ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ހަދާފައިވާ ރެކޯޑް ނޭމާ މުގުރާލައިފިއެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ 1957 އިން 1971 އާ ހަމައަށް ކުޅުނުއިރު އެ މުއްދަތުގައި ޕެލޭވަނީ، ގައުމީ ޓީމަށް 92 މެޗު ކުޅެ 77 ލަނޑު ޖަހާފައެވެ. އެ މުއްދަތުގައި ޕެލޭ ވަނީ ބްރެޒިލްއަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްދީފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލީވިއާއާއި ދެކޮޅަށް ބްރެޒިލް ނުކުތުމުގެ ކުރިން ނޭމާ ވަނީ ގައުމީ ޓީމަށް 77 ލަނޑު ޖަހައި ޕެލޭގެ ރެކޯޑާއި ހަމަހަމަ ކޮށްފައެވެ. ރޭ ބޮލީވިއާ އަތުން ބްރެޒިލް 5-1 އިން މޮޅުވި މެޗުގައި ނޭމާ ޖެހި ދެ ލަނޑާއިއެކު އޭނާގެ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 79 އަށް އަރާފައެވެ. ނޭމާއަށް މި އަދަދަށް ލަނޑު ޖެހިފައި ވަނީ 125 މެޗުންނެވެ.
ދެ ޖިންސް އެއްކޮށް ބަލާއިރު ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ، އެ ގައުމުގެ އަންހެން ޓީމްގެ ކެޕްޓަން މާޓާ އަތުގައެވެ. އޭނާ ވަނީ އަންހެން ގައުމީ ޓީމަށް ކުޅުނު 189 މެޗުގައި 122 ލަނޑު ޖަހާފައެވެ.
ކެނަސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 82 އަހަރުގައި ޕެލޭ މަރުވެފައި ވަނީ މިދިޔަ އަހަރިގެ ޑިސެމްބަރު މަސް ތެރޭގައެވެ. ނޭމާގެ ޕެލޭގެ ރެކޯޑް މުގުރާލުމުން ޕެލޭގެ ސޯސަލް މީޑީއާ އޮފޮސިއަލް އެކައުންޓުން ނޭމާއަށް ވަނީ މަރުހަބާ ކިޔާފައެވެ.
އަދި މެޗަށް ފަހު ބްރެޒިލްގެ ފުޓްބޯޅަ ފެޑްރޭޝަނުން ވެސް ވަނީ އުމުރުން 31 އަހަރުގެ ނޭމާގެ ކާމިޔާބީ ފާހަގަ ކޮށްފައެވެ.