ސިލްސިލާ ވާހަކަ: ޝިކާޔަތު (60)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

" ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟"

ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ. އެމީހުން ފެނި ތައުފީޤްގެ އިތުރުން ޝަހާނާގެ ހިތުގައިވެސް ހައިރާންކަން އުފެދިގެން ދިޔައެވެ.

" ޝަރީފް ކިޔާ މީހަކު މިގެއަށް އައި ޚަބަރު ލިބިގެން މިއައީ! "

ފުލުހަކު ކުރިއަށް ޖެހިލުމަށްފަހު ބުންޏެވެ.

" ޝަރީފް ދެންމެ ހަމަ ނިކުމެގެން ގޮއްސި! އޭނަ ދިޔަތަނެއް ނޭނގިގެން މިއުޅެނީ! "

ތައުފީޤް އަވަސް އަވަހަށް ޖަވާބު ދިނެވެ.

" މިގެ ބަލައި ފާސްކުރަން ބޭނުން! ކޯޓު އަމުރަކަށް އެދިފައިވާނީ! އިރުކޮޅެއްގެ ތެރޭގައި ހުއްދަ ލިބުމާއިއެކު މިގެއަށް ވަދެ ބަލައި ފާސްުކުރާނަން"

ފުލުސްމީހާގެ ޖުމްލައިން ޝަހާނާގެ ހިތަށްވެސް ނުތަނަވަސްކަން ލިބުނެވެ. ނަމަވެސް މަންމަގާތު އޭނާވެސް މަޑުކޮށްގެން ހުރީ، ކަންތައްތައް ވާން އުޅޭގޮތެއް ނޭނގޭތީ ބިރުގަނެފައެވެ.

***

ޖާވިދާއިއެކު ޒޫނާ ބޭރަށް ނިކުތީ ފިނި އެއްޗެއް ބޯލަން ދިޔުމަށް އޭނާއަށް ޖާވިދް ދައުވަތު ދިނުމުންނެވެ.

" އެއްބަސް ނުވިޔަސް ހަމަ ކަމެއްތާ"

އޮފީހަށް ވަންނަން އައި ރިޔާޒް ޖާވިދާ ދިމާކޮށްލުމުން ޖާވިދް ލޯބި ގޮތަކަށް ޒޫނާއަށް ބަލައިލިއެވެ.

" އަހަރެމެންގެ އަނގައިގަ ރަހައެއް ލާނީ ކިހާ ދުވަހަކުންތަ؟ "

ހުއްޓި ހުރެ އަނެއްކާވެސް ރިޔާޒް ބުންޏެވެ. އެއާއިއެކު ޒޫނާއަށް ހުރެވުނީ ޖާވިދް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

" ވަރަށް އަވަހަށް..."

ހިނގައިގަންނަމުން ޖާވިދް ބުނެލިއެވެ. ރައްދުގައި ޒޫނާއަށްވެސް ހިނިތުންވެލެވުނެވެ. އޭރު ހިނިގަނޑެއް ޖަހާލުމަށްފަހު ރިޔާޒްވެސް އެތެރެއަށް ވަދެއްޖެއެވެ.

" ހަމަ އެހާ އަވަހަށްތަ؟ އެކަމަކު އަދި އަހަންނަކަށް ނޭނގެ އަހަރެމެން ދެމީހުންގެ ދެމެދުގައި މި އޮންނަނީ ކޮން ގުޅުމެއް ކަމެއްވެސް.. ދޭނީ ކޮން ނަމެއް ކަމެއްވެސް"

މަގުގެ އެއްފަރާތުން ލަސް ފިޔަވަޅުތަކެއްގައި ޒޫނާ ހިނގަމުން ދިޔައީ ޖާވިދާއި އެއްހަމައެއްގައެވެ.

" އަހަންނަކަށްވެސް ނޭނގެ މިގުޅުމަށް ދޭންވީ ކޮން ނަމެއްކަމެއް! އަސްލު ނޭނގި ވެވޭ ލޯބި މާ ލޯތްބޭ!"

