ސިލްސިލާ ވާހަކަ: ޝިކާޔަތު (58)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

" އަހަރެން ޖާވިދް ބޭނުން.. ޖާވީދް"

ޝަހާނާ އަނެއްކާވެސް ބުނެލިއެވެ. އަތް ދަމައިގަންނަން ނުކެރި، ޖާވިދަށް ހުރެވުނީއެވެ. ވަގުތަކީ ދޮރާށި ހުޅުވާ، ޒޫނާވެސް ބޭރަށް ނިކުތް ވަގުތެވެ. ޒޫނާ ފެނުމާއެކު ޖާވިދަށް ތެޅިގަނެފައި ޝަހާނާގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. އެއާއިއެކު ޝަހާނާއަށްވެސް ބަލައިލެވުނީ ޒޫނާގެ މޫނަށެވެ. އެއަށްފަހު އޭނާ ޒޫނާއަށް ކުރިމަތިލުމަށްފަހު ރުޅިވެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ.

" ކިހިނެއް ވެގެން ތިއުޅެނީ؟ ޒޫނާ ކިތަންމެ ވަރަކަށް ތިއްތި ދެއްކިޔަސް ޖާވިދް ކަލެޔަކަށް ނުބަލާނެ! ޖާވިދް ލަންބުވައެއްވެސް ނުލެވޭނެ! އެންމެ ކުޑައިރުއްސުރެ ޖާވިދް ލޯބިވީ މަގޭ ދެކެ.. އެލޯބި އެހިތުން ފިލައިގެން ދާނެކަމަށް ހީ ނުކުރައްޗޭ"

ޝަހާނާ އެމޭރުމުން ވާހަކަ ދައްކާތީ ކަންބޮޑުވެފައި ހުރެ ޒޫނާ ޖާވިދަށް ބަލަމުން ދިޔައެވެ. އޭރު ޖާވިދްވެސް ހުރީ ދެފަރާތަށް ބޯ ހޫރާލަ ހޫރާލައެވެ. އެންމެފަހުން ޖާވިދް ތަންކޮޅެއް ބާރަށް ޝަހާނާއަށް ގޮވާލުމަށްފަހު އޭނާ ހުއްޓުވިއެވެ.

" ކޮންކަމެއްތީ؟ މިގޭދޮށަށް އައިސް ޒޫނާއަށް އެއްޗެހި ކިޔުމުގެ ބޭނުމަކީ ކޮބާ؟ "

ޖާވިދް އަވަސް އަވަހަށް އެހިއެވެ. އެއާއިއެކު ޝަހާނާ އެނބުރިލުމަށްފަހު ޖާވިދާ ތަންކޮޅެއް ގާތަށް ޖެހިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ބުނޭ! އޭނަ ކައިރީ ބުނޭ ޖާވިދް ލޯބިވަނީ އަހަރެންދެކެއޭ! އަހަންނަށް އެނގެޔޭ އޭނަ އެއުޅެނީ ޖާވިދާ އަޅައިގަނެގެން.. ޖާވިދަށް އޭނަދެކެ ލޯތްބެއް ނުވެވޭނެ! އަހަންނަށް ހަމަ ޔަޤީން.."

ވާހަކަ ދައްކަމުން ދިޔައިރު ޝަހާނާއަށް ދިޔައީ ރޮވެމުންނެވެ. އޭރު ޖާވިދަށް ހުރެވުނީ ދުރުގައި ހުރި ޒޫނާއަށް ބަލަހައްޓައިގެންނެވެ.

" ޝަހާނާ ގެއަށްދޭ! މިތަނަށް މީހުން އެއްވެދާނެ.."

ޖާވިދް ދުރަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ޝަހާނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

" ޒޫނާ ވަދޭ އެތެރެއަށް.. އަހަރެންވެސް މިދަނީ ގެއަށް ދާން"

ފޫހި ގޮތަކަށް ޝަހާނާއަށް ބަލައިލުމަށްފަހު ޖާވިދް އެނބުރިލީ ޒޫނާއާ ދިމާލަށެވެ. އެއާއިއެކު ޒޫނާ ޖާވިދަށް އޭނާގެ އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ.

" އޯހް! ފޯނު ބާއްވާފައިދޯ! "

އަވަސް އަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައި ހިނިތުންވެލަމުން ޖާވިދް ޒޫނާއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝަހާނާ ހުރީ ހައިރާންވެ، އެހާމެ ރުޅި ގަދަވެފައެވެ.

" ގުޅާނަން އިނގޭ ގޮސް!"

ޝަހާނާއަށް އަޑު އިވޭވަރަށް ޖާވިދް ޒޫނާގާތު ބުނެލިއެވެ. ހީވާގޮތުން އޭނާ ބޭނުންވަނީވެސް ޝަހާނާއަށް އަޑު އިއްވާށެވެ. ނަމަވެސް އެކަމުގެ ސަބަބުން ޒޫނާގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. ޖާވިދަށް އެކަން ފާހަގަ ކުރެވުމުގެ ސަބަބުން އޭނާ ބޭނުންވީ އަވަހަށް ޒޫނާ ފޮނުވާލާށެވެ.

" އަޅާނުލައި ދެން ވަދޭ އެތެރެއަށް! އަހަރެންވެސް މިދަނީ ގެއަށް ދާން"

ޖާވިދް އެހެން ބުނުމާއިއެކު ޒޫނާ އަނެއްކާވެސް ޝަހާނާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ.

" ހަމަ ރަނގަޅަށްވެސް ކުރާ ކަމެއްދޯ"

ޒޫނާ އެތެރެއަށް ވަނުމާއެކު ޝަހާނާގެ ރުޅިވެރި ޖުމްލަ ޖާވިދަށް އަޑުއިއްވާލިއެވެ. ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާ ޖާވިދް ހިނގައިގަތެވެ.

" ތިހެންނެއް ނުދެވޭނެ! އަހަރެންގާތު ތެދަށް ބުނޭ! ޒޫނާއާ ކޮން ގުޅުމެއް އޮންނަނީ؟"

ޝަހާނާ ބާރުބާރަށް ގޮސް ޖާވިދްގެ އަތުގައި ހިފައި ހުއްޓުވިއެވެ. އެއާއިއެކު ޖާވިދް އަވަސް އަވަހަށް ޝަހާނާގެ އަތް ފޮޅުވާލުމަށްފަހު ބާރުބާރަށް ބުންޏެވެ.

" ޝަހާނާ ކިހިނެއް ވެގެންތަ ތިއުޅެނީ؟ އަހަރެމެން މިއުޅެނީ ކައިވެނިކުރަން! އަޑު އިވިއްޖެތަ؟ މިއީ ދެން ކިހާ ދެރަކަމެއް! އަހަރެން ނުވެޔޭ މިހާރު ކަލޭދެކެ ލޯތްބެއް! މައިތިރިވެގެން ހުރެބަލަ!"

މީގެ ކުރިން ދުވަހަކުވެސް ޖާވިދް އެފަދަ ރާގަކަށް ޝަހާނާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން ޝަހާނާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްދަތި ކަމެކެވެ.

" ކަލޭ އުޅޭނެހާ ގޮތަކަށް އުޅެ، ކުރާނެހާ ކަމެއް ކުރި އިރުގައިވެސް އަހަރެން ކަލެއަށް ދެރަބަހެއް ބުނިންތަ؟ ނުބުނަމެއްނު! ހެޔޮނުވާނެ ދެން އަހަންނަށް އުނދަގޫ ނުކުރޭ! އަހަންނާ ދުރަށްދޭ! މަގޭ ހިތުގައި ތިޔަ ޝަހާނާއަށްޓަކައި ނަފްރަތު ފިޔަވައި އެއްވެސް އެއްޗެއް ނެތް.. ތިއީ މަށާއެކު އުޅެން ނޭނގުނު މީހެއް... މުއްސަނދިކަމާ މޮޅުގޮތް ހޯދަން އުޅުނު ނުބައި މީހެއް! މީގެ ކުރިން ކަލެޔަށް ފެނިފައި އޮންނާނީ މަގޭގެ ހެޔޮކަމާއި ރަނގަޅުކަން! އެކަމަކު ދެން ހަނދާންކުރާތި.. މީގެ ފަހުން ޒޫނާއަށް އެގޮތަށް ދިމާ ކުރިއްޔާ ދެން ފެންނާނީ މަގޭގެ ނުބައިކަން! "

ރުޅިއައިސް ހުރެ، ޖާވިދް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހައިރާންވެފައި ހުރި ޝަހާނާގެ ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. ޝަހާނާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ޖާވިދް ހިނގައިގަތެވެ. އެއާއިއެކު ޝަހާނާއަށް ދެއަތުން އޭނާގެ އަނގަމަތީގައި އަތް ޖައްސާލެވުނެވެ. އޭނާވެސް އައިކޮޅަށް ހިނގައިގަންނަން އެނބުރިގަތީ ދެން  ދުވަހަކުވެސް ޖާވިދަށް ބަލައިލަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.

***

ބައްޕަގެ ޖަނާޒާގެ ކަންތައްތައް ނިންމާލުމަށްފަހު ހާރޫންއާއި ޔަޝްމީ އައީ ގެއަށެވެ. އޭރުވެސް ހާރޫންގެ ޙާލަތު ރަނގަޅު ނޫންކަން ޔަޝްމީއަށް އެނގެއެވެ. އެހެންކަމުން އެ ހިތްދަތި ދަނޑިވަޅުގައި އިތުރަށް ހާރޫން ދެރަކުރާކަށް ޔަޝްމީއަކަށް ނުކެރުނެވެ.

" އެއްޗެއް ކާންވީނު"

އެނދުމަތީގައި އޮތް ހާރޫންގާތު އިށީނދެލަމުން ޔަޝްމީ އަހައިލީ ލޯތްބާއިއެކުއެވެ. ޔަޝްމީ އައިސް ވާހަކަ ދައްކަން ފެށުމުން ހާރޫން ތެދުވެ، ޔަޝްމީއާ ޖެހިގެން އިށީނދެ، ކުޑަކޮށް ގުދު ނެރެލައި ހަމަޖެހިލިއެވެ.

" ބުނެބަލަ! އެއްޗެއް ކާނަންތަ؟ "

އަނެއްކާވެސް ޔަޝްމީ އަހާލިއެވެ. އެއާއިއެކު ހާރޫން އެއްމިޔަކަނުން ހީލިއެވެ. އަދި ޔަޝްމީގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

" ވަރަށް ބަނޑުހައި! އެކަމަކު ކާހިތެއްނުވޭ! "

އަސަރާއެކު ހާރޫން އެހެން ބުނެލުމުން ޔަޝްމީއަށް އިސްޖަހާލެވުނެވެ. ހާރޫންގެ އަތުގެ ތެރެއިން އަތް ދަމައިގަންނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

" އަހަރެން ކައްކައިދެންތަ ޗިކަން ސޫޕެއް؟"

އެހެން އިނދެ ޔަޝްމީ އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް މިފަހަރުވެސް ހިނިތުންވެލުމަށްފަހު ހާރޫން ދެފަރާތަށް ބޯ ހޫރާލިއެވެ.

" ޔަޝްމީގެ ތި އާދަތަކަށް އަހަރެން މިހާރުވެސް މިހުރީ ހޭނިފައި! ޔަޝްމީ މިހާރު ތިއުޅެނީ އަހަރެންގެ ޙަޔާތުން ދުރަށް ދާން! އެއްކޮށް ދާން! މުޅި އުމުރަށް ދާން! ދެން އަހަރެން...ކިހިނެއް..ކިހިނެއް ތިހާ އުފަލުގައި ދިރިއުޅޭނީ؟"

ހާރޫން ދައްކަމުން ދިޔަ ވާހަކަތަކުން ޔަޝްމީގެ ލޭ ކެކިގެން ދިޔައެވެ. ހާރޫންއާނުލައި އޭނާއަކަށްވެސް ނޫޅެވޭނެއެވެ. ދިރިއުޅެން އޭނާއަށްވެސް އުނދަގޫވާނެއެވެ. ނަމަވެސް ޔަޝްމީ ހުރީ އޭނާގެ ނިންމުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ.

" މިވަގުތު ދެން ތިވާހަކަ ބާއްވާ! މި ހިތްދަތި ވަގުތު އަހަރެން ބޭނުންވަނީ ހާރޫން ގާތު ހުންނަން.."

ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ހާރޫންއަށް އެނދުން ތެދުވެވުނެވެ. އަދި މަޑުމަޑުން ކުރިއަށް ޖެހިލުމަށްފަހު ދެއަތް އުރާލިއެވެ.

" އެންމެ ރަނގަޅު! އާނ! ބައްޕަގެ ވަކިވުން އަހަންނަށް ކެތްކުރަން ވަރަށް ވެސް ދަތި! އެކަމަކުވެސް އަހަންނަކީ ވަރަށް ކެތްތެރި މީހެއް! މިވަގުތު އަހަރެންގާތު ޔަޝްމީ ހުރެދިނީތީ ޝުކުރުވެރިވަން.. މި ދުވަސްވެސް ހިނގައިދާނެ. އަދި ޔަޝްމީވެސް އަހަރެންގާތުން ހިނގައިދާނެ.. ދެން ބުނެބަލަ! އެދުވަހުން އަހަންނަށް ލިބޭނެ ހިތްދަތިކަމަށް ޒިންމާވާން ޔަޝްމީއަށް ކެރޭނެތަ؟ އެދުވަހަކުން އަހަންނަށް ވާނެ ގޮތެއް ބަލައިލާ ހިތެއް ނުވާނެތަ؟ އަހަރެން އެކަނިވެރިކޮށްލާއިރު، އަހަރެންގެ ދިރިއުޅުން ބަރުބާދުވާނެކަމެއް ނޭނގޭތަ؟ "

ހާރޫންގެ ކޮންމެ ސުވާލަކުންވެސް ޔަޝްމީގެ ހިތަށް ތޫނު ހަމަލާތަކެއް ފޮނުވާލާ ކަހަލައެވެ. ހިތް، އޭގެ ޖާގައިގައި އޮންނަން އުނދަގޫވެގެން ބޭރަށް ފުންމައިލަން އުޅޭ ކަހަލައެވެ. އަދި ޔަޝްމީއަށް މަލާމާތްކޮށް ނަފްރަތު ކުރާ ކަހަލައެވެ.

" ޕްލީޒް ހާރޫން! ދެން ތިކަހަލަ ވާހަކަ ނުދައްކަ ފާނަންތަ؟ ހާރޫން އެކަނިވެރިކޮށްލަންތަ އަހަރެން މިދަނީ؟ ނޫނީ ހިތްދަތިކަމެއް ދޭންތަ؟ ކީއްވެތަ އަހަރެންގެ މަޤްޞަދް ހާރޫންއަށް އޮޅިގެން ތިއުޅެނީ؟ ކިހާ ވަރަކަށް ބުނެފިންތަ ހާރޫންއަށްޓަކައޭ އަހަރެން ދުރަށް މިދަނީ؟"

ބާރުބާރަށް ގޮސް ޔަޝްމީ ހުއްޓުނީ ހާރޫންގެ ކުރިމަތީގައެވެ. އެއާއިއެކު އަނެެއްކާވެސް ހާރޫން ކުރު ގޮތަކަށް ހީލިއެވެ.

" އަހަންނަށްޓަކައި އަހަރެން ދޫކޮށްފައިދަނީ؟ އަހަރެންގެ ނުރުމުގައި.. އަހަރެންގެ ނުޤަބޫލުގައި.. އަހަރެން ޝަކުވާކޮށްކޮށް ހުއްޓާ.. ދެންވެސް ބުނަންވީތަ ޔަޝްމީ އަހަރެންގާތުން ދަނީ އަހަންނަށް އުފާވެރިކަން ހޯދައިދޭށޭ"

ހާރޫން ހުރީ ހުއްޓާ ކަހަލަ ގޮތަކަށް ނޫނެވެ. އެހެންކަމުން ޔަޝްމީ ދެފަރާތަށް ބޯ ހޫރާލަމުން ހާރޫންއަށް ފުރަގަސްދިނެވެ. އަދި ދެލޯމަރާލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ދިޔުމުން ހާރޫންއަށް އަހަންނަށްވުރެ މާ ރީތި މާ ރަނގަޅު ކުއްޖަކު ލިބޭނެ! އަދި ތި ދެމީހުންނަށް އެކަކު އަނެކަކުދެކެ ލޯބިވެވި، ކައިވެނި ކުރެވި ލޯބި ލޯބި ކުއްޖަކުވެސް ލިބޭނެ! ދެން މަޑުމަޑުން ހާރޫން އަހަރެންމަތިން ހަނދާންނެތިދާނެ.. އަހަރެންގެ އާދަތަައް ބީރައްޓެހިވެގެން ދާނެ! އެއަށްފަހު ހާރޫންގެ ހުރިހާވެސް ބަޔަކީ، ހާރޫންގެ ލޯބިވާ އަނބިމީހާއާ ފުރާނަފަދަ ދަރިފުޅު! އުފަލާއި ހިތްހަމަޖެހުމާއި ލޯބިން ފުރިގެންވާ ދިރިއުޅުމަކައިގެން ހާރޫން އުޅޭތަން އަހަރެން ދެކެން ބޭނުން"

އެސްފިޔަތަކުގެ ތެރެއިން ރޮނގެއްހެން ފައިބައިގަތް ކަރުނަތައް ފުހެލަމުން ޔަޝްމީ ދެލޯ ހުޅުވާލިއެވެ.

" ތިއީތަ ޔަޝްމީ އަހަންނާމެދު ދެކެމުންދާ ހުވަފެނަކީ؟ ތިއީ ހާދަ ރީތި ހުވަފެނެކޭދޯ! އެކަމަކު ހިއެއް ނުވެ ކުލަޖެހޭނެ ހެއްނެއް"

އަސަރާއެކު ހާރޫން އެހެން ބުނެލުމުން ޔަޝްމީ އަވަސް އަވަހަށް ހާރޫންއާ ދިމާލަށް އެނބުރުނެވެ. އަދި ލުއި ގޮތަކަށް ހީލަމުން ބުނެލިއެވެ.

" އިރާދަކުރެއްވިއްޔާ ކުލަޖެހޭނެ! މާތްﷲއަށް އަހަރެން އިތުބާރުކުރަން.."

ޔަޝްމީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައިސް ހާރޫންގެ އަތުގައި ހިފާލިއެވެ. މިފަހަރުވެސް ވާހަކަ ދައްކަންފެށީ އޭނާއެވެ.

" ޕްލީޒް! ހާރޫންގެ ސިކުނޑިއަށް އަރާމު ބޭނުންވާނެ! ހިތަށް ހަމަޖެހުންވެސް ބޭނުންވާނެ! މިވަގުތު މިވާހަކަތައް ދައްކައިގެން އިތުރަށް ދެރަވާނީ.. އަހަންނަށްޓަކައި މިވަގުތު މިމައުޟޫއަށް ވާހަކަ ދެއްކުން ހުއްޓާލަފާނަންތަ؟ ޕްލީޒް! "

ހާރޫންއަށް ބަލައިލެވުނީ ޔަޝްމީގެ އަތުގެ ތެރޭގައިވާ އޭނާގެ އަތަށެވެ. އެއާއިއެކު ޔަޝްމީ ހާރޫންގެ އަތުން ދޫކޮށްލިއެވެ.

" އޯކޭ! އެކަމަކު އަހަރެން އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން.. ބޭނުންވަނީ ނިދާލަން.."

އެހެން ބުނުމަށްފަހު ހާރޫން އަވަސް އަވަހަށް އެނދާއި ދިމާލަށް އެނބުރިލިއެވެ. ނެތްހިތްވަރު ދައްކައިގެންނެވެ. ހިތްގަދަ މީހެއްކަން ޔަޝްމީއަށް އަންގަން ވެގެންނެވެ. ހާރޫންގޮސް އޮށޯތް އިރުގައިވެސް ޔަޝްމީ ހުރީ ހާރޫންއަށް ބަލާށެވެ.

***

ސީލިންގގައި ހަރުކޮށްފައި ހުރި ނިދާ ބޮތްކަށް ބަލަހައްޓައިގެން ޒޫނާ އޮތީ ޖާވިދްގެ ކޯލްގެ އިންތިޒާރުގައެވެ. އޭނާ އެހެން އޮންނަތާ މިހާރު ކިތަންމެ އިރެކެވެ. ނަމަވެސް ޖާވިދްގެ އެއްވެސް ޚަބަރެއް ނުވިއެވެ. ގުޅާލަން ހިތަށް އަރާފައިވެސް ބޭނުންވީ ކެތްތެރިކަމާއިއެކު އިންތިޒާރު ކުރާށެވެ.

ނިދިނިދ އޮތް ޒޫނާ ސިހިގެން ދިޔައީ ފޯން ރިންގްވާން ފެށުމުންނެވެ. އެއާއިއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. މަޑުމަޑުން ކަރުކެހިލުމަށްފަހު އަޑު ސާފުކޮށްލީ ޖާވިދަށް ނިދީގެ އަސަރު ނެތްކަން ހާމަކޮށްދިނުމަށެވެ.

" ހަލޯ! "

ފޯނު ނެގުމަށްފަހު ޒޫނާ ތުއި ގޮތަކަށް ބުނެލީ ހިނިތުން ވަމުންނެވެ.

" ވަރަށް ލަސްވެއްޖެދޯ"

ފުންނޭވާއެއް ދޫކޮށްލަމުން ޖާވިދް އެހެން ބުނެލުމާއެކު ޒޫނާ ހީލިއެވެ.

" ނޫނޭ! ލަހެއް ނުވެ.. ގުޅަން ދެން މި ހުންނަނީ"

" ގެއަށް އައިސް ވަތްތަނާ މަންމަ ބުނީ ކޮއްކޮގެ ބަފައިބެ ނިޔާވި ވާހަކަ.. އެހެންވެގެން މަންމަމެންނާ ވާހަކަ ދައްކާލަން މަޑުކޮށްލީ.."

ކަންވީގޮތް ޖާވިދް އޮޅުން ފިލުވައި ދިނެވެ.

" އެހެންތަ؟ ވަރަށް ދެރަ!"

ޒޫނާ ބުނެލީ މަޑުމަޑުންނެވެ.

" އޭ އަދި ވާހަކައެއް އަހަންވެއްޖެއޭ! ޒޫނާގެ ބައްޕަ މިރޭ މަށާ އެހާ ލޯބިން ވާހަކަ ދެއްކީ ކީއްވެތަ؟"

ޖާވިދްގެ ސުވާލުން ޒޫނާ ހީހީ އަވަދިވީ ކަހަލައެވެ. އޭނާ އެވަރަށް ހޭތީ ޖާވިދަށްވެސް ހެވުނެވެ.

" ދެން ޖާވިދް ދައްކާ ވާހަކަ! ބައްޕައަކީ ވަރަށް ސްވީޓް މީހެކޭ.. އަހަރެންގެ ކޮންމެ ރައްޓެއްސަކާވެސް ބައްޕަ ވާހަކަ ދައްކާނީ އެގޮތަށް"

އެންމެ ފަހުން ޒޫނާ، ޖާވިދްގެ ސުވާލަށް ޖަވާބު ދިނެވެ. ނަމަވެސް އެ ޖަވާބުންވެސް ޖާވިދް އުފެއްދީ ސުވާލެކެވެ.

" ރައްޓެއްސަކާވެސް؟ އެހެންވީމަ... ތިބުނީ އަހަންނަކީ ހަމަ ރައްޓެއްސެކޭތާދޯ! އަހަރެން ހީކުރީ އަދި ރައްޓެއްސަކަށްވުރެ ގާތް ކަމަށް.."

