ދޮގު ޚަބަރު ފެތުރުމަކީ ހައްގު އޮޅުވާލުން ކަމަށާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވައިލައްވާ ހުތުބާގައި ވަނީ މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއްކަން ވެސް ހަނދުމަކޮށްދީފައެވެ.
މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށް ކަމަށާއި އިސްލާމް ދީނުގައި ދޮގުހެދުން ހަރާމްކުރައްވާފައިވާއިރު، އެކަމުގެ ނުބައިކަމުގެ މައްޗަށް ވެސް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ހައްޤުގެ މަގަށް މަގުދައްކާ އިސްލާހުކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރިކުރައްވާ، ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށާއި ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ، އެ މީހުންގެ ނުބައިކަން ދުނިޔެ އަށް އާއްމުވެގެން ހިނގައިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މީސްތަކުންގެ މަސްލަހަތު ގެއްލިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ ރަސޫލު ބޭކަލުންނާ ދެކޮޅުވެރިވި މީހުންގެ ޢަމަލުތަކުން އެކަން ހާމަވާ ކަމަށާއި އެ ބޭކަލުންނަކީ ދޮގުވެރިންނޭ، ކިބުރުވެރިންނޭ، ބިން ފަސާދަކުރާ މީހުންނޭ ބުނެ، އެފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ހައްގު މަގުން މީސްތަކުން އެއް ކިބާކުރުން ކަމަށެވެ.
ދޮގު ޚަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.