ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ބަޔާން ލެވަކޫސެން ބައްދަލުކުރި މެޗުން ބަޔާން މޮޅުވާން ދަނިކޮށް ފަހު ވަގުތު ލަނޑުޖަހައި، ލެވަކޫސެން އިން ބަޔާން ހުއްޓުވައިފިއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޭން އެވެ. ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވުމަށް ފަހު ކޭން އަންނަނީ ބަޔާންގައި މޮޅަށް ކުޅެމުންނެވެ. ބަޔާނަށް ކުޅެދިން ހަތަރު މެޗުގައި ކޭން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
ރޭ ކޭން ޖެހި ލަނޑަކީ އޭނާގެ ކްލަބް ކެރިއާގައި ޖެހި 300 ވަނަ ލަނޑެވެ. އޭނާ ވަނީ ޓޮޓެންހަމްއަށް 280، ލަނޑު، މިލްވޯލްއަށް ނުވަ ލަނޑު، ލޭޓަން އޮރިއެންޓަށް ފަސް ލަނޑު، ބަޔާނަށް ހަތަރު ލަނޑު އަދި ލެސްޓާ ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ.
ކޭން މިވަނީ ލީގުގައި އޭނާ ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މީގެ ކުރިން ބަޔާނަށް ކުޅުނު ފުރަތަމަ ހަތަރު މެޗުގައި މި އަދަދަށް ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 2007 ވަނަ އަހަރު ބަޔާންއާއި ގުޅުނު ޖަރުމަނުގެ ކުރީގެ ފޯވާޑް ކްލޯސޭއަތުގައެވެ.
ބަޔާނުން މެޗުގެ ކުރީކޮޅު ލީޑު ނެގިނަމަވެސް ލެވަކޫސެން އިން ވަނީ 24 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބަޔާންގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ އަލެކްސް ގްރިމާލްޑޯއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބަޔާންގެ މަތީސް ޓެލް ލެވަކޫސެންގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެން ލެއޮން ގޮޓްޒާކާ ވަނީ ބަޔާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މެޗުން ބަޔާން މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ލެވަކޫސެންގެ ޕަލާސިއޮސް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތު ބަޔާނުން ވަނީ ލަނޑެއް ޖަހާފައެވެ. ޑިފެންޑަރ އުޕަމެކާނޯ ޖެހި ލަނޑު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން ވަނީ ކެންސަލް ކޮށްފައެވެ.
މި މެޗު އެއްވަރުވުމުން ލީގުގައި ދެ ޓީމުން ވެސް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް މި ދެ ޓީމް އަދި ލީގުގައި ބަލިވެފައި ނުވެއެވެ.
މިވަގުތު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ލެވަކޫސެންއެވެ. ދެވަނާގައި އޮތް ބަޔާނަށް ވެސް ބަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ.