" އެކަމަކު ދަރިފުޅު އުޅެންވާނީ މިގޭގަ! މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިއީކަން އެނގެއެއްނު.. އެހެންވީމަ ދަރިފުޅުމެން އުޅެންވާނީ މިގޭގައި! ބައްޕަވެސް ހިއެއްނުވެ އެހެންތަނަކަށް ފޮނުވާނެހެންނެއް!"
ޒުނޭރާގެ ޖުމްލައިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖާވިދް ދެކެމުންދާ ހުވަފެންތައް އެނގޭ ހިނދު، މަންމަމެންގެ ނިންމުމުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ނަމަވެސް ޖާވިދް ބޭނުންވާ ގޮތް މަންމަގާތު ބުނާކަށްވެސް ޒޫނާއަކަށް ނުކެރުނެވެ.
" ބައްޕަ ޤަބޫލުތޯ އަހާލައްޗޭ މަންމާ! "
ތެދުވަމުން ޒޫނާ ބުނެލިއެވެ. އޭރުވެސް ޒުނޭރާ އިނީ ނުހަނު އުފަލުންނެވެ.
***
ޝަހާނާ ހައްޔަރު ކުރުމުގެ ހިތާމައިގައި ވަދީފާ އާއި ތައުފީޤަށް ހަމަ ނިދި ނުލިބެއެވެ. ޝަހާނާގެ އެއްވެސް ކުށެއް ނެތްކަން އެދެމަފިރިންނަށް އެނގެއެވެ. ނަމަވެސް އެކަން ޤަބޫލު ކުރާނެ މާގިނަ ބަޔަކު އެރަށަކު ނެތެވެ. ޝަހާނާއަށް ހެޔޮބަހެއް ބުނެލާނެ މީހަކުވެސް ނެތެވެ. އެހެންކަމުން އެމީހުންގެ ހިތާމައިގައި ބައިވެރިވެލަން އެގެއަށް ވަދެލާނެ މީހަކުވެސް ނުވިއެވެ.
މިރޭވެސް ވަދީފާއާއި ތައުފީޤް ސިޓިންގރޫމްގައި ތިބީ ޝަހާނާގެ ކޯލެއްގެ އިންތިޒާރުގައެވެ. ކޮންމެ ރެޔެއް ނިމި، އަނެއް ދުވަސް ފެށިގެން ދަނީ އެމީހުންގެ އިންތިޒާރަށް ފޮނިކަމެއް ނުލިބިއެވެ. ސިޓިންރޫމްގައި ހުރި މޭޒުމަތީގައި އޮތް ތައުފީޤްގެ ފޯނު ރިންގް ވާން ފެށުމާއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އުއްމީދެއްނެތި ތައުފީޤް ތެދުވެގެން ގޮސް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެއަށްފަހު ހިނިތުންވެފައި އަވަސް އަަވަހަށް ފޯނު ކަންފަތުގައި ޖަހާލިއެވެ. ގުޅީ ޝަހާނާކަން ޔަޤީން ކުރެވޭ ޙާލު ވަދީފާވެސް ތެދުވެގެން ގޮސް ތައުފީޤްގެ ކުރިމަތީގައި ހުއްޓުނެވެ.
" ބައްޕާ! "
ވަދީފާ އައިސް ހުއްޓުމާއެކު ތައުފީޤް ފޯނު ސްޕީކަރަށް ލީ، ޝަހާނާ ދައްކާ ވާހަކަ ވަދީފާއަށްވެސް އިއްވަން ބޭނުންވާތީއެވެ.
" ދަރިފުޅާ! މައްސަލަ ނިމުނީ ރަނގަޅަށްތަ؟ "
ތައުފީޤަށް ފުރަތަމަވެސް އަހާލެވުނެވެ.
" އާނ ބައްޕާ! އެ ޝަރީފް ހުރިހާ އެއްޗެއް ތެދަށް ކިޔައިދީފި! އަހަރެންގެ ކުށެއް ނެތްކަން ސާބިތުވެއްޖެ! "
ޝަހާނާ އެހެން ބުނުމާއިއެކު ތައުފީޤަަށް ފުރަތަމަވެސް ޙަމްދު ކުރެވުނެވެ. ވަދީފާއަށްވެސް މޭގައި އަތް އަޅާލެވުނީ ހިތަށް ފިނިކަން ލިބުނުވަރުން އުފަލުންނެވެ.
" ދެން ދަރިފުޅު އަވަހަށް އަންނަން އުޅޭ! "
ވަދީފާ ތަންކޮޅެއް ބާރަށް އެހެން ބުނުލުމުން ޝަހާނާގެ އެއްވެސް ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެ ދިޔައެވެ.
" މަންމާ! އަހަރެން ދެން ތި ރަށަކަށް ނުދާނަން"
ޝަހާނާގެ މާޔޫސީ އަޑުން އިވުނު ޖުމްލައިން ވަދީފާއާއި ތައުފީޤަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
" ރަށަށް އަންނަން ޖެހޭނެ! އޭރުންތާ މީހުންނަށް އެނގޭނީވެސް ދަރިފުޅުގެ މައްޗަށް ކުށް ސާބިތު ނުވިކަން"
ތައުފީޤް މަސައްކަތްކުރީ ޝަހާނާއަށް ވިސްނައިދޭށެވެ. ނަމަވެސް ޝަހާނާ ހުރީ އޭނާގެ ވިސްނުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ.
" ނޫން ބައްޕާ! އަހަންނަކީ ރަނގަޅު މީހެއް ކަމަކަށް ތިރަށުގެ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ.. އަހަރެންގެ ރައްޓެހިންވެސް އަހަންނަށް ނަފްރަތުކުރޭ! އަހަންނަށް މަލާމާތްކޮށް ފުރައްސާރަ ކުރޭ! އަހަންނަށް ކުރެވުނު ކުށަކުން އެންމެން އަހަރެން ބާކީކޮށްލީ.!"
އެހިސާބަށް ވާހަކަ ދިޔުމާއެކު ޝަހާނާއަށް ރޮވޭ ގޮތް ވިއެވެ. އެހެންކަމުން އޭނާ އަވަހަށް ވާހަކަ ދެއްކުން ހުއްޓާލިއެވެ.
" އަހަރެމެން މުސްކުޅިވީ ދުވަހު އަހަރެމެން ދޫކޮށްފައި ދަނީދޯ"
ވަދީފާ ދެރަވެލާފައި އެހެން ބުނުމާއެކު ތައުފީޤް އޭނާއަށް ލޯ އަޅާލިއެވެ. އަދި ވާހަކަ ނުދައްކާ ހުރުމަށް އަތުން އިޝާރާތްކޮށްލިއެވެ.
" ދޫކޮށްލީކީ ނޫން! އަހަރެން ބޭނުންވަނީ މީހުން ބަލައިގަންނަ މީހަކަށް ވާން! އިރާދަކުރެއްވިއްޔާ އަހަރެން އަދި މަންމަމެންގާތަށް ދާނަން. އެކަމަކު މިހާރު އެއްވެސް ވަރަކަށް ތިރަށުގައި އުޅޭހިތެއް ނުވޭ! އެހުރިހާ ހަނދާންތަކަކާ ދުރަށް ދާން ބޭނުންވަނީ! "
ޝަހާނާ އިތުރަށް ކިޔައިދިނެވެ.
" އާނ! ދެން ރަނގަޅުވާނީވެސް ތިގޮތް.. ދަރިފުޅު ބޭނުންވާ ގޮތަކަށް އުޅެގެން ހިތަށް ތަސައްލީއެއް ލިބޭތޯ މަސައްކަތްކުރޭ! ދެން ކޮންތާކު އުޅެން ތި ވިސްނަނީ؟ "
ތައުފީޤް ހަމަޖެހިލަމުން ސުވާލު ކުރިއެވެ.
" މާލެ ދާން މި ވިސްނަނީ! އަހަރެންގެ އެކައުންޓަށް މީހަކު ލައްވާ ލާރިކޮޅެއް ޖަމާކޮށްލަދޭންވީނު! މާލެ ގޮސް ވަޒީފާއެއް ހޯދާނީ"
ޝަހާނާ ބުނެލިއެވެ. އޭނާގެ އެދުމަށް ފުރަގަސްދޭން ބޭނުން ނުވާތީ ތައުފީޤް ފޯނު ބޭއްވީ އެކަމަށް އެއްބަސް ވެގެންނެވެ.
" އެމަންޖެ އެބުނަނީ ހަމަ ތެދު ވާހަކައޭ! އަހަރެމެން އެމަންޖެ ގެނެސް މިގޭތެރޭގައި ބޭންދިދާނެ. އެކަމަކު އެއީވެސް ޒުވާން އަންހެން ދަރިއެއް! އެދަރި ބޭނުންވާނެ ކަންތައްތަކެއްވެސް ހުންނާނެ. މިތާ ބަންދުވެގެން އިނީމަ އޭނައަށް ކޮން ދިރިއުޅުމެއް ލިބޭނީ؟ މިހާރު އެއުޅެނީ ދިރިއުޅުން އާރާސްތުކުރުމަށް އަމިއްލައަށް ބޭނުން ވެގެން. އަހަރެެމެން ކީއްކުރަން އެކަމާ ދެކޮޅު ހަދަންވީ؟"
ފޯނު ބޭއްވުމަށްފަހު ވަދީފާ އެއްޗެއް ބުނަން ވާއިރަށް ތައުފީޤް އަވަސް އަވަހަށް ކިޔާލިއެވެ. އެވަރުން ވަދީފާއަށް ވިސްނޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އިތުރަށް އެކަމާ ޝަކުވާ ނުކޮށް ހުރޭތޯއެވެ.
" އާނ! އެންމެ ރަނގަޅޭ! ދެން އަވަހަށް ދޭބަލަ އެމަންޖެއަށް ފައިސާކޮޅެއް ފޮނުވޭތޯ ބަލަން.."
ވަދީފާގެ ފިނި ޖަވާބުން ތައުފީޤް ނުހަނު ހިތްހަމަ ޖެހުނެވެ. މިއީ އެހާ ގިނައިން ވާ ކަންކަމެއްވެސް ނޫނެވެ. އާއްމުކޮށް ވަދީފާއަކީ ތައުފީޤް ބުނާ އެއްޗަކަށް ފަސް ހަ އެތި ބުނެލާ މީހެކެވެ. ނަމަވެސް މިފަހަރު އެއްޗެއް ބުނުމުގެ ހިތްވަރެއް ވަދީފާގެ ނެތްކަން ޚުދު ވަދީފާއަށްވެސް ޤަބޫލު ކުރެވުނެވެ.
***
އަޅައިގެން އިން ސައިޖޯޑުގެ އުޅަކުގައި ހިފައިގެން ޖޯޑަށް ބަލަހައްޓައިގެން ޔަޝްމީއަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. މޭޒުމަތީގައި ހުރި ވަތުތަށީގައި އޮތް ދެތިން ކުޅިބޯކިބާ ކޮޅާއި ގަބުޅި ބޯކިބާ ކޮޅުވެސް އޮތީ އޮތްގޮތަށް ބޭއްވުނީ ކާހިތް ނުވެގެންނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ހާރޫންގެ ހިޔާލްތަކެވެ. ހިތްވަނީ ހާރޫންއާއެކުގައި ކަހަލައެވެ. އެ ޚިޔާލްތަކާއި ވިސްނުންތަކާއި ފިކުރުތަކުން ދުރަކަށްވެސް ނުދެވުނެވެ. ރަށުގައި މިވީ ހަތަރު ވަރަކަށް މަސްދުވަސްވެސް އޭނާއަށް ހީވަނީ ހަތަރު އަހަރު ހެންނެވެ. ހާރޫންއާ އަނގައިން ބުނެ ނުލެވި، ނުފެނި އުޅެން ޖެހުން ބޮޑު ވޭނަކަށް ވީ ކަހަލައެވެ.
" ސާބަހޭ ދަރިފުޅާ! މަންމަ ފެންވަރަން ދިޔައިރުގައިވެސް ތިޔަތާކު އިނީ! މިހާރު ތި ސައިތަށިވެސް ހުންނާނީ ފިނިވެފައި! "
ކާގެއަށް ވަދެގެން އައި ފާއިޒާއަށް ޔަޝްމީ ފެނުމާއެކު ހިތްހަމަ ނުޖެހެވުނެވެ. ޔަޝްމީގެ އުޅުން މިހާރު ހުންނަ ގޮތުން ފާއިޒާވެސް ހުންނަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ދެރަވެފައެވެ. ފާއިޒާ ވަނުމާއިއެކު ޔަޝްމީ އަވަސް އަވަހަށް ތެދުވިއެވެ. އަދި އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
" މަޑުކޮށްބަލަ! ހެނދުނު ކޮފީތަށި ބުއިގޮތަށް ތިހުރީ! މެންދުރުވެސް ބަތްކޮޅެއް ކެއީކީ ނޫން! ވާގޮތެއް ބުނެބަލަ! ބުނީމައެއްނު އެނގޭނީވެސް"
ތަންކޮޅެއް ބާރަށް ފާއިޒާ ވާހަކަ ދެއްކުމުން ޔަޝްމީގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އެހެންކަމުން އިތުރަށް އެންމެ ވަގުތު ކޮޅަކުވެސް މަންމަގެ ކުރިމަތީގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފަޔަށް ބާރުލައިފައި އޭނާއަށް ދުއްވައިގަނެވުނީ މަންމަ އިތުރު ސުވާލެއް އަމާޒުކޮށްފާނެތީއެވެ. ޔަޝްމީގެ އެ ޚަރަކާތްތަކުން ފާއިޒާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަރެން މިހާރު ބޯ ހަލާކުވާވަރު ވެއްޖެ! "
މޭޒުމަތީގައި ހުރި ހެދިކާ ތަށި ނަގަމުން ފާއިޒާއަށް ބުނެލެވުނެވެ.
ދުވެފައި ގޮސް ޔަޝްމީ އެނދުމައްޗަށް ޖެހިގަތެވެ. އަދި ބަނޑުން އޮވެ، ހިތް ފުރެންދެން ރޮމުންދިޔައެވެ. އެގޮތުގައި އޭނާ އެތައް ވަގުތެއް ހޭދަކުރިއެވެ. އެންމެ ފަހުން ހަށިގަނޑަށް ވަރުބަލިވެގެން ނިދެން ފެށިއެވެ. ނަމަވެސް ދުވާލު ނިދާކަށް ޔަޝްމީ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. މިހާރު ރޭގަނޑުގެ ނިންޖަކީ އޭނާއާ މާ ރައްޓެހި އެއްޗެއް ނޫނެވެ. ރޭގަނޑު ހަތަރުދަމު އެކަނިވެރިކަމުގައި ކަރުނައެޅުން ނޫން ކަމެއް އޭނާ އަކަށް ނުކުރެވެއެވެ.
މަޑުމަޑުން ތެދުވުމަށްފަހު ޔަޝްމީ ހަމަޖެހިލީ ކައިރީގައި އޮތް ފޯނު ހިފައިގެންނެވެ. އެއާއިއެކު ވައިބަރ އިން ޖާވިދްގެ މެސެޖެއް ލިބުނެވެ. މެސެޖް ހުޅުވާލުމާއިއެކު ޔަޝްމީއަށް ކޮޅަށް ތެދުވެވުނެވެ. ޖާވިދް ފޮނުވީ ނޫހެއްގެ ފަލަ ސުރުހީގެ ސްކްރީންޝޮޓެކެވެ.
"ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ހާރޫންގެ ރިސޯޓްތައް ޔޫރަޕްގެ ވިޔަފާރި ވެރިއަކަށް ވިއްކާލައިފި!"
ޔަޝްމީއަށް ދެތިން ފަހަރަކު ކިޔާލެވުނެވެ. އެއާއިއެކު ސުރުހީގައި ޖަހާފައިވާ ހާރޫންގެ ފޮޓޯއަށް ބަލައިލެވުނީ ހިތްދަތިކަމާއެކުއެވެ.
" ވިއްކާލައިފި؟ "
ޔަޝްމީއަށް ހިތާހިތާ ކިޔާލެވުނެވެ. ވިޔަފާރީގެ ރޮނގުން ހާރޫން ކުރިއަށްދާން ބޭނުންވާ މިންވަރުވެސް ޔަޝްމީއަށް އެނގެއެވެ. އޭނާ ދެކެމުންދާ ހުވަފެންތަކާއި ކުރަމުން އަންނަ އުއްމީދުތައްވެސް އެންމެ ބޮޑަށް އެނގޭ މީހަކީ ހަމަ ޔަޝްމީއެވެ.
" ދޮންބެ އަހަންނަށް ތި ލިންކް ފޮނުވައިދީބަލަ"
ޔަޝްމީ އަވަސް އަވަހަށް މެސެޖް ފޮނުވާލުމަށްފަހު ޖާވިދްގެ މެސެޖްގެ އިންތިޒާރުގައި ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުކޮޅެއްނުވެ، އެ ޚަބަރު އޭނާއަށް ލިބިއްޖެއެވެ. ދެއަތުން ފޯނު ހިފަހައްޓައިގެން ހުރެ ޔަޝްމީ ލޯ ހިންގަމުން ދިޔައީ ހާރޫންއާ ބެހޭގޮތުން ލިޔެފައިވާ ޚަބަރަށެވެ.
" އިތުރަށް މި ވިޔަފާރި ކުރަން ބޭނުން ނުވާތީ ވިއްކާލީ! އިތުރު ތަފްސީލެއް ނެތް"
ނޫސްވެރިޔާގެ ސުވާލަށް ހާރޫން ދީފައިވާ ޖަވާބުން ޔަޝްމީގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ނުރޯނަމޭ ހިތައި ކަރުނަތައް ހިފަހައްޓައިގެން ހުރި ނަމަވެސް ޔަޝްމީގެ ދެލޯ ފުރާ ކަރުނަތައް ބަންޑުން ވާން ފެށިއެވެ. އެހުރިހާ ނިންމުމެއްވެސް ހާރޫންއަށް ނިންމަން އެޖެހުނީ ޚުދު ޔަޝްމީގެ ސަބަބުން ކަމުގައި ޔަޝްމީއަށް ޤަބޫލު ކުރެވުނެވެ.
" ވެދާނެ ކޮއްކޮ އެހެން ހެދީމަ އޭނަ ބޯ ގޮވީ ކަމަށްވެސް! ކޮއްކޮދެން ގޮތް ދޫކޮށްފައި މަޢާފަށް އެދި އަލުން އެނބުރި ދާންވީނު!"
ރޮއިލަރޮއިލާ އިންދާ އަނެއްކާވެސް އޭނާއަށް ލިބުނީ ޖާވިދްގެ މެސެޖެކެވެ. ދޮންބެގެ އެ ޚިޔާލާމެދު ޔަޝްމީއަށްވެސް ފުންކޮށް ވިސްނެން ފެށުނެވެ. ހާރޫން އޭނާގާތު ކުރި އާދޭހާއި ދިން ނަޞޭޙަތްތައް ސިކުނޑީގައި އާވެ ހަނދާންވާން ފެށިއެވެ. ކޮންމެ ޙާލެއްގައިވެސް ހާރޫން އޭނާ ބަލައިގަންނަ ކަމުގައި ތަކުރާރުކޮށް ބުނަމުން އައިކަން ހަނދާންވިއެވެ. ހާރޫންގާތުން ވަކިވުމަށްފަހު ރަށަށް އައިސް އުޅެންޖެހޭ ޙާލާއިމެދުވެސް ޔަޝްމީއަށް ވިސްނެން ފެށިއެވެ. އުފަލެއް ނުލިބި މުޅި އުމުރު ހިތްދަތިކަމުގައި ހޭދަ ކުރުމަކީ މޮޔަކަމެއްގެ ގޮތުގައި ޟަމީރުވެސް ވިސްނައިދޭން ފެށިއެވެ.
އަތުގައި އޮތް ފޯނު އެނދުމައްޗަށް ހޫރާލުމަށްފަހު ޔަޝްމީ ނިކުތެވެ. އޭރު އިރުއޮއްސެނީއެވެ. ދުނިޔެމައްޗަށް ވެރިވެފައިވަނީ ރަތްވިލާގެ ރަން ދަޅައެވެ. ރަށުތެރެއަށް ކޮންމެވެސް ވަރަކަށް އަނދިރިކަން ވެރިވެފައިވީ ނަމަވެސް ޔަޝްމީގެ ޚިޔާލު ބަދަލު ވާގޮތެއް ނުވިއެވެ. ފަޔަށް ބާރު ލައިފައި ހިނގަމުން ގޮސް ހުއްޓުނީ ފުއްޓަރު ފަރާތު ގޮނޑުދޮށުގައެވެ. އެއީ ހަމަހިމޭން އަމާން މަންޒިލެކެވެ. މީހެއްގެ ހިލަމެއްނުވާ، އަރާމު ތަނެކެވެ. ގާތަކުގެ މަތީގައި ފައިވާން ބެހެއްޓުމަށްފަހު ޔަޝްމީ ހިނގައިގަތީ މޫދާ ދިމާލަށެވެ. ހުއްޓުމެއްނެތި ގޮނޑުދޮށަށް ބިންދަމުންދާ ރާޅުތައް އެވަގުތު ބީއްސަމުންދަނީ ކަންނެތްކަމާއި ވަރުބަލިކަމާއެކުގައި ކަހަލައެވެ. ޔަޝްމީގޮސް ފައި ޖައްސާލީ، ދޮންވެލިގަނޑު މައްޗަށް ރާޅުއައިސް ފެތުރިގަންނަ ހިސާބުގައެވެ. އޭނާ ހުއްޓުމާއެކު ފައިތިލަ ތެމި، ހަށިގަނޑަށްވެސް ފިނިވެގެން ދިޔަކަހަލައެވެ. ދެއަތް އުރާލައިގެން ޖެހެމުންދާ ފިނި ވައިގެ ތެރޭގައި އޭނާ ހުރީ ހަށިގަނޑަށް އަރާމެއް ލިބޭތޯއެވެ. ވިސްނާވިސްނާ ވަރުބަލިވެފައިވާ ސިކުނޑިއާއި އެސިކުނޑިއަށް ނަޞޭޙަތްތެރިވެދީދީ އޮތް ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ދެލޯ މަރާލައިގެން ހުރި ޔަޝްމީއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނީ މެރިފައިވާ ލޮލުގެ ތެރެއިން ހާރޫންގެ ސޫރަ ހިތަށް ސިފަވުމުންނެވެ.
" އާދޭ! އަހަރެން ގާތަށް އާދޭ ޔަޝްމީ! އަހަންނަށް ޔަޝްމީއާ ނުލައި ނޫޅެވޭނެ.. އެންމެ ހިނދުކޮޅަކުވެސް ނޫޅެވޭނެ އާދޭ ޔަޝްމީ"
ހާރޫން އޭނާގާތު އާދޭސްކުރަމުން ދިޔައެވެ. އެއާއިއެކު ޔަޝްމީއަށް އަނެއްކާވެސް ހިނިތުންވެލެވުނެވެ. އޭނާއަށް އެނގެއެވެ. ހާރޫން އަދިވެސް އޭނާއަށް އިންތިޒާރު ކުރާނެއެވެ. ޔަޝްމީ އަންނާނެކަމަށް އުއްމީދު ކުރާނެއެވެ. އަދި ޔަޝްމީއަށް މަޢާފްވެސް ކުރާނެއެވެ. ލޯބިވެތި ހިނިތުންވުމެއްގައި ހުރެ، ޔަޝްމީ ދެލޯ ހުޅުވާލީ އުއްމީދުން ފުރިގެންނެވެ. އޭރު އޭނާގެ ހިތްވަނީ ހާރޫންއާ ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. އުފަލުން ފޮޅެމުންނެވެ. އެހިނދު ރަކި ގޮަތަކަށް ޔަޝްމީއަށް ހީލެވުނީ ހާރޫންގާތަށް ދާން ބޭނުންވި ވަރުންނެވެ. އެއާއިއެކު ކުރިމަތިން ފެންނަން ހުރި ބޮޑު އިރުވެސް ނިވާވަމުންގޮސް ގެއްލުނީ، ޔަޝްމީގެ ހިނިތުންވުން ފެނި ލަދުން ކަހަލަ ގޮތަކަށޭ އޭނާއަށް ހީވިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.