ކޯޗާއި ޖެހުނު މައްސަލާގައި ސަންޗޯ ބާކީކޮށްފި

IMG_0865

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ވިންގަރ ޖޭޑަން ސަންޗޯއާއި ޔުނައިޓެޑްގެ ކޯޗް ޓެން ހާގާއި ދެމެދު ޖެހުނު މައްސަލަ މިހާތަނަށް މުޅިން ހައްލުވެފައި ނުވާތީ، ޔުނައިޓެޑްގެ ފުރަތަމަ ޓީމްގެ ތަމްރީންތަކުން ސަންޗޯ ބާކީ ކޮށްފިއެވެ.

މިކަމާއި ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފާއިތުވި ދިހަ ދުވަހު ވެސް ސަންޗޯ ޔުނައިޓެޑްގެ ފަސްޓް ޓީމާއިއެކު ތަމްރީން ހަދަމުން ނާންނަ ކަމަށާއި، މިވަގުތު އޭނާ ފަރިތަކުރުންތައް ކުރިއަށް ދަނީ ޓީމާއި ވަކިން ކަމަށެވެ. ޓީމްގެ ފަރުތަކުރުން ތަކުން ބާކީ ކޮށްފައި ވަނީ އޭނާއާއި ކޯޗާއި ދެމެދު ދިމާވެފައިވާ މައްސަލަ މުޅިން ހައްލުވެފައި ނުވާތީ ކަމަށެވެ.

ސަންޗޯއާއި ކޯޗް ޓެން ހާގް އާއި ދެމެދު މައްސަލަ ޖެހިފައި ވަނީ މި މަހު ކުރީކޮޅު ލީގުގައި ޔުނައިޓެޑާއި އާސެނަލް ބައްދަލުކޮށް 3-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވި މެޗަށް ފަހުއެވެ. އެ މެޗަށް ޔުނައިޓެޑުން އެކުލަވާލި ޓީމުގައި ސަންޗޯ ހިމަނާފައި ނުވެއެވެ. ސަންޗޯ ސްކޮޑުގައި ނުހިމެނީ ކީއްވެގެންތޯ ނޫސް ވެރިއަކު ކޯޗް ޓެން ހާގާއި ސްވާލުކުރުމުން އޭނާ ބުނެފައި ވަނީ ފަރިތަކުރުންތަކުގައި ސަންޗޯ ފަރުވާ ކުޑަވުމާއި އެކަށީގެންވާވަރަށް ޕާފޯމް ނުކުރާތީ ފުރުޞަތު ނުދިނީ ކަމަށެވެ.

ޓެން ހާގްގެ އެ ވާހަކަތަކާއި ގުޅިގެން ސަންޗޯ ވަނީ ސޯޝަލް މީޑިއާގައި ކޯޗުގެ ބުނި ބުނުމަށް ރަށްދުދީފައެވެ. އޭނާ ބުނީ ފެންނަހާ ވާހަކަތަކެއް ގަބޫލު ނުކުރުމަށާއި، އޭނާއާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ސަންޗޯ އިތުރަށް ބުނީ ފަރިތަކުރުންތަކުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ޓީމަށް ނުނެގުމުގައި ކޮންމެވެސް އެހެން ސަބަބެއް އޮތް ކަމަށް ގަބޫލުކުރާކަމަށެވެ. އިތުރަށް ބުނީ ކޯޗިން ސްޓާފުންގެ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، ޔުނައިޓެޑުގައި އޭނާ ކުޅެނީ މޮޅު ކުޅުންތެރިންތަކަކާއެކު ކަމުން، ކޮންމެ ހަފުތާއެއްގައިވެސް ތަފާތު ގޮންޖެހުންތައް އަންނަކަމަށެވެ.

މިވަގުތު ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ އެންތަނީ ވެސް ހުރީ ޓީމުން ބާކީ ކޮށްފައެވެ. އެންތަނީގެ ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވި ފެންމަތިވި މައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނާތީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ބްރެޒިލުން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އެކުލަވާލި ޓީމުން ވެސް އެންތަނީ ވަނީ ބާކީ ކޮށްފައެވެ.

ސަންޗޯ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2021 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. ޑޯޓްމަންޑްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔުނައިޓެޑްގައި އޭނާއަށް މާ އެދެވޭ ކުޅުމެއް އަދި މިހާތަނަށް ވަނީ ދެއްކޭ ގޮތް ނުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *