މަގުމައްޗަށް ނިކުމެ ހަޅޭއްލެވިޔަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީން ކުރިއަށް ގެންދިޔަ "ރިޔާސީ ބަހުސް" ގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ.
ހަގީގަތަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ކަމަށާއި އެގޮތުން އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ތިބިކަން ފާހަގަކުރައްވާ ާޒިމް ވިދާޅުީ ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެގްރިމަންޓްތައް ބުނާ ގޮތުން ދިވެހީން ތަމްރީންކޮށްފައި ބޭރު ސިފައިން ރާއްޖެއިން ދާން ޖެހޭނެ ކަމަށާއި އިންޑިއާ އައުޓް ޖަހައިގެން މަގުމައްޗަށް ނިކުމެ ހަޅޭއްލަވައިގެން ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށެވެ.
"އޭނާގެ ސިޔާސަތު ވަރަށް ތަފާތުކަން ހާމަކުރައްވައި ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ޑިޕްލޮމަސީ ބޭނުންކޮށްގެން މި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށާއި އެކަމާ ދޭތެރޭ ޝައްކު ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ޖިއޯ ޕޮލިޓިކްސްގެ ތެރެއިން ގައުމުތަކާއި ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްކަރީ ތަމްރީންތަކަށް ސިފައިން އައުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް މިއަދުގެ ހާލަތު ތަފާތު ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ގައުމީ މައްސަލައެއް ކަމަށާއި ޓެރަރިޒަމްގެ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
އެކަމަކު އެފަދަ މައްސަލަތަކުގައި ވެސް މަޝްވަރާކޮށްގެން ހައްލު ހޯދޭނެކަން ފާހަގަ ކުރައްވައި ނާޒިމް ވަނީ އޭނާގެ ހާރިޖީ ސިޔާސަތަކަށް ވާނީ "ދިވެހީން ފުރަތަމަ" ކަން ހާމަކުރައްވާފައެވެ.
އެގޮތުން ދިވެހީންނަށް ނޫން ބަޔަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި ދިވެހީންނަށް އިސްކަން ދީގެން ކުރާ ސިޔާސަތެއް އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދާނެ ކަަމަށް ވިދާޅުވިއެވެ. އަދި ކައިރި ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށާއި އެންމެންގެ ފަރާތުން މަންފާ ލިބޭގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!