ސިލްސިލާ ވާހަކަ: ޝިކާޔަތު (53)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

" ދެން އެގޮތަށް އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހޭނެއެއްނު.. އޭނަ އެއައީ އަހަރެމެންގެ ޚިދުމަތުގައި.. ދެން އަނގައިން ނުބުނީމަ އޭނަވެސް ބުނާނެދޯ އަހަރެމެން ހާދަ ފޮންޏޭ! އަސްލު ބުނެބަލަ އަސަރު ކުރީތަ އަހަރެން އެހެން މީހަކާ އަނގައިން ބުނީމ،ަ"

ހާރޫން ލާނެތް ގޮތަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ތެދުވެގެން ޔަޝްމީއާ ދިމާލަށް ދިޔައެވެ.

" ދެން އެވާހަކަ ބާއްވާ! ހިނގާބަލަ އެއްޗެއް ކާލަންދާން..އަހަރެން ވަރަށް ބަނޑުހައި"

ހާރޫން މަސައްކަތް ކުރަމުން ދިޔައީ ޔަޝްމީއަށް އުފާކޮށްދިނުމަށެވެ. ނަފްސާނީގޮތުން ޔަޝްމީއަށް އައިސްފައިވާ ބަދަލުތައްވެސް އެންމެ ގާތުން ދެނެގަނެވެނީވެސް ޚުދު އޭނާއަށެވެ. އެހެންކަމުން އޭނާގެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ޔަޝްމީއަށް އިސްކަންދޭން މިވަގުތު ހާރޫން ބޭނުންވެއެވެ.

" އަހަރެން ކޮޓަރީގައި އޮވެލާނަން! ހާރޫން ބޭނުމިއްޔާ ތާކަށް ކާން ދިޔަޔަސް ހެޔޮ"

ޔަޝްމީ އެހެން ބުނުމަށްފަހު، ލަސްލަހުން ގޮސް ކޮޓަރިއަށް ވަނެވެ. މަޑުކުރުމެއްނެތި ހާރޫންވެސް ޔަޝްމީގެ ފަހަތުން ހިނގައިގަތެވެ.

" ދެން އެހެން ކަމަކު ނުދާނެއެއްނު.. އަހަރެން ބޭނުންވަނީ ޔަޝްމީ ގޮވައިގެންދާން."

ކޮޓަރިއަށް ވަދެވުމާއެކު ހާރޫން އަވަސް އަވަހަށް ބުންޏެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށުމުން ހާރޫންއަށް އެއްވެސް ރައްދެއް ނުދީ ޔަޝްމީ މަޑުކޮށްލިއެވެ. ހާރޫން ފޯނު ނެގުމަށްފަހު ޔަޝްމީއަށް ފުރަގަސްދިނެވެ. އަދި ކުރިއަށް ހިނގައި ގަންނަމުން ހެވިފައި ވާހަކަ ދައްކަން ފެށިއެވެ.

" މިގޭ ވެރިމީހާ ޑީޑީ އެގުޅީ! ކާއެއްޗެހި ގެންނަ ވާހަކަ ބުނީ! އަަހަރެން ބުނިން ނަމާދުކޮށްގެން އެބަ ނިކުންނަމޭ!"

ހާރޫންގެ ވާހަކަ އަޑުއަހަން ހުރެ، ޔަޝްމީ ލުއިގޮތަކަށް ހީލަމުން ފާޚާނާއާ ދިމާލަށް ދިޔައެވެ.

***

ޔަޝްމީގެ އަތުގައި ހިފައިގެން ހާރޫން ކޮަރިން ނިކުތެވެ. އެއާއިއެކު ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ސިޓިންގރޫމްގައި ހުރި ކާމޭޒުމަތި ފަޅުފިލުވާލާފައިވަނީ މީރު ކާއެއްޗެހިންނެވެ. ހެވިފައި ހުރެ ހާރޫން ކާމޭޒާ ދިމާލަށް ހިނގައިގެވެ. އެއަށްފަހު ކޮންމެ ތައްޓަކާ ދިމާލަށް ވަކިވަކިން ބަލައިލިއެވެ. ހިނިތުންވެފައި ހުރެ ޔަޝްމީއަށްވެސް ހާރޫންގެ އަތުން ދޫކޮށްލުމަށްފަހު އިށީނެވެ. އެވަގުތު ބޮޑު ފިރެހެނެއް އެތެރެއަށް ވަދެގެން އައިތަން ފެނި ދެމީހުންނަށްވެސް ހިމޭން ވެވުނެވެ. އޭނާއަށް ހާރޫން ފެނުމުން ފުޅާ ހިނިތުންވުމެއްގައި އައިސް ސަލާމްކޮށްލިއެވެ. އިޙްތިރާމް ކުރުމުގެ ގޮތުން ޔަޝްމީވެސް އަވަސް އަވަހަށް ކޮޅަށް ތެދުވެ، ހިނިތުންވެލިއެވެ.

" ތިއީ... ޑީޑީ ތޯ ؟ "

ހާރޫން ސުވާލުކޮށްލުމާއެކު އޭނާ ބޯ ޖަހާލަމުން ހީލިއެވެ.

" އަޅުގަނޑުމެން ރެންޓަށް މިގެ ދޫކޮށްލަނީ ކެއުމާއިއެކު! އަގު ކަނޑައަޅާފައި އެއޮތީ އެގޮތަށް.. އެކަމަކު ބޭރަށް ކާން ދާން ބޭނުންވަންޏާ އަޅުގަނޑުމެންނަށް އިޝާރާތެއް ކޮށްލަންވާނެ.. އޭރުންތާ އިސްރާފް ނުވާނީ"

އެހެން ބުނުމަށްފަހު ޑީޑީ ބާރުބާރަށް ހީގަތެވެ. އޭނާގެ މަޖާ ހިނިގަނޑުގެ ސަބަބުން ޔަޝްމީއަށް ހެވުނެވެ.

" މިއީ އަންހެނުންތޯ؟ ވަރަށް ރަނގަޅު އިނގޭ.. ދެކުދިން އެއްވެސް ކަމަކަށް ބޭނުންވަންޏާ އަޅުގަނޑަށް ގުޅާލާ އިނގޭ "

އަނެއްކާވެސް އޭނާ ބުނެލީ އެހާމެ މަޖާ ރާގަކަށެވެ.

" އޯކޭ ޑީޑީ.. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ.. އެކަމަކު މިހާ ގަދަޔަށް ކައްކާނެ ކަމެއްނެތް.. އަޅުގަނޑުމެންނަކީ  އެހާ ވަރަށް ކާ ބައެއްނޫން.. އަނެއްކާ ދެމީހުންނަށް މިއޮތީ ކައްކާފައި އޮތްވަރު.."

މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސަށް ބަލަމުން ހާރޫން ވާހަކަ ދެއްކީ އެކުވެރި ރާގަކަށެވެ. އެއާއިއެކު ތައްޓަކުން ދޮންކެޔޮ ވަކެއް ނަގަމުން ޑީޑީ ހިނިގަނޑެއް ޖަހާލިއެވެ.

" އާނ އެނގެޔޭ އެނގެޔޭ! ތިހާ ފިޓްކޮށް ތިބޭނީ ނުކާތީކަން އެނގޭ! އެކަމަކު އަޅުގަނޑަކަށް ނުކައެއް ނުހުރެވޭނެ.. ވާގޮތަކީ ނުކާން ހުއްޓަސް، ބަނޑުހައިވާތީ ކެވެނީ.. އިއްޔެ ކިރާލި އިރުވެސް 115 ކިލޯ ހުރި! ކީއްކުރާނީ ކާއެއްޗެހި އަޅާނެ ޖާގަ ހަމަ ބޮޑިއްޔޭ!"

ދެފަހަރު މަތިން ދޮންކެޔޮވަށް ބުރިކޮށްލުމަށްފަހު ކައި ނިންމާލަމުން ޑީޑީ ބުނެލިއެވެ. އޭރު ޔަޝްމީ އިނީ ހެވިދާނެތީ ލަދުންނެވެ.

" މިގެ ސާފު ކުރުމާ، މިގޭގައި ކުއްޔަށް އުޅޭ މީހުންނަށް ކައްކާ ހަދަން، މުވައްޒަފެއް ހަމަޖައްސާފައި ހުންނާނެ! އޭނަ އަންނާނެ އިރުކޮޅަކުން މި އެއްޗެހި ނަގަން.. ދެން އަޅުގަނޑު ގޮސްލަނީ އިނގޭ.. ކަމެއް ބޭނުން ވިޔަސް ގުޅާލާތި"

ހާރޫންގެ ބުރަކަށީގައި ޖަހާލަމުން ޔަޝްމީއަށް ނިތް އެއްލަމުން އޭނާ ނިކުމެގެން ދިޔައެވެ.

" މަޖާ މީހެއްދޯ! އެހެރަ ޖަހާލާ ހިނިގަނޑެކޯ"

ހާރޫން އެހެން ބުނުމާއެކު ޔަޝްމީއަށްވެސް ހެވިއްޖެއެވެ. އޭރު ހާރޫން އައިސް ކާން އިށީނދެ ތަށިތަކަށް ބަލަމުން ދިޔައެވެ.

" ބަނބުކެޔޮ ރިހަ ނުކާތާ ވަރަށް ދުވަސް ވެއްޖެ! "

ރޮށި މޮޑެން ތައްޔާރުވެލަމުން ހާރޫން ބުނެލިއެވެ. އޭރު ޔަޝްމީ އިނީ ޖޫސްތައްޓެއް ހިފައިގެންނެވެ. އިސާހިތަކު ދެމީހުންވެސް ކެއުމުގައި މަސްޣޫލް ވެއްޖެއެވެ.

" އަސްލުވެސް ވަރަށް ތަފާތު ރަހަތަކެއް! ހާދަ މީރޭ.. ދެންމެ ކާލައިފިން ކުކުޅު ކޮޅެއްވެސް. އާދަޔާ ޚިލާފް މީރުކަމެއް ހުރި"

ހަށިގަނޑު ތެދުކޮށްލަމުން ހާރޫން ބުނެލިއެވެ. އޭނާ އިންގޮތުން ބަނޑަށް އުނދަގޫވާހެން ހީވެގެން ޔަޝްމީ، ހާރޫންގެ ބަނޑުގައި އަތް ޖައްސާލިއެވެ.

" ތިވަރަށް ކަންޏާ މިރަށުން ދާން ވާއިރަށް ފަލަވާނެ ކަންނޭނގެ"

" ނޫނޭ! ފަތިހު ދާނަން ދުވެލަން.. އޭރުން ރަނގަޅުވާނެ"

ފަސޭހަކަމާއެކު ހާރޫން އެހެން ބުނުމުން ޔަޝްމީ ހިނިގަނޑެއް ޖަހާލިއެވެ. ހަމަ އެވަގުތެވެ. ކުރިން އެގެއިން ފެނުނު އަންހެން ކުއްޖާ އައިސް ވަނެވެ. އެހިނދު ސިހިފައި އޭނާއަށް ބަލައިލެވުނީ ހާރޫންއާ ޔަޝްމީގެ މޫނަށެވެ. ޔަޝްމީ ހީލަމުން ތެދުވިއެވެ.

" ތިއައީ ތަށިތައް ނަގަންތަ؟"

ޔަޝްމީ އަނގައިން ބުނުމުންވެސް އޭނާ އެއްޗެއް ނުބުންޏެވެ.

" އަހަރެމެން މި ނިމުނީ"

ޔަޝްމީ އަނެއްކާވެސް ބުނެލިއެވެ. އަދިވެސް އެ އަންހެން ކުއްޖާ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. އެހިނދު ހާރޫން ތެދުވެ އެކުއްޖާއަށް ހިނިތުންވުން ރައްދު ކުރިއެވެ. ދެމީހުން ތެދުވުމާއެކު އޭނާ މަޑުމަޑުން އައިސް، ކާމޭޒަށް ބަލައިލިއެވެ.

" އަހަރެން މިދަނީ އަތްދޮވެލަން "

ޔަޝްމީގެ މޫނަށް ބަލައިލަމުން ހާރޫން ބުނެލިއެވެ. އަދި ސިޓިންގރޫމް ކަނެއްގައި ހުރި ބަދިގެބަޔަށް ގޮސް އޭނާ އަތްދޮންނަން ފެށިއެވެ. އޭރުވެސް ޔަޝްމީ ހުރީ އެ އަންހެން ކުއްޖާ ގާތުގައެވެ.

" ކޮން ނަމެއްތަ ކިޔަނީ ؟'"

ޔަޝްމީ ހިތްހެޔޮ ރާގަކަށް އަހާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނުތާ އޭނާއަށް ބަލައިވެސް ނުލިއެވެ. އެހެންކަމުން ފޫހި ގޮތަކަށް ހުރެ ޔަޝްމީވެސް ހާރޫންއާ ދިމާލަށް ހިނގައިގަތެވެ.

" ފޮނި މަންޖެއެއް! އަނގައިންވެސް ނުބުނި.. ނަން އަހާލީމަވެސް އެއްޗެއް ނުބުނި"

ޔަޝްމީ ސިއްރުސިއްރުން ހާރޫން ގާތު ބުނެލިއެވެ.

" އޭނަގެ ނަން ހަޑީކަމަށްވާނީ! އެހެންވެ ނަން ނުބުނީ"

މަޖާ ރާގަކަށް ހާރޫން އެހެން ބުނެލި ނަމަވެސް ޔަޝްމީ ހުރީ އޭނާއާމެދު އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އަތް ދޮވެ ނިމިގެން އަނެއްކާވެސް އެނބުރި، ކާމޭޒާ ދިމާލަށް ހާރޫންގެ ފަހަތުން ޔަޝްމީ ހިނގައިގަތެވެ. އެވަގުތު މޭޒުމަތީގައި ހުރި ތަށިތަކުގައި މަތި ޖަހާލަމުން އެކުއްޖާ ޔަޝްމީއަށް ބަލައިލިއެވެ. އަދި އަތުގެ އިޝާރާތުން އޭނާ ދަނީ ކަމުގައި ބުންޏެވެ. އެމަންޒަރުން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ. ޤަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ޔަޝްމީ އެކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހާރޫންއަށްވެސް ވެފައި ހުރީ ހަމަ އެފަދަ ގޮތެކެވެ. އެދެމީހުންގެ މޫނުމަތީގެ ކުލަވަރު ފެނުމުން އޭނާ ކުޑަކޮށް ހީލިއެވެ. އެއަށްފަހު އަތުގެ އިޝާރާތުން ކަންފަތާއި ތުންފަތުގައި އަތް ޖައްސާލަމުން އޭނާގެ ޙާލަތު ބަޔާންކޮށްދިނެވެ. އޭނާއަކީ އަޑު ނީވޭ، ވާހަކަ ނުދެއްކޭ ކުއްޖެއް ކަމުގައި ބުނެދިނެވެ. އެހިނދު ޔަޝްމީގެ މޫނުމަތި އުދާސްވެ، ރަޙުމާއި ކުލުނާއި ހަމްދަރުދީއިން އޭނާގެ ހިތް ފުރިގެން ދިޔައެވެ. ނަމަވެސް ބޯ ޖަހައިލުން ފިޔަވާ އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އޭނާ ނިކުމެގެން ދިޔައިރުގައިވެސް ޔަޝްމީއަށް ހުރެވުނީ އެފަދަ ގޮތަކަށެވެ.

" މަންމަން ކުއްޖެއް ދޯ"

ހާރޫންއަށް ބަލައިލަމުން ޔަޝްމީ ބުނެލިއެވެ. ފެންތަށި ބޯލުމަށްފަހު ހާރޫން ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ. އެއަށްފަހު އޭނާ ޔަޝްމީގެ އަތުގައި ހިފާލިއެވެ.

" ހިނގާ އުނދޯއްޔަށް ދާން.. ކުޑަކޮށް ބަނޑު ހަމަޖައްސާލަން"

ހާރޫން އެހެން ބުނުމުން ދެކޮޅު ނުހަދައި ޔަޝްމީ ހިނގައިގަތެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެ އަންހެން ކުއްޖާއެވެ.

" ވިސްނާލަބަލަ! އެންމެންނަކަށް ހުރިހާ ނިޢުމަތެއް ނުލިބޭނެ! އަހަރެމެން މިއަދު ދެރަވަނީ އަހަރެމެންނަށް ބޭބީއެއް ނުލިބޭނެތީވެ! އެކަމަކު އެކުއްޖާއަށް  ގެއްލިފައި އެވަނީ އިވުމާއި ވާހަކަ ދެއްކުމުގެ ނިޢުމަތް.. އޭނަ ކިހާ ބޭނުންވާނެ މީހުން ދައްކާ ވާހަކަތައް އަޑުއަހާލަން.. މީހުންނާ އަނގައިން ބުނެލަން. ހިތުގައިވާ އުދާސްތައް އަންގައިދޭން! އެކަމަކު އޭނަ ދެރަވިޔަސް، ރުޅި އަޔަސް، އުފާވިޔަސް އޭނަ ބޭނުންވާހާ ފުރިހަމަކޮށް، ބުނެދޭނީ ކިހިނެއް؟ "

ދުރަށް ބަލަހައްޓައިގެން އިނދެ ލަސްލަހުން ހާރޫން ވާހަކަ ދައްކަމުން ދިޔައެވެ. އިސްޖަހާލައިގެން އިން ޔަޝްމީ އޭރު ފެންކަޅިވަމުން ދިޔައީ ހިތަށް ކުރަމުންދާ އަސަރުތައް ކޮންޓްރޯލް ނުކުރެވިގެންނެވެ.

" އަސްލު އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ގިނަގުނަކަން މިއަދު ވަރަށް ބޮޑަށް އިޙްސާސް ކުރެވިއްޖެ! "

ހާރޫން އެހެން ބުނުމަށްފަހު ކުޑަކޮށް ބޯ ގުދު ކޮށްލާފައި ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އޭރު ޔަޝްމީއަށް މަޑުމަޑުން ގިސްލެވެމުންދިޔަތަން އޭނާއަށް ފެނުނެވެ. އެހެންކަމުން ހާރޫން ލޯތްބާއިއެކު ޔަޝްމީގެ ބުރަކަށީގައި ފިރުމާލަމުން އޭނާގެ ގައިގައި ހިފަހައްޓާލިއެވެ.

" ދެރަނުވޭ! އަބަދުވެސް ރަނގަޅުގޮތްވާން ދުޢާ ކުރީމަ ދެރަގޮތެއް ނުވާނެ!އެކަން ޔަޤީން ކުރަންވާނެ"

ހާރޫން އަނެއްކާވެސް ބުނެލިއެވެ. އޭރުވެސް ޔަޝްމީ އިނީ އިސްޖަހައިގެންނެވެ.

***

ރެޔަކީ ވައިގަދަ، ވިއްސާރަ ރެޔެކެވެ. ޖެހެމުންދާ ވަޔާއެކު ވާރޭ ކަނިތައް އެކި ދިމަދިމާލަށް ބުރައިގެން ދާ ކަހަލައެވެ. ކަޅުފޮއި އަނދިރި ރެއެއްކަމުން، ރަށުތެރެ ފެންނަނީ ވަރަށްވެސް ބިރުވެރިކޮށެވެ. ދޭތެރެއަކުން ވިދާލުމަށްފަހު ގުގުރާލައެވެ. ގޭގޭގެ ފުރާޅު ތަޅުވާ އަޑުފަށްގަނޑުވެސް އެހާ ގަދައެވެ. ގަދަ ވަޔާއެކު ގަސްތައް ހީވަނީ މުލުން ލުހި ދާނެހެންނެވެ.

މަންޒަރު ބަލަން ޒޫނާ ހުރީ އޮފީސް ދޮރުމަތީގައެވެ. އޭނާ އޮފީހަށް އައި އިރު ވިއްސާރައެއް ނުވެހެއެވެ. އެހެންކަމުން އޭނާ އައީ ކުޑަވެސް ނުލައެވެ. ދެތިން ފަހަރު އޭނާގެ މަންމައަށް ގުޅާލި ނަމަވެސް މިވަގުތު މަންމަވެސް އޮންނާނީ ނިދާފައިކަން އޭނާއަށް އެނގެއެވެ. ވާރޭ ހުއްޓަންދެން ހުރުން ނޫން ގޮތެއް ނެތްކަން ޒޫނާއަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް އޭރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ.

" ނިދަނީތަ؟"

ޖާވިދްގެ މެސެޖް ލިބުމާއެކު ޒޫނާއަށް ހިނިތުންވެވުނެވެ. މިހާ ލަސްކޮށްފައި ޖާވިދް މެސެޖް ކުރާނެކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ. އަވަސް އަވަހަށް އޮފީސް ތެރެއަށް ވަދެ އޭނާ ހަމަޖެހިލަމުން އަނެއްކާވެސް އެ ކުރު މެސެޖް ކިޔާލިއެވެ.

" މަސައްކަތެއް ނިންމާލަން އޮފީހަށް އައިގޮތަށް، ވާރޭގައި ޖެހި ގެއަށް ނުދެވިފައި"

ވަރަށް ވިސްނާފައި ޒޫނާ މެސެޖް ދޫކޮށްލިއެވެ. އޭރުވެސް އޭނާ އިނީ ފޯނު ސްކްރީނަށް ބަލާށެވެ. ހިނިތުންވެފައެވެ.

" އޯހް! މިހާރު ވަރަށް ލަސްވެއްޖެއެއްނު.. އެކަނިތަ؟"

ޖާވިދްގެ ދެވަނަ މެސެޖް އިން ޒޫނާއަށް ގޮނޑިއަށް ވެޑުވިލެވުނެވެ.

" އޭރު ތިބި ދެތިން މީހުން! އެކަމަކު ވިލާގަނޑުގެ ކުރިން އެމީހުން ގޮއްސި. މިހާރު މިހުރީ އެކަނި"

ޒޫނާ ތަފްސީލްކޮށް ކިޔައިދިނެވެ.

" ގެއަށް ދާން ނުކެރިގެންދޯ"

ޖާވިދްގެ މެސެޖް ލިބުނީ ނުހަނު އަވަހަށެވެ. ޔެސް ޖަހާފައި ޒޫނާ ޖަވާބު ފޮނުވާލިއެވެ.

" ދެން މިރޭ އޮފީހުގައި ނިދާލަންވީނު! އޭރުން މާދަމާ އަހަރެމެން ގޮސް ގޮވާނަން..ހެހެހެ"

ޖާވިދްގެ ލޯބިލޯބި މެސެޖުން ޒޫނާއަށް ދަތްތަކާލައި ދޫ ފިއްތާލެވުނެވެ. އޭނާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު މެސެޖް ފޮނުވާލިއެވެ.

" ނިކުމެބަލަ! "

ދެން ފެނުނު މެސެޖުން ޒޫނާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ އަވަސް އަވަހަށް ދަބަސް އަޅުވައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު އޮފީސް ދޮރުމަތީގައި ކުޑަ އަޅައިގެން ހީގަނެފައި ހުރި ޖާވިދް ފެނި، އޭނާއަށް ފުން ނަޒަރަކުން ޖާވިދްގެ މޫނަށް ބަލައިލެވުނެވެ.

" ގެއަށް ލައިދޭން ވެގެން"

ޖާވިދްގެ މަޑުމައިތިރި ޖުމްލައިން ޒޫނާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނާ އަވަސް އަވަހަށް އޮފީސް ތަޅުލުމަށްފަހު އަނެއްކާވެސް ޖާވިދަށް ބަލައިލިއެވެ. އެއާއިއެކު ޖާވިދްގެ އަތުގައި ލައްޕާލައިފައި އޮތް ކުޑަ އޭނާ ދިއްކޮށްލިއެވެ.

" ނިދަން އޮވެފައިތަ އަހަރެން ބަލައި ތިއައީ؟"

ކުޑަ ހުޅުވާލަމުން ޒޫނާ ބުނެލިއެވެ. އެއާއިއެކު ޖާވިދް ޒޫނާގެ ރީތި މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ.

" ނިދަން އޮވެފައިވެސް، ބައެއްފަހަރު ޖެހޭނެ މުޙިއްމު ކަންތައްތަކަށް އިސްކަންދޭން"

ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ޖާވިދް ބޯ ޖަހާލަމުން ލޯމަރާލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. V reethi vachaka.dhen haroon yasmee aadheys kuranhedheema e kuhjjaya merry kohgen male dhaani .gos varah undhagulun haroon hithadhekolhah yasmeege edhumah furagas nudheyn ekuhjjaya eki ulhemun dhanikoh ekuhjja bandyboduvegen viheumuge thereyga maruvaani.dhen baby libeyni yasmeeah….thn they lived happily ever after….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *