކުރަން އިނދެ ގަޑި ބަލައިލި އިރު ބްރޭކް ގަޑި ނިމޭކަށް މާ ގިނައިރުތަކެއް ނެތެވެ. އެހެންކަމުން އޭނާ އަވަސް ކޮށްލައިގެން ކާގެއިން ނިކުތެވެ.

" ދަރިފުޅާ! އައިސްބަލަ މިކޮޅަށް!"

ފާއިޒާ ލޯތްބާއިއެކު ޖާވިދަށް ގޮވާލުމުން ޖާވިދް މިސްރާބު ބަދަލުކޮށްލީ މަންމައާ ދިމާލަށެވެ.

" މިހާރު ޒޫނާގެ މަންމަމެންގާތު އެވާހަކަ ދައްކައިގެން އެމީހުން ޤަބޫލިއްޔާ ކައިވެނި އަވަސްކުރަންވީނު"

ފާއިޒާގެ ވާހަކައިން ޖާވިދަށް އިސްޖަހާލެވުނެވެ. އޭރުވެސް ފާއިޒާ އިނީ އިސް އުފުލާލައިގެން ޖާވިދަށް ބަލާށެވެ.

" އާނ.. އެކަމަކު.. އެކަމަކު ޒޫނާގެ މަންމަމެން ހިއެއްނުވެ މިގެއަށް އޭނަ ފޮނުވާނެހެންނެއް"

ޖާވިދްގެ ޖުމްލައިން ފާއިޒާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގަތެވެ.

" އެއީ؟ ކައިވެންޏަށްފަހު އަންހެން ކުއްޖާ އުޅެން ޖެހޭނީ ފިރިމީހާގެ ގޭގައެއްނު!"

މަންމަގެ ރާގު ހުރިގޮތުން ޖާވިދުގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އެކަން އޮތީ އެގޮތަށް ނިމިފައިކަމުން ޖާވިދް ބޭނުންވީ މަންމައަށް ވިސްނައިދޭށެވެ. އެހެންކަމުން ޖެހިގެން ހުރި ޖޯލީގައި އިށީނދެލުމަށްފަހު ޖާވިދް ވާހަކަ ދައްކަން ފެށިއެވެ.

" މަންމާ! ޒޫނީއަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު.. މަންމަވެސް ބުނީމެއްނު އެމީހުން ޒޫނީދެކެ ވަރަށް ލޯބިވާނެޔޭ! އެމީހުން ޒޫނީ ފޮނުވަން ނޫޅެންޏާ އަހަރެންވެސް ބޭނުންވަނީ އެގޭގައި އުޅެން"

ހިތްވަރުކޮށްފައި ޖާވިދް ބުނެލިއެވެ. އެއާއިއެކު ފާއިޒާ އިސްޖަހާލަމުން ހަނޑޫދޮލަގަށް ބަލައިލިއެވެ. އަދި އިރުކޮޅަކު އެހެން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެމެންނަށް އެވަރަށް ލޯބި ނުވެވެނީތާދޯ"

އެންމެ ޖުމްލައެއް ބުނެލުމަށްފަހު ހަނޑޫ ދޮލަނގު ހިފައިގެން ފާއިޒާ ތެދުވެއްޖެއެވެ. އޭނާ ދިޔަ ގޮތަށް ގޮސް ކާގެއަށް ވަތްއިރުވެސް ޖާވިދަށް އިނދެވުނީ ދެރަވެފައި ބަލަހައްޓައިގެންނެވެ. މިމައްސަލަ ފެންމަތިވާނެކަން މާކުރިން ޖާވިދަށް އެނގެއެވެ. މަންމަ ދިޔުމުން ޖާވިދްވެސް ތެދުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތިވަނީ އެއްކޮށް މިލާ މޯޅިވެފައެވެ.

ކޮޓަރީގައި އިރުގަނޑެއް ވަންދެން އޮވުމަށްފަހު ޔަޝްމީ ނިކުތެވެ. އަދި މަންމަ ކޮބައިތޯ ބަލައިލަން ބަދިގެ ފަރާތަށް ނިކުތީ ، މަންމައާ ހިއްސާކުރަން ބޭނުންވާ ބައިވަރު ވާހަކަ ހުރުމުންނާއިވެސް އެކުގައެވެ. ނަމަވެސް ކާގެއަށް ވަތްއިރު އޭނާއަށް ފެނުނީ އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ކާމޭޒު ކައިރީ އިނދެ، ދެލޯ ފުހެމުންފުހެމުން ރޮނީއެވެ.

" މަންމާ!؟؟ ކީއްވެ ރޮނީ؟ ބަލީތަ މަންމާ"

ޔަޝްމީ އަވަސް އަވަަހަށް ގޮސް ފާއިޒާގެ ބުރަކަށީގައި ފިރުމާލަމުން އޭނާގެ މޫނާ ދިމާލަށް ގުދު ވެލިއެވެ. އަދި އެތައް ފަހަރަކު ރޮނީ ކީއްވެތޯ ސުވާލު ކުރިއެވެ. އެންމެ ފަހުން ވަރަށް އުނދަގުލުން ރުއިން ހުއްޓާލުމަށްފަހު ފާއިޒާ ވާހަކަ ދައްކަން ފެށީ ގިސްލަމުންނެވެ.

" ދޮންބެ.. ޒޫނާއާ އިނދެގެން އެގެއަށް އުޅެންދަނިއްޔޯ! އެއަށްވުރެ މާ ރަނގަޅުވީސް ޝަހާނާއަށް މަޢާފްކޮށްފައި އޭނަޔާ އިންނަމަވެސް"

ފާއިޒާގެ ދުލުން ޝަހާނާގެ ނަން ބޭރުވުމާއިއެކު ޔަޝްމީގާތަށް ރުޅި އަތުވެއްޖެއެވެ. އެހެންކަމުން އޭނާ ގޮސް މަންމަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ މޫނު ކުނިކޮށްލަމުން ބުންޏެވެ.

" ހެޔޮނުވާނެ މަންމާ! ޝަހާނާގެ ވާހަކަ ދެން ކީއްކުރަން ދައްކަންވީ؟ މީހަކަށް މަޢާފް ދެވޭވަރުގެ ކަމެއްތަ އޭނަ ކުރީ؟"

ޔަޝްމީ ރުޅި އައިކަން އެނގުމާއެކު ފާއިޒާ ކުޑަކޮށް ހިމޭންވެލިއެވެ.

" ވަކި މަންމަ ބޭނުންވާނެތަ ޖާވިދް މިގެއިން ދާން؟ އެހެން ނޫނަސް މިރަށުގައި އެކަކުވެސް ނޫޅޭ އެހެންނެއް! އަންހެން ކުއްޖާ ޖެހޭނީ ފިރިމީހާ ގެއަށް އަންނަން"

" މަންމާ! ދޮންބެ ކުރާ ކަންކަމަށް ގޮތް ނުކިޔަބަލަ! ދޮންބެގެ ދިރިއުޅުން ހަލާކުވީ ފަހުން ދޮންބެ ހުރީ ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމައިގެން! ނަސީބަކުން ޒޫނީއާ ދިމާވީ! ދެން މަންމަމެން ތިގޮތަށް ކަންތައް ކުރަންޏާ އަހަންނަށް ހަމަ ޔަޤީން ދޮންބެ އެ ކައިވެންޏެއް ނުކުރާނެކަން! ދޮންބެގެ އުފަލަށް މަންމަމެން އަބަދުވެސް މަރުޙަބާ ކިޔަންޖެހޭނެ! ދޮންބެއަށް މިއަދު ބޭނުންވާނީވެސް މަންމަގެ އެހީތެރިކަން.. "

ޔަޝްމީ އޯގާތެރިކަމާއެކު ވާހަކަ ދައްކަން ފެށުމުން ފާއިޒާ މަޑުމަޑުން އިނެވެ. ނަމަވެސް އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ.

" ދެން ހުއްޓާލާ! އެއީ އެވަރުގެ ކަމެއް ނޫނޭ! އެއް ރަށެއްގައި އުޅެންޏާ އެއީ އެއްވެސް މައްސަލައެއް ނޫނޭ... "

ފާއިޒާ ގަދަކަމުން ހީލަމުން ބޯ ޖަހާލިއެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް ތެދުވެ، މަންމައަށް ފެންތައްޓެއް އަޅައިދިނުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" މަންމާ! އަހަރެން މިއުޅެނީ މިއަދު މެންދުރު އަންނަ ލޯންޗުން މާލެދާން"

ހެވިފައި ހުރެ ޔަޝްމީ އެހެން ބުނުމާއެކު ފާއިޒާ ހައިރާންވެފައި ބަލައިލިއެވެ.

" މަންމަ އެއްޗެއް ހިތަކަށް ނާރާތަ އަހަރެން ހެވިފައި ހުރީމަ؟ "

ޔަޝްމީ އުފާވެރި ރާގެއްގައި އެހެން ބުނުމުން ފާއިޒާ ސުވާލުކުރިއެވެ.

" ކިހިނެއްވީ ކުއްލިއަކަށް މާލެދާން ތިއުޅެނި؟ އިންޑިއާއަށް ދާންޖެހެނީ މިއަންނަ މަހުއެއްނު؟"

" މަންމާ! މިއުޅެނީ ހާރޫންގާތަށް ދާން ވެގެން.. އަހަންނަށް ހާރޫންއާމެދު ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން.. އެފަކީރު މިހާރު އުޅޭ ޙާލެއްވެސް ނޭނގެ!ރިސޯޓްތައްވެސް ވިއްކާލައިފި.. އަހަރެން ބޭނުން އޭނައަށް އެހީތެރިވާން.. "

އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ޔަޝްމީ ވާހަކަ ދެއްކީ އަސަރާއެކުގައެވެ.

" ދަރިފުޅުވެސްދަނީ! ދެން މަންމަމެން އެކަނިދޯ މިގޭގައި އުޅޭނީ؟ "

ފާއިޒާއަށް އަނެއްކާވެސް ވިސްނާލެވުނެވެ. ނަމަވެސް ޔަޝްމީގެ މޫނުމަތީގެ ކުލަވަރު ފެނި އޭނާ އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.

މެންދުރުފަހު ލޯންޗް އަންނާނެ! ދެން އަވަހަށް ތައްޔާރުވާންވީނު! ބައްޕަވެސް ވީ ގޮނޑުދޮށަށް މަހެއް ބާނަން ގޮސް! ބައްޕަ އައީމަ އަދި ތި ވާހަކަ ދައްކަންޖެހޭނެ"

ފާއިޒާ އެހެން ބުނެ ނުނިމެނީސް ޔަޝްމީ ތެދުވިއެވެ.

***

އޮފީހުގައި އިން އިރުގައިވެސް ޖާވިދަށް ވިސްނެނީ މަންމައާ މެދުގައެވެ. ކަންތައްކުރަންވީ ކިހިނެއް ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ދެފަރާތްވެސް އޭނާއަށް އިންތިހާއަށް މުޙިއްމެވެ. ޒޫނާއާ އެވާހަކަ ހިއްސާކުރަން ބޭނުންވި ނަމަވެސް ޒޫނާގެ ޚިޔާލު ތަފާތު ވާނެކަން އޭނާއަށް ޔަޤީން ކުރެވޭތީ، އަނެއްކާވެސް ވިސްނުން ބަދަލުވިއެވެ. އެ ފިކުރު ތަކުގައި އޭނާ އިންދާ ޔަޝްމީގެ ކޯލެއް އައެވެ.

" މިހާރު މި ނައްޓާލީ! ދޮންބެއަކަށް ނާދެވުނެއްނު! "

ޔަޝްމީ އެހެން ބުނުމާއެކު ޖާވިދަށް ކޮޅަށް ތެދުވެވުނެވެ/ ލޯންޗް ފުރާ ގަޑިޔަށް ބަނދަރަށް ދާން އެއްގޮތަކަށްވެސް ހަނދާން ނެތެވެ.

" އޯހް! ވަރަށް ބިޒީކޮށް އުޅެން ޖެހުނީމަ ހަނދާން ނެތުނީ.. އަދި ގެއަށްވެސް ނުދަމޭ! މިހާރު ފުރީތަ؟ "

ޖާވިދް އެހިއެވެ.

" ހޫމް.. ދޮންބޭ! މަންމަ މިއަދު ވަރަށް ރޮއިފައި ކީ ދޮންބެ ޒޫނީމެންގެއަށް ދާ ވާހަކަ! އަހަރެން މިހާރު ހުންނާނީ މަންމައަށް ވިސްނައިދީފަ! އޯކޭވާނެ.."

ޔަޝްމީ އެހެން ބުނުމުން ޖާވިދުގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ނަމަވެސް އެކަން އޭނާ ޔަޤީންކުރަން އަދިވެސް މަންމައާ އެވާހަކަ ދައްކަން ބޭނުންވިއެވެ.

***

މަޑު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ކާރު މަޑުކޮށްލުމާއެކު ޔަޝްމީ އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި ސީޓުމަތީގައި އޮތް އޭނާގެ ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. އެއީ އަންނައުނު އަޅާފައިވާ ދަބަހެއްކަމުން ވަރަށް ވެސް ބަރެވެ. ކާރަށް ފައިސާ ދެއްކުމަށްފަހު ޔަޝްމީ އަވަސް އަވަހަށް ގެއަށް ވަދެ، ލިފްޓަށް އެރިއެވެ. އޭރު އޭނާގެ ހިތް އުފަލުން ފޮޅެނީއެވެ. އޭނާ ފެނުމުން ހާރޫންއަށް ވާނެގޮތް ކުރިމަތީގައި ކުރެހެމުންދާ ކަހަލައެވެ.

" އަނެއްކާ ގޭގައި އުޅޭނެބާ؟މިހާާޜު ދެން ރިސޯޓަކަށް ނުދާނެތާ ގައިމުވެސް.. ގޭގައި ހުންނާނެ ކަންނޭނގެ! "

ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޝަހާނާ ކަންނޭނގެ ދޮރު އެހުޅުވީ. އަހަންނަށް ހާރޫން ލިބުނުނަމަ ދުވަހަކުވެސް ދުލެއް ނުކުރީމުސް.

  2. ކޮބައި މިއަދު ގެނެސްދެއްވަންވާ ބައި ؟ ދޮރު ހުޅުވައިފި ކާކުކަން އެނގެން ބޭނުން. އަދި ފެން ކަންތައް ވާނެ ގޮތްވެސް.

  3. ކޮބައި މިއަދު ގެނެސްދެއްވަންވާ ބައި ؟ ދޮރު ހުޅުވައިލީ ކާކުކަން އެނގެން ބޭނުން. އަދި ދެން ކަންތައް ވާނެ ގޮތްވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *