ދަށް ނަތީޖާތަކަށް ފަހު ޕޮލެންޑްގެ ކޯޗުކަމުން ސަންޓޯސް ވަކިކޮށްފި

photo_2023-09-14_12-07-10

ޕޮލެންޑްގެ ގައުމީ ޓީމްގެ ކޯޗްކަމުގައި ހުރި ފެނާންޑޯ ސަންޓޯސް އެ މަގާމުން ވަކިކޮށްފިއެވެ.

ސަންޓޯސް ޕޮލެންޑްގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. އެ މަގާމާއި ހަވާލުވިތާ އަހަރެއް ނުވަނީސް އޭނާއަށް މަގާމު ގެއްލުނުއިރު އެ މުއްދަތުގައި އޭނާ ޕޮލެންޑްގެ ގައުމީ ޓީމަށް އިރުޝާދު ދީފައިވަނީ ހަ މެޗުގައެވެ. އެ ހަމެޗުގެ ތެރެއިން ޕޮލެންޑް މޮޅުވީ އެންމެ ދެ މެޗުންނެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އީގައި ޕޮލެންޑް އެންމެ ފަހުން އަލްބޭނިއާއާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ. އެ މެޗުން ޕޮލެންޑް ބަލިވީ 2-0 ގެ ނަތީޖާއިންނެވެ. މި ބައްޔާއިއެކު ޕޮލެންޑް ވަނީ އެ ގްރޫޕްގެ ހަތަރުވަނައަށް ވެއްޓި، ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ހުރަސްތަކެއް އެޅިފައެވެ.

ސަންޓޯސް ވަނީ 2014 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް ޕޯޗުގަލްގެ ގައުމީ ޓީމަށް އިރުޝާދުދީފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ޕޯޗުގަލްއަށް 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2018-19 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްދީފައެވެ. މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާއިން މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް ކެޓުމާއިއެކު އޭނާއަށް ވަނީ ޕޯޗުގަލްގެ ކޯޗުގެ މަގާމު ގެއްލިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *