މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ކައިލް ވޯކާ، ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ވޯކާ ކުރިން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ވޯކާ ސިޓީއާއިއެކު ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުހެ ޖޫންމަހުގެ ނިޔަލަށް އޭނާ ސިޓީގައި މަޑުކުރާނެއެވެ.
ސިޓީގެ ފަހަތް ބެލެހެއްޓުމުގައި ފާއިތުވި ސީޒަންތަކުގައި މުހިންމު ދައުރެއް އަދާކުރި ވޯކާއަކީ 2017 ވަނަ އަހަރު 45 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުން ޓޮޓެންހަމުން ސިޓީއާއި ގުޅުނު ކުޅުންތެރިއެކެވެ.
އޭނާ ވަނީ ސިޓީއާއިއެކު ޖުމްލަ 13 ތައްޓެއް ކާމިޔާބު ކޮށްފައެވެ. ސިޓީގެ ޖޯޒީގައި މިހާތަނަށް އޭނާ ވަނީ 250 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ. އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް ވެސް 78 މެޗު ކުޅެފައެވެ.
ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޖަރުމަނުގެ ބަޔާން މިއުނިކުން ވޯކާ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ވޯކާ ބަޔާނަށް ބަދަލުވުމާއި ދާދި ގާތަށް ދިޔަ ނަމަވެސް ފަހުން ވޯކާ ނިންމީ ސިޓީގައި މަޑުކުރާށެވެ.
ސިޓީގެ އެއްބަސްވުނަ އައުކުރުމަށް ފަހު ވޯކާ ބުނެފައިވަނީ ސިޓީއާއިއެކު އައު އެއްބަސްވުމެއްގައި ސޮއިކުރެވުމުން ވަރަށް އުފާވާކަމަށާއި، އޭނާގެ މުސްތަގުބަލު އޮތީ މެންޗެސްޓާ ސިޓީއާ އެކު ކަމަށާއި އެއީ އޭނާއަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.
ސިޓީގައި ފާއިތުވި ހަ އަހަރު ދުވަހު ހޭދަކުރި ކޮންމެ ވަގުތަކީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި، ސިޓީގައި ތިބީ އެންމެ މޮޅެތި ކުޅުންތެރިންނާއި ކޯޗުން ކަމަށާއި އަދި ކުލަބުގެ ސްޓާފުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.