އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓްތެރޭ ޖެހި ލަނޑުތަކުން އާސެނަލް މޮޅުވެއްޖެއެވެ.

ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއިން އާސެނަލް މޮޅުވެގެންނެވެ.

Ad
rt

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އާސެނަލުން ކުޅެމުން ދިޔަ ނަމަވެސް، ފުރަތަމަ ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެރިކްޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ.

ނަމަވެސް ޔުނައިޓެޑަށް ލީޑު ދެމެހެއްޓުނީ މަދު ސިކުންތުކޮޅަކަށެވެ. ޖެހިގެން އައި މިނެޓުގައި އާސެނަލްގެ މާޓިނެލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އާސެނަލްގެ ކެޕްޓަން އޮޑެގާޑް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯ ވަނީ ލަނޑެއްޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

އާސެނަލް މެޗުން މޮޅުވީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދިން އަށް މިނެޓްގެ ތެރޭ ޖެހި ލަނޑުތަކުންނެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރެއް ފާ ޕޯސްޓުން އަރައި މެއިން ކޮންޓްރޯލް ކުރުމަށް ފަހު ޑެކްލަން ރައިސް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލަށް ވަދެފައި ވަނީ ޑިފެންޑަރ މެގުއާ ފައިގައި ޖެހިފައި ގޮސް ކީޕަރު އޮނާނާ އަތުގައި ވެސް ޖެހިފައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން ޓީމް ކުރިއަށް ޖެއްސި ވަގުތު އާސެނަލުން އުފެއްދި ކައުންޓަ އެޓޭކްގައި، އެ ޓީމަށް ތިންވަނަ ލަނޑު ޖަހައި ދިނީ ގެބްރިއަލް ޖީސަސްއެވެ.

މި މޮޅާއިއެކު އާސެނަލަށް ވަނީ ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައެވެ. މިވަގުތު އާސެނަލް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ވަނީ ހަތަރު މެޗުން ބާރަ ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި ޔުނައިޓެޑް އޮތީ 11 ވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ.