ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ.

Ad
rt

މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ.

އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ މުއްދަތު ހަމަވުމުން އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދިއްދޫ ބަހުގެ ހިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތުވެސް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެއެވެ.

އެމްޓީސީސީން ބުނީ މި ޚިދުމަތުން ފައިސާ ނަގަން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ. އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުން ކުރެވޭ ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ މަގުސަދެއް ކަމަށް އެމްޓީސީސީން ބުންޏެވެ.