ވޯލްޑް ކަޕް 2026، ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ރޭ ފަތިހު ބްރެޒިލްއާއި ބޮލީވިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބްރެޒިލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

މި މެޗުގެ 14 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ނޭމާއަށް އެ ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ބްރެޒިލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ރޮޑްރިގޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 47 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ.

Ad
rt

ބްރެޒިލްގެ ތިންވަނަ ލަނޑު 53 ވަނަ މިނެޓުގައި ގުއިމަރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮޑްރިގޯ ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ލަނޑު 61 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ނޭމާއެވެ.

ބޮލީވިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ ވިލަމިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވިކްޓަރ އަބޭގޯއެވެ. ބްރެޒިލްގެ ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ނޭމާއެވެ.

މިހާރު ކުރިއަށް މިދާ އިންޓަނޭޝަނަލް ބްރޭކްގައި ބްރެޒިލުން އަދި ކޮލިފައިން އެއް މެޗު ކުޅޭނެއެވެ. މި މަހުގެ 13 ވަނަ ދުވަހު ބްރެޒިލް ބައްދަލުކުރާނީ ޕެރޫއާއެވެ.