ޖާވިދް ބޭނުންވީ ގަސްތުގައި ޒޫނާ ލަދުގަންނަވާލާށެވެ. ނަމަވެސް ކަންވީ އޭނާ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

" ރައްޓެއްސަކަށްވުރެ ގާތް؟ ތިބުނީ ކިހިނެއް ގާތް ވާހަކަ؟ "

ޒޫނާ ހުޝިޔާރުކަމާއެކު ސުވާލު ކުރުމުން މިފަހަރު ޖާވިދު މާ ބާރަށް ހޭންފެށިއެވެ.

" ވަރަށް މޮޅު އިނގޭ! އަހަރެން ހީކުރީ ޒޫނާގެ އަނގަ ބަންދުކޮށްލެވޭނެކަމަށް! އެކަމަކު.. މިފަހަރު އާގަންނަން މިޖެހުނީ މަށަށްތާ! "

އަނެއްކާވެސް ޖާވިދް ހީގަތެވެ.

" ދެން އާގަންނަމުންވެސް ޖަވާބު ދީބަލަ! ކޮންކަހަލަ ގާތް ކަމެއްހޭ؟"

އަނެއްކާވެސް ޒޫނާ އެހީ އެހާމެ ލޯބިންނެވެ. އެއާއިއެކު ހީހީ ހުރި ޖާވިދް މައިތިރިވިއެވެ. ހިތުގައި ވަންހަނާ ކޮށްގެން އިތުރަށް ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ފުޅާ ހިނިތުންވުމެއްގައި އޮވެ އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" މިސާލަކަށް... ޒޫނާއަށް ޒޫނީއޭ ކިޔާ ގޮވާލާ ކަހަލަ ގާތްކަމެއް! "

ލަސްލަހުން ޖާވިދް އެހެން ބުނުމާއެކު، ކައިރީގައި އޮތް ބާލީހުން ޒޫނާއަށް މޫނު ފޮރުވާލެވުނެވެ. އޭނާއަށް ޒޫނީއޭ ކިޔާ ގޮވާލާނީ ލޯބިވާ މީހުންކަން ޖާވިދުގާތު ކުރިން ބުނެދިން ހަނދާންވުމުން ޒޫނާ އިންތިހާއަށް ލަދުގަނެއްޖެއެވެ.

" ކިހިނެއްވީ؟ ކީއްވެ އެއްޗެއް ނުބުނީ؟ "

އަނެއްކާވެސް ޖާވިދަށް ބުނެވުނެވެ. އެއާއިއެކު ޒޫނާގެ ހީލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެހެންކަމުން ޖާވިދަށްވެސް އޮވެވުނީ ނުހަނު ހިނިތުންވެވިފައެވެ.

" އަހަރެން ބޭނުން ޒޫނީ ދެކިލަން.. ހަމަ މިވަގުތު"

ޖާވިދް އެހެން ބުނެލުމާއިއެކު ޒޫނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު ހިނިތުންވުމައިގެން އޭނާގެ އަނގަ ތަންމިނަށް ހުރީ ހުޅުވިފައެވެ.

" މިވަގުތޭ؟ "

ޒޫނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއިއެކު ޖާވިދް އަޑަށް ބާރުލައި ވާހަކަ ދައްކަން ފެށިއެވެ.

" ކިހިނެއްވީ؟ ނުކެރޭނެތަ؟ އަހަރެން ދަންތަ؟"

ޖާވިދް އެހެން ބުނުމުން ޒޫނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އެނދުން ފައިބައި ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ފެށުނެވެ.

" މީހަކަށް ފެނިދާނެ! ދެން ކީއްކުރަން އަންނަނީ.. މިހާރު އެގާރަވެސް ޖަހައިފި.. ވަރަށް ބިރުގަނޭ"

ޒޫނާ އިންކާރު ކުރަން ފެށުމުން ޖާވިދް ބާރުބާރަށް ހޭންފެށިއެވެ. އޭނާ އެހާ ބާރަށް ހޭތީ ޒޫނާ ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ. އެހެންކަމުން އެއްޗެއް ނުބުނެ އޭނާ މަޑުކޮށްލީ ޖާވިދް ވާހަކަ ދައްކަން ފަށަންދެނެވެ.

" ކުޑަކުޑަ މޮޔައެއްތީ! ދެން އަޅެ އަހަރެން މިގަޑީގައި ދާނެތަ؟ މަށަކަށްވާ ނުކެރޭނެ.."

އެހެން ބުނެ އަނެއްކާވެސް ޖާވިދް ހޭންފެށިއެވެ. މިފަހަރު ޒޫނާއަށްވެސް ބާރަށް ހީގަނެވުނެވެ.

" އަހަރެން އެހާ އަވަހަށް ޒޫނީއޭ ބުނީމަ ވަރަށް އުފާވިތަ؟ "

ހަމަޖެހިލަމުން ޖާވިދް އަހާލިއެވެ. އެއާއިއެކު އަނެއްކާވެސް ޒޫނާއައިސް އެނދުގައި އޮށޯވެލައި ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެތަ ޒޫނީއޭ ބުނީ؟ ހަމަ ލޯބިވާތީތަ؟"

ތުންފަތުގައި ޒޫނާއަށް ދަތްއަޅައިލެވުނީ އެފަދަ މައުޟޫއަކަށް ވާހަކަ ދައްކަން ލަދުގަންނާތީއެވެ. އޮފީހުގައި އޭނާ އެންމެ އިޙްތިރާމްކޮށް ޤަދަރު ކުރާ އެކަކީ ޖާވިދެވެ. މަޤާމުގެ ގޮތުންނާއި ޖާވިދްގެ ހުންނަ ސިފަތަކަކުންނެވެ. އެހެންކަމުން މިހާރުވެސް އޭނާގެ ހިތްއޮތީ ލަދުންގޮސް މަރުވާވަރުވެފައެވެ.

" ޒޫނީއަށް ޤަބޫލު ނުކުރެވެނީތަ؟ އަސްލުވެސް ޒޫނީ އަހަންނާމެދު ޚާއްސަ ގޮތެއް ބަހައްޓާކަން އެނގުނީމަ ބޭއިޙްތިޔާރުގައި ލޯބިވެވުނީ.. ޒޫނީއާއެކު އެތައް ދަުވަހަކު މަސައްކަތްވެސް ކުރެވިއްޖެ! އަހަރެން ބޭނުންވާ މަޑުމައިތިރިކަމާ ސާދާ މިޒާޖެއް ޒޫނީގެ ކިބައިން އަބަދުވެސް ފާހަގަ ކުރެވުނު.. ދެން ހަމަ ލައިފް ޕާޓްނަރއަކަށްވީމަ އަދި މާބޮޑަށްވެސް އެބައި ރަނގަޅުވާނެހެން ހީވަނީ.. އަހަންނަށް އިޙްތިރާމްކުރާނެތާ"

ޖާވިދް އުއްމީދާއިއެކު ދެއްކި ވާހަކަތައް އަޑުއަހަން ޒޫނާއޮތީ އުފަލުންނެވެ.

" މާދަމާ އޮފީހަށް ދާކަށް ނުކެރޭނެ. ޖާވިދް ފެނުނީމަ ވަރަށް ލަދުގަންނާނެ.."

ޒޫނާ އަނެއްކާވެސް ތުއިގޮތަކަށް ބުންޏެވެ.

" އާނ ދެން އަހަންނަކަށް ނުހުރެވޭނެ ނުބަލައެއް.."

ލާނެތް ގޮތަކަށް ޖާވިދް އެހެން ބުނުމުން ޒޫނާއަށް ބާރަށް ހެވުނެވެ. ޒޫނާގެ ހީލުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ޖާވިދަށް އުފާވެރިކަން ލިބޭކަން އޭނާއަށް އިޙްސާސް ކުރެވެއެވެ. އެހެންކަމުން ޖާވިދް ބޭނުންވީ އަދިވެސް ގިނަ އިރު ވާހަކަ ދައްކަން އޮވެލާށެވެ.

( ނުނިމޭ )

މިވާހަކަ ގެނެސްދެނީ އާދިއްތައިން ބުރާސްފަތި ދުވަހަށެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *