ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ޔާސިރު ވިދާޅުވީ އޭނާ މި ދާއިރާގެ މެމްބަރުކަން ކުރައްވާތާ މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު އެކި ވެރިންނާ ދިމާވެއްޖެ ކަމަށާއި އެހެންނަމަވެސް، އޭގެ ތެރެއިން ސާލިހު ނޫނީ އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ވެރިއަކު ދިމާނުވާ ކަމަށެވެ.

Ad
d

އޭނާ ވިދާޅުވީ ސިޔާސީ ވެރިން ހައްޔަރު ނުކޮށް ވެރިކަމެއް ނިންމައިލެވުނީ ވެސް ހަމައެކަނި ސާލިހަށް ކަމަށާއި މިއީ ދެވަނަ ދައުރެއް ރައީސް ސާލިހަށް ދޭން ނުކުންނަ ސަބަބު ކަމަށެވެ.

ޔާސިރު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުގަނޑުގެ ސަބަބުން އޭނާ ވަނީ އެ ޕާޓީ ދޫކުރައްވައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. އަދި އޭނާ އާއެކު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލުގެ ބައެއް މެމްބަރުން ވެސް އެ ޕާޓީ އަށް އޭރު ސޮއިކުރެއްވިއެވެ.

އެހެންނަމަވެސް މާގިނަދުވަސްތަކެއް ނުވެ، އެނބުރި އެމްޑީޕީ އަށް އެ ހުރިހައި ބޭފުޅުން ގުޅިވަޑައިގެންފައިވާއިރު، ޔާސިރު ވިދާޅުވީ ހިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވުމަކީ ވެރިއެއްގެ ކިބައިގައި ހުންނަން އޭނާ އެންމެ ބޭނުންވާ އެންމެ މުހިންމު އެއް ސިފަ ކަމަށެވެ.

"މިއަދު ތި ބޭފުޅުން ކުރިމައްޗަށް ނުކުމެ އަޅުގަނޑު މި ދަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އިތުރު ވެރިއެއް، އިތުރު ބޭފުޅެއް ނެތް ހިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވޭނެ،" ޔާސިރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ސާލިހު ވަނީ ކުޅުދުއްފުއްޓަށް ވެސް ގިނަ އާ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުޅުއްފުއްޓަށް ބިން އިތުރުކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ސެންޓަރެއް ހެދުމާއި ލޯކަލް ކޮމާޝަލް ބަނދަރެއް ހެދުން ހިމެނެއެވެ. އަދި ހުރިހާ މަގެއްގައި ތާރު އަޅައި ނިންމުމާއި ކުޅުދުއްފުށީގެ ކުރިމަތީގައި އޮންނަ ކުނބުރުދޫ އިންޑަސްޓްރިއަލް ރަށަކަށް ހެދުން ވެސް ހިމެނެއެވެ.

Ad
df

މީގެ އިތުރުން ޔޮޓް މެރީނާ އާއި ކްރޫޒް ލައިނަށް ހިދުމަތް ދެވޭ ގޮތް ހެދުމަށާއި ކޮންވެންޝަން ސެންޓަރެއް ހެދުމަށާއި ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުމުގެ އިތުރުން ބޮޑުތިލަދުންމައްޗަށް ހާއްސަ ލޯކަލް ޓޫރިޒަމް ފައިނޭންޝިއަލް ޕެކޭޖެއް ތައާރަފުކުރުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.