ސިލްސިލާ ވާހަކަ: ޝިކާޔަތު (59)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

ނިދީގެ ތެރެއިން ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއިއެކު ކުރިމަތީގައި ހުރި ސޯފާގައި އިން ހާރޫން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ދެއަތް ޖޯޑުކޮށް، ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ނަޒަރު ހުއްޓިފައިވަނީ ސީދާ ޔަޝްމީގެ މޫނަށެވެ. ޔަޝްމީވެސް އިރުކޮޅަކު ހާރޫންއަށް ބަލަހައްޓައިގެން އޮވެ، ތެދުވިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ފަތިހު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ.

" ނުނިދުނީތަ؟ "

ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. ސޯފާގައި އިން ހާރޫން އޭރުވެސް އިނީ އިން ގޮތަށެވެ. ހާރޫންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޔަޝްމީ އަނެއްކާވެސް ސުވާލު ކުރިއެވެ.

" ނަމާދުކޮށްފިންތަ؟ "

އެއާއިއެކު ހާރޫން ބޯ ޖަހާލިއެވެ.

" އަހަރެން މިދަނީ ނަމާދުކޮށްލަން..."

އިތުރަށް މަޑުނުކޮށް ޔަޝްމީ ތެދުވިއެވެ. ތައްޔާރުވެގެން އައިސް ނަމާދުކޮށް ނިމުނު އިރުގައިވެސް ހާރޫން ހަމަ އިންގޮތަށް އިނެވެ. އެހެންކަމުން ހާރޫންއާމެދު އިތުރަށް ޔަޝްމީއަށް ވިސްނެން ފެށިއެވެ. ނަމަވެސް އޭނާގެ އިޙްސާސްތައް ހާމަނުކުރެވޭތޯ އޭނާ ދިޔައީ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ.

" ކޮފީއެއް ހަދަން މިދަނީ! ހިނގާ އަހަންނާއެކު ކޮފީ ބޯން"

ހަމަޖެހޭގޮތް ދައްކަމުން ޔަޝްމީ ބުނެލީ ހާރޫންއާ ދިމާލަށް ހިނގައި ގަންނަމުންނެވެ. އެއާއިއެކު ހާރޫން ތެދުވެ، ބޭރަށް ނިކުންނަން ހިނގައިގަތެވެ. ފަހަތުން ޔަޝްމީވެސް ހިނގައިގަތީ ނުހަނު މަޑުމަޑުންނެވެ. އެވަގުތު ބަންދުކޮށްފައިވާ ތިން ދަބަސް އެނދުގެ އަނެއް ފަރާތުގައި ބަހައްޓާފައި ހުރިތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ހައިރާންކަމާއެކު ޔަޝްމީއަށް ބަލައިލެވުނީ ސިޓިންގރޫމަށް ނިކުމެ ނިކުމެ ހުރި ހާރޫންއާ ދިމާލަށެވެ.

" މީ؟ "

ހައިރާންކަމާއެކު ޔަޝްމީ ސުވާލުކުރީ ނުހަނު ބާރަށެވެ. އެއާއިއެކު ހާރޫން ފަސްއެނބުރި ބަލައިލިއެވެ. އަދި ފުންނަޒަރަކުން އިރުކޮޅަކު ޔަޝްމީގެ މޫނަށް ބަލަހައްޓައިގެން ހުރެ އަސަރާއެކު ބުންޏެވެ.

" ޔަޝްމީގެ ވިސްނުން ބަދަލު ނުވީމަ.. އަހަރެންވެސް ގޮތް ނިންމީ!"

ހާރޫންގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި މަޑުމޮޅިކަމެވެ. ނަމަވެސް އެއަޑުން ޔަޝްމީގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އަދި އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.

" އަހަރެންގެ ސިކުނޑި އަބަދުވެސް އަހަންނަށް ހަނދާންކޮށްދޭނެ ޔަޝްމީއަކީ އަހަންނަށްޓަކައި އަމިއްލަ ދިރިއުޅުން ޤުރުބާންކުރި ކުއްޖެއްކަން! އުފަލާއި އަރާމާއި މުއްސަނދި ދިރިއުޅުން ދޫކޮށްލިކަން! އަދި ބުނެދޭން ނޭނގޭވަރަށް ޔަޝްމީދެކެ ލޯބިވާ ފިރިމީހާ ދޫކޮށްފައި ދިޔައީ ހަމަ، އެ ފިރިމީހާއަށްޓަކައިކަން!"

ހާރޫން ވާހަކަ ދެއްކީ ނުހަނު ލަސްލަހުންނެވެ. އެއަޑު އަހަން ހުރި ޔަޝްމީގެ ހިތުގައި އަޅަމުން ދިޔަ ވޭން އޭނާއަށް ބުނެ ނުދެވިގެން ރޮވެން ފެށިއެވެ. ހުއްޓުން އަރާފައި ހުރެ ޔަޝްމީ ގިސްލަމުންދާތަން ބަލަން ހާރޫން ހުރީ ރޮވޭގޮތް ވެފައެވެ.

" އަހަރެންގެ ޝިކުވާއެއް ޝިކާޔަތެއް ނެތް! ނުރުހުންތެރިކަމެއް ނަފްރަތެއްވެސް ނެތް! މިއީ ޔަޝްމީގެ ނިންމުން! އަހަރެން އަބަދުވެސް ޔަޝްމީއަށް އިޙްތިރާމް ކުރަން!އަހަރެން އަބަދުވެސް ޔަޝްމީ މަތިން ހަނދާންވާނެ. "

ހާރޫންގެ ވާހަކަތައް އަޑުއަހަން ހުރި ޔަޝްމީގެ މޭފިތި ހިތް ޒަހަމް ވަމުން ދާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އިތުރަށް ބުނެދޭނެ، ކިޔައިދޭނެ އެއްވެސް އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.

" ފުންމިނުން އަހަންނަށް ޔަޝްމީގެ ފަރާތުން ލޯބި ލިބުނު.. އަދި ހީކުރިން މުޅި އުމުރަށް؛ ތާއަބަދަށް އަހަންނަށް ތި ލޯބި ލިބޭނެ ކަމަށް! އެކަމަކު... "

ހާރޫން އެހެން ބުނުމަށްފަހު ދެފަރާތަށް ބޯ ހޫރާލަމުން އަވަސް އަވަހަށް ނިކުމެއްޖެއެވެ. ހީވާގޮތުން އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު ނެތީއެވެ. ލެއްޕުނު ދޮރާއިދިމާލަށް ބަލަހައްޓައިގެން ހުރެ ޔަޝްމީއަށްވެސް ރޮވެން ފެށުނެވެ. އަދި އިންތަނަށް ތިރިވެ، އަޑުން އަޑުނަގައި ރޯން ފެށިއެވެ. އެނދުގައި ބޯ ޖައްސާލައިގެން އިނދެ އޭނާ ކަރުނަ އޮހޮރަމުން ދިޔައެވެ. އެތައް އިރެއް ވަންދެން އޭނާ އެެހެން އިނެވެ.

ކުއްލިއަކަށް ޔަޝްމީ ސިހިގެން ދިޔައީ އެނދުމަތީގައި އޮތް އޭނާގެ ފޯނަށް މެސެޖް އެލަރޓް އައުމުންނެވެ. ތެޅި ގަންނަމުން ޔަޝްމީ ތެދުވެ އެނދުމަތިން ފޯނު ނަގައި ބަލައިލި އިރުގައިވެސް އޭނާގެ ދެއަތް ތުރުތުރު އަޅަމުންދެއެވެ.

" އިންޑިޔާއަށް ޓެސްޓްތައް ހަދަން ދާން ޔަޝްމީގެ އެކައުންޓަށް އެއްލައްކަ ރުފިޔާ ޖަމާކޮށްފައިވާނެ! ކޮންމެވެސް މީހަކު ގޮވައިގެންވިޔަސް ޤަވާޢިދުން ޑޮކްޓަރަށް ދައްކަން ދާތި! ރަށަށް ދާން ލޯންޗް އޮންނާނެ މިހާރު ރެޑީގައި..އަހަރެންގެ ޑްރައިވަރުވެސް މިހާރު ހުންނާނެ އެޕާރޓްމަންޓް ކައިރިއަށް ގޮސް! އޭނައަށް ލަގެޖްތައް ދައްކާފައި އޭނާއާއިއެކު ފުރަން ދޭ! ހިތްހެޔޮ ކުރާތި! ތިގެއިން ނިކުތުމަށްފަހު ޔަޝްމީ ތިއީ އަހަރެންގެ އަނތްބެއް ނޫން! އަދި މިއަދުން ފެށިގެން ޔަޝްމީގެ އާއިލާއާވެސް އަހަރެންގެ އެއްވެސް ގުޅުމެއް ނޯންނާނެ! ކަންތައްތައްވީގޮތް ޔަޝްމީގެ އާއިލާއަށް ތެދަށް ކިޔައިދޭނެކަމަށް އުއްމީދު ކުރަން! "

ލަސްލަހުން މެސެޖް ކިޔައި ނިންމާލުމާއެކު ޔަޝްމީގެ ކިބައިގައި ރޮއިލާނެ ހިތްވަރުވެސް ނެތެވެ. އޭރުވެސް އޭނާއަށް އިނދެވުނީ ފޯނު ސްކްރީނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ދެއަތުން މޫނު ފުހެލުމަށްފަހު އޭނާ ތެދުވެ، ކުޑަކޮށް ތައްޔާރުވެލިއެވެ.

***

ސިޓިންގރޫމް މެދަކާ ހިސާބުގައި ހުރެ ޔަޝްމީ މުޅިގެއަށް ނަޒަރު ހިންގާލިއެވެ. އެހިނދު ލޯބިން ފުރިގެންވާ އުފާވެރި ހަނދާންތަކެއް އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔަ ކަހަލައެވެ. އެ އުފާވެރިކަން ދޫކޮށް، ފުންމިންވެސް ނޭނގޭހާ އަނދިރި ވަޅުގަނޑަކަށް ފުންމާލަން ނިންމީ ޚުދު އޭނާ އަމިއްލައަށްކަން ޔަޝްމީ ޤަބޫލު ކުރެއެވެ. ނަމަވެސް ޒަހަމްވެފައިވާ ޔަޝްމީގެ ހިތް އަދިވެސް ގޮތްދޫކުރާކަށް ނޫޅެއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޔަޝްމީއަށް ދޮރުބުޑުގައި ހުއްޓެވުނެވެ.

"ތިގެއިން ނިކުތުމަށްފަހު ޔަޝްމީ ތިއީ އަހަރެންގެ އަނތްބެއް ނޫން!"

އެވަގުތު ޔަޝްމީގެ ހިތުގައި އާވެގަތީ ހާރޫންގެ މެސެޖްގައިވާ އެ ހިތްދަތި ޖުމްލައެވެ. އޭރު އޭނާގެ ދެފައިވެސް ތުރުތުރު އަޅަމުންދެއެވެ. ދެލޯ މަރާލުމަށްފަހު ގޭ އޮޅިގަނޑުން ބޭރުވީ ހިތުގައި އަތް އަޅައިގެންނެވެ. އޭރު ޔަޝްމީގެ ލޮލުގެ ތެރެއިން ކަރުނަތައް ފުރިގެން ބަންޑުންވާން ފަށައިފިއެވެ. ހިތް އަވަސްވެ ނޭވާލާންވެސް އުނދަގޫވާ ކަހަލައެވެ. އެ އުނދަގޫތަކާއި އެކުގައިވެސް އޭނާ ލިފްޓަށް އެރީ އެންމެ ފަހު ފަހަރަށްވެސް ހާރޫން ދެކިލަން ހިތް އެދެމުންދާ ޙާލުގައެވެ. ނަމަވެސް ހާރޫންގެ ހިލަމެއްވެސް ނުވިއެވެ.

****

ލޯންޗަށް އަރަމުންވެސް ޔަޝްމީ ވަށައިގެން ނަޒަރު ހިންގާލީ ހާރޫން ފެންނަން ހުރިތޯއެވެ. ނަމަވެސް އޭނާގެ އެންމެ ފަހުގެ އުއްމީދުވެސް އެއީ ކުރެވުނު ކުށްހީއަކަށްވިއެވެ. ހާރޫންއެއް ނައެވެ. އަތުގައި އޮތް ފޯނަށް ދެފަހަރަކު ބަލައިލުމަށްފަހު ޔަޝްމީ ހާރޫންއަށް ގުޅާލީ ލޯންޗަށް އަރާފައެވެ. ނަމަވެސް ހާރޫންގެ ނަންބަރަކަށް އޭނާއަކަށް ގުޅޭގޮތެއް ނުވިއެވެ. އެހެންކަމުން ޔަޝްމީގެ ނަންބަރު ބްލޮކް ކުރީކަން ޔަޝްމީއަށް ޔަޤީން ކުރެވުނެވެ.

" ހާރޫން.. އަހަންނަށް މިކުރެވުނީ ކުށެއްތަ؟ އަހަރެންދެކެ ރުޅި އައީތަ ހާރޫން؟ "

ޔަޝްމީއަށް ހިތާހިތާ ކިޔާލެވުނެވެ.

***

ކޮމްޕިޔުޓަރ ކައިރީ އިން ޒޫނާ ސިހުނީ ފަހަތުން އިވުނު ޖާވިދްގެ އަޑަށެވެ.

" މިއަދު އެއްވެސް އެއްޗެއްގައި ސޮއިކުރަންވެސް ނެތީތަ؟ މިއަދު އަހަރެންގެ ރޫމަށް ނުވެސް އަންނަމެއްނު"

ޒޫނާ އަވަސް އަވަހަށް ގޮނޑި އަބުރާލީ ހިތް ނުތަނަވަސްވެގެންނެވެ. އެއާއިއެކު އޮފީސްތެރެ އެއްކޮށް ހުސްކޮށް އޮތުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

" ކޮބާ މީހުންތައް؟ "

އަވަސް އަވަހަށް ޒޫނާއަށް އަހާލެވުނެވެ. އެއާއިއެކު ދެޖީބަށް އަތް ޖަހާލަމުން ޒޫނާގެ މޭޒުގައި ޖާވިދް ލެނގިލިއެވެ. އަދި ފަރުވާތެރިކަމާއެކު ޒޫނާގެ މޫނަށް ބަލަން ފެށިއެވެ.

" ބްރޭކަށް ގޮސްވީ! އެންމެން ބްރޭކަށް ދިޔައީމަ އަހަރެން މި ނިކުމެލީ ޒޫނީއާ ވާހަކަ ދައްކާލަން"

ނުހަނު ލޯބިން ޖާވިދް އެހެން ބުނުމާއެކު ޒޫނާއަށް ލަދުންގޮސް އިސްޖެހުނެވެ. ހަމަ އެވަގުތެވެ. ޖާވިދްގެ ޖީބުގައި އޮތް ފޯން ވައިބްރޭޓްވާން ފެށިއެވެ. ހިނިތުންވެ ހުރެ ޖާވިދް އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.

" ކީކޭ؟ ރަށަށް އާދެވެނިއްޔޭ! ކޮއްކޮ އެކަނި؟ ނުވެސް ބުނަމެއްނު.. އާނ މިދަނީ.. ބަގީއެއް އެބަ ފޮނުވަން އެއްޗެހި ނަގަން"

ޖާވިދް ފޯނު ކަނޑާލިއިރު އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ޒޫނާއަށްވެސް ފާހަގަ ކުރެވުނެވެ.

" ޔަޝްމީ ރަށަށް އައިސްގެން ގުޅީ! އަހަރެން އެބަ އަންނަން އެދިމާލަށްގޮސް.."

ދޮރުން ނިކުންނަން ހިނގައިގަންނަމުން ޖާވިދް ވާހަކަ ދެއްކީވެސް ނުހަނު އަވަހަށެވެ.

****

އެންމެންގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ހަމަ އެހެންމެ އެންމެންނަށްވެސް ތިބެވުނީ ނެގިމަޑުވެ، ހުއްޓުން އަރާފައެވެ. ފާއިޒާގެ ކޮޓަރީގެ އެނދުމަތީގައި އިން ޔަޝްމީ، އޭނާގެ ޙަޔާތަށް ބިންދާލި ރާޅާއިއެކު ޖެހުނު ގަދަ ކޮޅިގަނޑުގެ ވާހަކަތައް ފުރަތަމަ ފަހަރަށް މަންމައާއި ބައްޕައަށް ކިޔައިދިނެވެ. އޭރު ރޮއިލަރޮއިލާ އިން ފާއިޒާ ޔަޝްމީގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ދުރުގައި ހުރި ސަރަންފީ ގޮނޑީގައި ޝާކިރު އިން އިރު، ފާއިޒާގެ ވައަތްފަޅީގައި އިސްޖަހާލައިގެން ޖާވިދްވެސް އިނެވެ.

" އިންޑިޔާއަށް ދިޔައީ ބޭސްފަރުވާއަށްކަން އަހަންނަށް އެނގޭ! ކޮއްކޮއާ ހާރޫން އެދުނީ މަންމަމެންނަށް ސިއްރުކުރަން! އެހެންވެ އަހަރެން ނުބުނީ! އެކަމަކު ކޮއްކޮ ހާރޫން ދޫކޮށްފައި އަންނާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން! ކޮއްކޮއާއެކު އުޅެން ހާރޫން އެހާ ބޭނުންވާއިރު، ތިހެން ކަންތައްކުރީ ކީއްވެތަދެން؟ ކޮއްކޮގެ ދިރިއުޅުމަކަށް އެއަށްވުރެ ރަނގަޅު މީހަކު ނާންނާނެ.. އެހެން ނޫނަސް ދެން... ކޮއްކޮގެ ޙާލަތަށް ވިސްނާލަބަލަ!"

ހިތަށް ކުޅަދާނަ ނުވެގެން ޖާވިދް އަވަސް އަވަހަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

" ދޮންބޭ! މިގޮތް އަހަރެން ހިޔާރު ކުރީ ކީއްވެގެންކަން ކިޔައިދީފީމެއްނު! މިހާރު އަހަންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް! އަހަރެންގެ ތިބީ ހަމައެކަނި މަންމައާއި ބައްޕަ! ދެން ދޮންބެ... ޕްލީޒް އިތުރަށް އަހަރެންގެ ހިތް ހާސް ނުކުރުވާ! "

އާދޭހުގެ ރާގަކަށް ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ޝާކިރު ކޮޅަށް ތެދުވެ ދެއަތް ފުރަގަހަށް ލުމަށްފަހު އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ.

" މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ގިނައެއް ނުވާނެ! ތުއްތު އިރުއްސުރެ އަދާ ޖެހެންދެންވެސް އަހަރެމެން މިތިބީ ހަމަ، ދަރިންނަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް! ހިތްވަރުކުރޭ!"

ޝާކިރު ޔަޝްމީގެ ބޮލުގައި ފިރުމާލުމަށްފަހު ނިކުތެވެ. އޭރުވެސް ފާއިޒާ އިނީ އަނގައިންވެސް ބުނާނެ ހިތްވަރު ނެތިފައެވެ.

***

ރޭގަނޑުގެ ހިމޭން ވަގުތެވެ. އެނދުމަތީގައި އޮތް ޔަޝްމީ، ފޯނުން ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ. އޭނާއާއި ހާރޫންގެ ލޯބިލޯބި ފޮޓޯތަކެވެ. ބައެއް ފަހަރު ހާރޫން އޭނާގެ ގާތު އޮންނަހެންވެސް ހީވެއެވެ. އެއީ ލޯބިން ފުރިގެންވާ ތާޒާ ފޮޓޯތަކެކެވެ. ފޮޓޯތައް ފެނުމުން އިތުރަށް ހާރޫން މަތިން ހަނދާންވާން ފެށިއެވެ. އެހެންކަމުން މޭމަތީގައި ފޯނު ބާއްވާލުމަށްފަހު ޔަޝްމީ ދެލޯ މަރާލިއެވެ. އޭރު ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތަކުން ބާލީސް ފޯވަމުން ދިޔައެވެ.

" ހާރޫންއާ ނުލައި ދިރިއުޅެވިދާނެހެން އަހަންނަކަށް ހިއެއްނުވޭ! މިހާ ހަނދާން ވަންޏާ އަހަރެން ކިހިނެއް މިހެން އުޅޭނީ"

އަނެއްކާވެސް ފޯނުގެ ސްކްރީނަށް ބަލައިލުމަށްފަހު ޔަޝްމީއަށް ބުނެލެވުނެވެ. އިރުކޮޅަކު އެހެން އޮވެލުމަށްފަހު އޭނާ ހާރޫންއަށް ގުޅާލިއެވެ. ނަމަވެސް އަދިވެސް ގުޅޭގޮތެއް ނުވެއެވެ. އެހެންކަމުން ޔަޝްމީއާ އެއްވެސް ގުޅުމެއް ބާއްވަން ހާރޫން ބޭނުން ނުވަނީކަން ޔަޝްމީއަށްވެސް ޔަޤީން ކުރެވުނެވެ.

***

ޝަހާނާ އިނީ ސިޓިންގރޫމްގައި ހުރި ސަރަންފީގައެވެ. އޭރުވެސް އޭނާގެ ވިސްނުމާއި ޚިޔާލުތައްވަނީ ޖާވިދާއެކުއެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ޖާވިދްގެ ހަނދާނުގައެވެ. ހުރިހާ ވަގުތެއްވެސް އޭނާ ހޭދަކުރަނީ ފިކުރު ކުރުމުގައެވެ. އެހެންކަމުން އިތުރު އެއްވެސް ކަމަކާމެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

" ދަރިފުޅާ! ކޮބާ މަންމަ؟"

ބޭރުން އައިސް ވަތް ތަޢުފީޤްގެ އަޑަށް ޝަހާނާ ބަލައިލިއެވެ. އޭރު ބޮޑު ދަބަހެއް އަޅުވައިގެން ޒުވާން ފިރެހެނަކު ބައްޕަގާތު ހުއްޓެވެ. އެއީ މީގެ ކުރިން އޭނާ ދެކިފައިވީ މީހެއް ނޫނެވެ. ހިނި އަނަރޫފަ ވެފައިވާ އެ ޒުވާނާގެ އިސްތަށިގަނޑުވަނީ ކޮނޑާހަމައަށް ދިގުކޮށްފައެވެ. އޭނާ ހުރީ ގޮޅިޖެހި އަތްދިގު ބޮޑު ގަމީހަކާއި ދޫ ޖިންސެއް ލައިފައެވެ. އޭނާ ފެނިފައި ޝަހާނާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ.

" ނޭނގެ!"

ފަރުވާކުޑަ ގޮތަކަށް ޝަހާނާ ބުނެލިއެވެ. އެއާއިއެކު ހެވިފައި ހުރެ ތައުފީޤް އެމީހާއާ ވާހަކަ ދައްކަން ފެށިއެވެ.

" ދައްތަ އަންނާނެ ކަންނޭނގެ އިރުކޮޅަކުން! ޝަރީފް މިތާ އިށީނދެލަންވީނު! "

ތައުފީޤް އެހެން ބުނުމާއެކު އޭނާ ޝަހާނާއަށް ބަލައިލިއެވެ. އޭރު ޝަހާނާއަށްވެސް އިނދެވުނީ ޝަރީފާދިމާލަށް ބަލަހައްޓައިގެންނެވެ.

" ފާޚާނާއަކަށް ދާން ބޭނުން"

އިށީނުމުގެ ބަދަލުގައި ޝަރީފް އެދުނެވެ. އެހިނދު ތައުފީޤަށް ބަލައިލެވުނީ ޝަހާނާގެ މޫނަށެވެ. އެގޭގައި ރީތިކޮށް ހަދާފައި ހުންނާނީ ހަމައެކަނި ޝަހާނާގެ ކޮޓަރި ފާޚާނާއެވެ. އެހެންކަމުން ބައްޕަގެ ބަލައިލުމަކީ ޝަހާނާގާތު ހުއްދައަށް އެދުނީކަން ޝަހާނާއަށް ދެނެގަނެވުނެވެ. ޝަހާނާ މަޑުމަޑުން ބޯ ޖަހާލުމާއެކު ތައުފީޤް ހިނިތުންވެލަމުން ޝަރީފްގާތު ބުނެލިއެވެ.

" އާނ! އާދޭ! މިކޮޓަރި ފާޚާނާއަށް ވަދެލާ!"

ޝަހާނާގެ ކޮޓަރި ދައްކާލަމުން ތައުފީޤް ބުނެލިއެވެ. އެއާއިއެކު އޭނާ އަވަސް އަވަހަށް އެކޮޓަރިއަށް ގޮސް ވަދެއްޖެއެވެ.

" އެއީ ދެންމެ ބަނދަރަށް ދިޔައިރު އަތޮޅު ފެރީން މިރަށަށް އައިސް ހުރި ކުއްޖެއް! ފިނިއަށީގައި އިނީމަ ވަރުވަރު އަހާލީ! ރައްޓެއްސަކުވެސް ނެތޯ ބުނީ.. މާދަމާ މިރަށަށް އަންނަ ބޯޓުން މާލެދާން ވެގެން އައިސްހުރީ! ދެން އެހެންވެ މިރޭ މިގޭގައި ނިދާލަން ބާއްވަން މިއައީ ގޮވައިގެން.. މީހުންނަށް އެހީތެރިވާން ޖެހޭނެދޯ.. އަޅެ މަންމަ ހާދަ ލަސްވެއްޖޭ! ތާކަށް ދިޔައްޔާ ނޭނގޭނެ އަންނާކަށް"

ތައުފީޤް ބޭރު ދޮރާއިދިމާލަށް ބަލައިލަމުން ހިނގައިގަތެވެ. އޭރުވެސް ބަހެއް ބުނުމެއްނެތި ޝަހާނާ ހަމަ އިނީއެވެ.

އިރުގަނޑެއް ފަހުން ވަދީފާ ގޮވައިގެން ތައުފީޤް އައިސް ވަނެވެ.

" ކޮބާތަ؟ޝަރީފް ނުނިކުމޭތަ؟"

ސަރަންފީގައި ޝަހާނާ އިންތަން ފެނި ތައުފީޤް ސުވާލު ކުރިއެވެ. އެއާއިއެކު ޝަހާނާ ތެދުވިއެވެ. އަދި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ތައުފީޤް އާދެބަލަ ވަޅިތައް ތޫނުކޮށްދޭން! ޝަހާނާ އެސޮރު ފޮނުވާލާ ބަދިގެ ދޮށަށް ސައިބޯން..."

ބާރުބާރަށް ވަދީފާ އެހެން ބުނުމަށްފަހު ނިކުތެވެ. އޭނާގެ ފަހަތުން ތައުފީޤްވެސް ދިޔައެވެ.

" ދެން އެހާ އިރުވާން ޖެހޭތަ؟"

ފަރުވާ ކުޑަގޮތަކަށް ގޮސް ޝަހާނާ ކޮޓަރީގެ ދޮރުގައި ހިފައި އެތެރެއަށް ވަނެވެ. އޭރުވެސް ޝަރީފް އުޅެނީ ފާޚާނާގައެވެ.

" ބައްޕަ އެބަ ގޮވާ! "

ޓަކި ޖަހާލަން ނުކެރި ހުރެ ޝަހާނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއިއެކު ޝަރީފް ދޮރު ހުޅުވިއެވެ. އޭރު ފާޚާނަ ތެރޭގައި ޒާތެއްގެ ވަހެއްވެސް ހިފާފައި ހުއްޓެވެ. އެހެންކަމުން ޝަހާނާއަށް ހުރީ ނޭވާލާންވެސް އުނދަގޫ ވެފައެވެ. ޝަރީފްގެ ކޮނޑުގައި އޭރުވެސް ދަބަސް އޮތެވެ. އޭނާއަށް ޖާގަ ދިނުމަށްޓަކައި ޝަހާނާ އެއްފަރާތަކަށް ޖެހިލިއެވެ.

" ދާށޯ ސައިބޯން! "

ޝަހާނާ ބުނެލިއެވެ. އެއާއިއެކު އޭނާ އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ. އޭނާ ދިޔުމުން ޝަހާނާ ގޮސް އެނދުގައި އިށީނދެލިއެވެ. އޭގެ އިރުގަނޑެއް ފަހެވެ. ތައުފީޤްގެ އަޑަށް ޝަހާނާ ގޮސް ދޮރު ހުޅުވާލިއެވެ.

" ކޮބާ އެސޮރު؟"

ބައްޕަގެ ސުވާލުން ޝަހާނާއަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން އޭނާ ނިކުމެގެން ދިޔަ ވާހަކަ ޝަހާނާ ބުންޏެވެ.

" ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟"

ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަޅެ ހާރޫން ކިހިނެތް ތިހެދީ. ވަރިނުކުރިޔަކަސް ރަށަށް ފޮނުވާލެވުނީހެންނު. ޔަޝްމީވެސް އެހެން ކަންތައް އެކުރަނީ ހާރޫންގެ މުސްތަގުބަލަށް ވިސްނާފަކަން އިނގޭ. އެކަމަކު ދެކުދިންވެސް އަންޑަސްޓޭންޑްވެބަލަ. ދަރިން ނުލިބުނަކަސް އެކުގަ އުޅެވޭނެޔޭ.

  2. Alhun edhemeehun gulhuvaidheeeeplx kiyaahin ves kedije yashmee ah Haroon vureyhn ragalhu firiey nulibeyne
    Yashmee thi dhuriulhumun dhuran dhiyaama kihineyvaneee …Haroon kivey yashmee vari Kolhe

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *