ހިޔާނާތުގެކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ރައީސް، ޖެނެރަލް ޕަރްވޭޒް މުޝައްރަފު މެރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުރި ހާއްސަ ކޯޓަކުން ހުކުމްކޮށްފިއެވެ.

މުޝައްރަފްގެ ޣައިރު ހާޒިރުގައި މި ހުކުމް އިއްވާފައިވަނީ މުޝައްރަފްގެ މައްޗަށް އުފުލި ގައުމަށް ޣައްދާރުވި ކަމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ހަ އަހަރު ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.

Ad
rt

މި ދައުވާ އޭނާގެ މައްޗަށް އުފުލީ 2007 ވަނަ އަހަރު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ކުއްލި ހާލަތު އިއުލާން ކުރި މައްސަލައިގައެވެ. މި ދައުވާ އުފުލިފައިވަނީ 2013 ވަނަ އަހަރުގައެވެ.

ބަލި ހާލަތު ހުރިގޮތުންނާއި ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ މި މައްސަލައިގެ އެއްވެސް ޝަރީއަތުގެ އަޑުއެހުމަކަށް މުޝައްރަފް ހާޒިރުވެފައެއް ނުވެއެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައިވެސް ސިފައިންގެ އެންމެ އިސްވެރިޔާގެ މަޤާމް ފުރުއްވާފައި ހުރި ބޭފުޅަކަށް މަރުގެ ހުކުމް އިއްވުނު ފުރަތަމަ ފަހަރެވެ. މި ކޯޓުގެ ހުކުމް އަދި މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މުޝަރައްރަފު މިހާރު ދިރިއުޅުއްވަނީ ދުބާއީ އަދި ލަންޑަނުގައެވެ. ބޭސްފަރުވާއަކަށް 2014 ވަނަ އަހަރު ޤައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލިބުމުން، އެ ފަހުން އޭނާ އެނބުރި ވަޑައިގެންފައި ނުވެއެވެ.

މުޝައްރަފް ޕާކިސްތާނުގެ ވެރިކަން ކުރެއްވީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށެވެ. 2008 ވަނަ އަހަރު އިތުބާރު ނެތްކަމަށް ފާސް ކޮށް މަޤާމުން ވަކިކޮށްފާނެކަން ޔަޤީންވުމުން އަމިއްލައަށް އިސްތިއުފާދެއްވީއެވެ.