ނުސީދާ ކޮށް އެތައް އިޝާރާތްތަކެއް ކުރުމަށްފަހު ޖާވިދަށް އެންމެ ފަހުން ބުނެވުނެވެ. އެއާއިއެކު ޒޫނާއަށް ރަކި ގޮތަކަށް ހީލެވުނެވެ.

" އަހަރެން ލޯބިވީ އެނގި ހުރެ! އެހެންވީމަ އަހަންނަށްވުރެ ބޮޑަށް ޖާވިދް އަހަރެންދެކެ ލޯބިވާނެތާ"

ލާނެތް ގޮތަކަށް ޒޫނާ ބުންޏެވެ. އޭރު އެމީހުންނަށް ފިހާރައަކާ ހަމައަށް އާދެވިއްޖެއެވެ.

" ކޯއްޗެއްތަ ޒޫނީ ބޭނުމީ؟ މައިލޯ ޕެކެޓެއްތަ؟"

ޖާވިދް މަޑުމަޑުން އެހެން ބުނުމާއެކު ޒޫނާ ބޯ ޖަހާލިއެވެ. އެއްޗެހި ގަނެގެން ދެމީހުން ފިހާރައިން ނިކުތީ އެކުއެކީގައެވެ. ހަމަ އެވަގުތެވެ. ޖާވިދްގެ ފޯނު ރިންގް ވާން ފެށިއެވެ.

" ރިޔާޒް އެބަގުޅާ! ޔަޤީން ދިމާކުރަން އެގުޅަނީ"

އެހެން ބުނުމަށްފަހުގައިވެސް ޖާވިދް ފޯނު ނެގީ ހެވިފައި ހުރެއެވެ. ނަމަވެސް އިސާހިތަކު ޖާވިދްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނި ޒޫނާ ނުހަނު ކަންބޮޑުވެއްޖެއެވެ.

" ދޮގު ނަހަދާ! ހަމަ ހުވާތަ؟ "

ޖާވިދަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއިއެކު ފޯނު ކަނޑާލުމަށްފަހު ޒޫނާއަށް އޭނާ ބަލައިލިއެވެ.

" ޝަހާނާގެ ކޮޓަރިން ޑްރަގްސް ފެނިގެން އޭނަ އަތޮޅު ޕޮލިސް ސްޓޭޝަނަށް ގެންދަނިއްޔޯ ތަހުޤީޤް ކުރަން! ފުލުހުން ވަރަށް ސިއްރުން ރަށަށް އައީމަ އަހަރެމެންނަށްވެސް މި ނޭނގުނީ.. ކޮންމެވެސް ކަންތައްގަނޑެއް ހިންގާލިއްޔޯ! ހިނގާބަލަ ދާން އޮފީހަށް"

ޖާވިދް ވާހަކަ ދެއްކި އިރުގައިވެސް ވަރަށް ބޮޑަށް ހާސްވެފައި ހުރިކަން ޒޫނާއަށް އެނގެއެވެ. އެހެންކަމުން އޭނާވެސް އިތުރަށް މަޑުނުކޮށް ޖާވިދާއެކު ހިނގައިގަތެވެ.

" ޖާވިދް އެކަން ޤަބޫލު ކުރާނަންތަ؟ "

ޒޫނާއަށް އަހައިލެވުނެވެ. ބޭއިޙްތިޔާރުގައި ޖާވިދަށް ބޯ ހޫރާލެވުނީ އެފަދަ ކަމެއް ޝަހާނާ ކޮށްފާނެކަމަށް ޤަބޫލު ނުކުރެވޭތީއެވެ.

" ނޭނގެދޯ! ހީނުކުރާ އެތައް ކަމެއްވެސް އޭނަ ކުރި ވިއްޔަ! އެކަމަކުވެސް އެވަރުގެ ބޮޑު ކަމެއް އޭނަ ނުކުރާނެ ކަންނޭނގެ!"

ޖާވިދް ބުނެލިއެވެ.

ދެމީހުން އެކުއެކީގައި އައިސް ހުއްޓުނީ އޮފީސް ދޮރުމަތީގައެވެ. އޭރު ރަށުގެ ގިނަ ޢަދަދެއްގެ މީހުންވެސް ބަނދަރު މައްޗަށް ޖަމާވެފައި ތިއްބެވެ. ފުލުހުން އައިސް އޮތް ބޮޑު ލޯންޗް ސްޓާޓް ކޮށްފައި އޮތުމުގެ ސަބަބުން މިހާރު އެމީހުން ފުރަން އުޅެނީކަން ޖާވިދަށް ވިސްނުނެވެ. އެހެންކަމުން ޒޫނާ އެތެރެއަށް ފޮނުވާލުމަށްފަހު އޭނާވެސް ހިނގައިގަތީ ޖެޓީއާ ދިމާލަށެވެ.

" ޖާވިދް! "

ފަހަތުން އިވުނު ތައުފީޤްގެ އަޑުން ޖާވިދު ހުއްޓުނެވެ. އޭރު އޭނާ ހުރީ ރޮވިފައެވެ. ޖާވިދް ބަލައިލުމާއެކު ތައުފީޤަށް ބާރަށް ރޮވިއްޖެއެވެ. ނަމަވެސް ހިތްވަރުކޮށްފައި ކަންހިނގި ގޮތް އޭނާ ޖާވިދަށް ކިޔައިދިނެވެ.

" އެއީ ކުށެއް ނެތް ކުއްޖެއް! ހެޔޮނުވާނެ އޭނަ ސަލާމަތްކޮށްދީ! މިހާރު އެ ޝަރީފްވެސް ހޯދައިފި! އެދެމީހުން އެ ގެންދަނީ އެރަށަށް.. ޝަހާނާގެ ކޮޓަރީގައި ޑްރަގު ފޮރުވާފައި އެސޮރު ފިލީ! ދެން ފުލުހުން އެ އެއްޗެހި ހޯދައިގެން މަގޭ ދަރި ބޮލުގައި އެ ތުހުމަތު އަޅުވައިފި!"

އަނެއްކާވެސް ތައުފީޤް ރޯން ފަށައިފިއެވެ.

" ބަ...ބައްޕަ ހާސްނުވޭ! އެކަންތައް ރަނގަޅަށް ތަޙްޤީޤް ކުރެވުނީމަ ކަންތައް ހިނގިގޮތް ސާފުވާނެ! އަދި އެ ގެންދަނީ އޮޅުން ފިލުވަން! މިރަށުގައި ޕޮލިސް ސްޓޭޝަންއެއް ނެތީމަ އަތޮޅުންނެއްނު އެކަން ވާނީ! "

ޖާވިދް ބޭނުންވީ ތައުފީޤްއަށް ވިސްނައިދޭށެވެ. އޭރު މާ ދުރުން ޝަހާނާ އާއި ޝަރީފް ގޮވައިގެން ފުލުހުން އަންނަތަން ފެނެއެވެ. އެމަންޒަރު ފެނި ތައުފީޤް ބާރުބާރަށް އެދިމާލަށް ދިޔަ ނަމަވެސް ޖާވިދް މަޑުކުރީ ދުރުގައެވެ. އިސްޖަހައިގެން ހުރެ ޝަހާނާ ގޮސް ލޯންޗަށް އެރި އިރުގައިވެސް ޖާވިދް ހުރީ ބަލާށެވެ. އެމަންޒަރު ބަލަން ކޮންމެވެސް ވަރަކަށް އޭނާގެ ހިތަށް އަސަރު ކުރި ކަހަލައެވެ. ނަމަވެސް ޝަހާނާއަށް ކުރިން ކުރި އިތުބާރު ގެއްލުނު ފަހުން އެއްވެސް ވަރަކަށް އޭނާއަށް އިތުބާރެއް ނުކުރެވެއެވެ. ދެންވެސް ޖާވިދްގެ ހިތަށް އެރީ ޝަހާނާ އެފަދަ ކަމެއްވެސް ކޮށްފާނެ ކަމެވެ.

***

ފާއިތުވަމުންދާ ކޮންމެ ދުވަހަކީވެސް ޔަޝްމީއަށް ފޫހި ދުވަހެކެވެ. އެހާމެ ދިގު ދުވަހެކެވެ. އެހެންކަމުން އޭނާ ބޭރަށް ނިކުންނަ ހިތެއް ނުވެއެވެ. މުޅި ދުވަސް ހޭދަކޮށްލަނީ ކޮޓަރި ތެރޭގައި އޮވެއެވެ. ގިނަ ފަހަރު ކާންދަނީވެސް މަންމަ އައިސް ކިޔައި އާދޭސް ކޮށްގެންނެވެ.

" ދެން ތިހެން އުޅެންޏާ މީހާ ހަލާކުވެދާނެއެއްނު! ތިއީ ދަރިފުޅު އަމިއްލައަށް ކުރި ކަމެއް! ތިހެން ހަތަރުދަމު ރޯން އޮންނަންތަ ހާރޫން ގާތުން ވަރިވެގެން ތިއައީ؟ "

އެންމެ ފަހުން ފާއިޒާ ގާތަށް ރުޅި އައެވެ. އޭނާ އިނީ ޔަޝްމީގެ މަގަތުގައި އިށީންދެއެވެ. ބަންޑުން އޮވެ މޫނު ފޮރުވައިގެން އޮތް ޔަޝްމީ މޫނު ހިއްލާލީ މަންމަގެ ބާރު އަޑަށެވެ.

" ތިހެން ނުބުނޭ މަންމާ! އަހަރެން ބޭނުންވަނީ ހިތްވަރު ކުރަން! އަހަންނަށް އެނގޭ އަހަންނަކީ ބަލި މީހެއްކަން.. އެކަމަކު އަހަރެންގެ މި ނުކުޅެދުންތެރިކަމުގައި ހާރޫން ހައްޔަރު ކުރާކަށް ބޭނުމެއް ނޫން.. ދުވަސްކޮޅަކުން ހާރޫންއަށްވެސް ހަމަޖެހުން ލިބިދާނެ"

ޔަޝްމީ އެހެން ބުނުމަށްފަހު ތެދުވެގެން ގޮސް ފާޚާނާއަށްވަނީ މަންމަގެ އިތުރު ވާހަކަތައް އަޑުއަހަން ބޭނުން ނުވާތީއެވެ. އިރުކޮޅަކު އިނދެލުމަށްފަހު ފާއިޒާވެސް އެކޮޓަރިން ނިކުމެގެން ގޮސް ބޭރު ޖޯލީގައި އިށީނދެލިއެވެ. ވަގުތަކީ ބޭރުން އައިސް ޖާވިދް ވަތް ވަގުތެވެ.

" ދަރިފުޅާ! މަންމަ ވާހަކައެއް ދައްކާލަން ބޭނުން.. ލަސް ނުވަންޏާ މިތާ އިށީނދެބަލަ"

ފާއިޒާގެ އެދުމަށް ފުރަގަސްދޭކަށް ޖާވިދަކަށް ނުކެރުނެވެ. އެހެންކަމުން ވަރުބަލިކަމާއެކު އޭނާ ޖޯލީގައި އޮށޯވެލަމުން މަންމަގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ފާއިޒާ ވާހަކަ ފެށިއެވެ. ޔަޝްމީގެ ވާހަކައެވެ. ޔަޝްމީއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައެވެ.

" އާނ! އަހަންނަށްވެސް އެނގޭ ކޮއްކޮ އަބަދު ހިތާމަ ކުރަނީކަން! ބޭރަށްވެސް ނިކުންނަ ނަމަތާ ހިތްހަމަ ޖެހޭނީ! "

ޖާވިދް ދެރަވެލާފައި ބުނެލިއެވެ. އެއާއިއެކު ފާއިޒާ ފުން ނަޒަރަކުން ޖާވިދަށް ބަލައިލިއެވެ.

" ދަރިފުޅު މީހަކާ އިނީމަ ދެން މިގެ ފަޅުފިލާނީ! އޭރުން ޔަޝްމީގާތުވެސް ވާހަކަ ދައްކާލާ ހަދަން ކުއްޖަކު ހުންނާނެތާ!"

އުއްމީދާއެކު ފާއިޒާ އެހެން ބުނުމުން ޖާވިދްގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.

" މަންމަ ބޭނުންވާ ކަހަލަ ކުއްޖަކު މިރަށުގައި އުޅޭތަ؟"

ޖާވިދް ވާހަކަ ފެށީ ދުރުދުރުންނެވެ. އެއާއިއެކު ފާއިޒާ ވިސްނާލަމުން ބުނެލިއެވެ.

" އޫމްމް.. ތިހާ ހެވިފައި އިނީމަ ހީވަނީ އެދުވަސް ދެން މާ ދުރަކު ނެތްހެން. މިޙާރަކަށް އައިސް ރޭގަނޑުވެސް ދަރިފުޅު ފޯނުން ވާހަކަ ދައްކާ އަޑު އިވޭ! މަންމަ ނުގޮވަނީސް އޮފީހަށްދާންވެސް މާ ކުރިން ހޭލާ! އެހެންވީމަ ވަރަށް ހީވޭ"

ފާއިޒާ އެހާ ލޯބިން ވާހަކަ ދައްކަން ފެށުމުން ޒޫނާއާއި ޖާވިދްގެ ގުޅުމުގެ ވާހަކަ މަންމަގާތު ބުނާ ހިތުން ޖާވިދްގެ ހިތް ތެޅިފޮޅެން ފެށިއެވެ.

" މަންމައަށް އެނގޭތަ ޒޫނާ؟ އަހަރެމެން އޮފީހުގައި އުޅޭ"

ޖެހިލުމެއްނެތި ޖާވިދް އެހެން އަހާލުމާއެކު ފާއިޒާ ހިނިތުންވެލާފައި ބޯ ޖަހާލީ ދެބުނަވެސް ހިއްލާލަމުންނެވެ.

" މަންމަގެ ދަރިއަކަށް ހަދަން އޭނަ ކަމުދޭތަ؟ "

ޖާވިދްގެ ދެވަނަ ސުވާލުން ފާއިޒާއަށް ޖޯލީގައި އޮންނަންވެސް އުނދަގޫވީ ކަހަލައެވެ. އޭނާ ތެޅިގަތުމަށްފަހު ޖާވިދަށް ރަނގަޅަށް ބަލައިލިއެވެ.

" ހަމަ ތެދެއްތަ؟ މަންމަ ވަރަށް އުފާވެއްޖެ! ޒޫނާގެ މަންމަ ޒުނޭރާވެސް މަންމައަށް އެހާ ރަނގަޅުވާނެ.. ތިކަންތައް ވާނީ ވީހާވެސް އަވަހަކަށް ނިންމަން"

ފާއިޒާ ހިނި އައިސް ހުރި ވަރުން ޖާވިދަށްވެސް ހެވުނެވެ.

" މަންމަ ބުނައްޗޭ ބައްޕަގާތު... ބައްޕަގާތު އެކަހަލަ ވާހަކަ ދައްކާކަށް ނުކެރޭނެ.."

މަންމަގެ ރުހުން ލިބުމުގެ ހިތްހަމަޖެހުމާއެކު ޖާވިދް ޖޯލިން ތެދުވިއެވެ. އޭރުވެސް ޒޫނާއަށް ގުޅާލަން ހިތް އެދެމުން ދެއެވެ.

***

" އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީ ކުރަން"

ޖާވިދް ލޯތްބާއިއެކު ބުނެލިއެވެ.

" އޭރުންދޯ މިގުޅުމަށް ނަމެއް ދެވޭނީ"

ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ލާނެތް ގޮތަކަށް ޖާވިދް ހީލިއެވެ.

" އަޅެ ތެދަށް ވާހަކައެއް ބުނެބަލަ! ޝަހާނާއާމެދު ނުވިސްނަންތަ؟ "

ޒޫނާގެ ހިތުގައި އެނބުރެމުންދިޔަ ޖުމްލަ އޭނާ ކުއްލިއަކަށް ބޭރުކޮށްލުމާއެކު ޖާވިދްގެ މޫޑު ގޯސްވެގެން ދިޔައެވެ.

" ދެން ތިއީ ކޮން ވާހަކައެއް؟ޒޫނީއަށް އެނގެއެއްނު އެއީ އަހަރެން އެހާ ދައްކަން ބޭނުންވާ ވާހަކައެއް ނޫންކަން! ޝަހާނާއަށް ގެއްލުމެއް ލިބޭކަށް އަހަރެން ދުޢާއެއް ނުކުރަން! އެދުވަހު އޭނަގެ ބައްޕަ ދިމާވެގެން އަހަރެން ގާތު ވަރަށް ރުއި! އެހެންވީމަ އެމީހުންގެ ހިތާމަތަކާމެދު އަހަރެން ވަރަށް ހަމްދަރުދީވަން! އެކަމަކު ޝަހާނާއާމެދު އަހަރެންގެ ހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް މިހާރަކު ނެތް! ޕްލީޒް ދެން އެކަހަލަ ކަންކަމާ ބަހުސް ކުރާނެކަމެއްނެތް! އަހަރެން ބޭނުންވަނީ ޒޫނީއާއެކު އުފާވެރި ޙަޔާތެއް އުޅެން. އަހަންނަށް ޒޫނީ ވަރަށް ތަފާތު"

އަސަރާއެކު ޖާވިދް ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ. އަޑުއަހަން އޮތް ޒޫނާއަށް ހިނިތުންވެލެވުނީ އުފަލުންނެވެ. އޭނާގެ އުއްމީދުތައް ޙާޞިލްވާނެކަމުގެ ސިގްނަލް ލިބުމުންނެވެ.

" މަންމަގާތު އަހަން ލަދުން މި ހުންނަނީ"

އިރުކޮޅަކު އެހެން އޮވެލުމަށްފަހު ޒޫނާ ބުނެލިއެވެ.

" އަހަރެންވެސް ބުނެފިން.. ޒޫނީ ވާނެ މިރޭ ބުނަން.."

ޖާވިދް ތަންކޮޅެއް ހަރުކަށިކޮށް ބުނުމުން ޒޫނާ ހޫމް އަޅުވާލިއެވެ.

" އަހަރެންގެ މީހަކަށް ހަދާހިތުން ކެތްމަދުވެފައޭ މިހުންނަނީ! މިހާރު ގެއަށް އަޔަސް ޒޫނީ ނުފެނި މާ ގިނައިރުވާތީ ފޫހިވެސްވޭ! އޭ! އެނގޭތަ މަންމަވެސް ބުނީ ދެން މިގެ ފަޅުފިލާނީ އަހަރެން މީހަކާ އިނީމަޔޯ! އަހަރެމެން އެންމެން އޭރުން ވަރަށް އުފަލުގައި އުޅޭނީ!"

ޖާވިދްގެ ޖުމްލައާއިއެކު ޒޫނާއަށް ހިނިތުންވެލެވުނެވެ.

" އެހެންތަ؟ މަންމަ ގާތު ބުނޭ ދެން މާ ގިނަ ދުވަހެއް ނުވެ އަހަރެން ދާނެޔޭ! އަސްލު ވަރަށް މަޖާވާނެދޯ! އަހަންނަށް މިހާރު އެނގިއްޖެޔޭ ޖާވިދް އަހަރެންދެކެ ހަމަ އެހާ ލޯބިވާކަން! ދެން.. މަންމަމެން ގާތު އަހާފައި އަހަރެން ގުޅާނަން. އޯކޭތަ މިވަގުތު ފޯނު ބޭއްވިޔަސް؟"

ޒޫނާ ލޯތްބާއިއެކު އަހާލުމުން ޖާވިދް އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ. ހަމަ އެވަގުތު ޒޫނާ އެނގުން ފުންމާލައިގެން ސިޓިންގރޫމަށް ނިކުތެވެ. އޭރު ޓީވީ ބަލަން އިނީ މަންމަ އެކަންޏެވެ. އެހެންކަމުން ޒޫނާ މަޑުމަޑުން ގޮސް މަންމައާ ދާދި ގާތުގައި އިށީނދެ ބުނެލިއެވެ.

" ކޮބާ ބައްޕަ؟ "

ޒޫނާގެ ސުވާލުން ޒުނޭރާ، ބަލައިލިއެވެ.

" ބޭރަށް ގޮސްވީ! ކަމަކުތަ؟ "

ޒޫނާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އިސްޖަހާލިއެވެ. އަދި މަންމަގެ ގައިގައި ލެނގިލުމަށްފަހު ބުނެލިއެވެ.

" މަންމާ! އަހަރެން ބޮޑުވެއްޖެތަ މިހާރު؟"

ޒޫނާގެ ސުވާލުން ޒުނޭރާ ހީގަތެވެ. އަދި ޓީވީ ނިއްވާލުމަށްފަހު ޒޫނާއަށް ބަލައިލިއެވެ.

" ޒޫނީ! ކަމަކު ކިޔަންތަ ތިއުޅެނީ؟ މުސާރަ ހުސްވީތަ މިހާރު؟ "

ޒުނޭރާ ލޯތްބާއިއެކު އަހާލިއެވެ. އެއާއިއެކު ޒޫނާ ދެފަރާތަށް ބޯ ހޫރާލަމުން އިސްއުފުލައިލިއެވެ.

" މަންމާ! އަހަރެން ކުއްޖަކާ އެބަ ވާހަކަ ދައްކަން.. އޭނަ ބޭނުންވޭ މެރީ ކުރަން އަވަހަށް"

ދަތްޕިލައިން ދޫ ފިއްތާލުމަށްފަހު ޒޫނާ ބުންޏެވެ. އެއާއިއެކު ޒުނޭރާގެ މޫނުމަތިން ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ.

" ކާކާ؟ މިރަށުން؟ "

ޒުނޭރާ އަހާލިއެވެ.

" ހޫމް. އޮފީހުގައި އުޅޭ ޖާވިދް"

ޖެހިލުންވެ ހުރެ ޒޫނާ ބުނެލިއެވެ. އެއާއިއެކު ޒުނޭރާގެ ސިކުނޑި އެނބުރިގަތީ ފުން ވިސްނުމެއްގައެވެ.

" ރަނގަޅެއް ނުވާނެތަ؟ "

ޒުނޭރާ އެއްޗެއް ނުބުނުމުން ހާސްހިތަކައިގެން ޒޫނާ ސުވާލުކުރިއެވެ. ޒޫނާގެ ސުވާލަށް ޒުނޭރާ ދިނީ ފިނި ޖަވާބެކެވެ.

" ނޫނޭ! އެއީ ވަރަށް އަޙްލާޤް ރަނގަޅު ކުއްޖެއް! މަންމަ ބުނާނީ ރަނގަޅު ކުއްޖެކޭ! އެކަމަކު ދެން ބައްޕައަށް ފެންނަ ގޮތެއްތާ އެންމެ މުޙިއްމުވާނީ! ހިއެއްނުވެ ބައްޕަވެސް ނޫނެކޭ ބުނާނެ ހެންނެއް! އެއީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ކުއްޖެއް.. ދެން އޭނަގެ ފުރަތަމަ ކައިވެނި ރޫޅުނީ ކީއްވެގެންކަން މިރަށު އެންމެންނަށްވެސް އެނގޭނެ.. އެހެންވީމަ ބައްޕަވެސް ހިއެއްނުވެ ގޯސްކޮށް ވިސްނާނެ ހެންނެއް! "

މަންމަގެ ޖަވާބުން ޒޫނާއަށް އޭނާގެ މަންމަގެ ގައިގައި ބައްދާލެވުނެވެ.

" އެކަމަކު ދަރިފުޅު އުޅެންވާނީ މިގޭގަ! މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިއީކަން އެނގެއެއްނު.. އެހެންވީމަ ދަރިފުޅުމެން އުޅެންވާނީ މިގޭގައި! ބައްޕަވެސް ހިއެއްނުވެ ފޮނުވާނެހެންނެއް!"

ޒުނޭރާގެ ޖުމްލައިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖާވިދް ދެކެމުންދާ ހުވަފެންތައް އެނގޭ ހިނދު، މަންމަ މެންގެ ނިންމުމުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *