ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ.
ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ޕޯޗުގަލުން ވަނީ ކާމިޔާބު ކޮށްފައެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕޯޗުގަލުން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ޕޯޗުގަލްއަށް ވަނީ ކުޅުނު ފަސް މެޗުން ފަނަރަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ދެވަނާގައި ސްލޮވާކިއާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ލަކްޒެމްބާގަށް ވެސް ވަނީ ފަސް މެޗުން ދިހަ ޕޮއިންޓް ލިބިފައެވެ. ހަތަރުވަނާގައި އޮތް ބޮސްނިއާއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ފަސްވަނަގާއި އޮތް އައިސްލެންޑަށް ފަސް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މި މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ރޮނާލްޑޯ ވަނީ ކުޅެފައެވެ. ފެނާންޑޭޒް ވަނީ ރޮނާލްޑޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ފަހި ކޮށްދީފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!