ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

Qasim Ibrahim

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި އެބޭފުޅުންގެ ވެސް އޮތީ ރައްޔިތުންގެ ހިތުގައި އޮތް އުންމީދުތައް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވެސް އޮތީ ހަމަ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްޕުޅުގައި އޮތް އެދުންތަކަކާއި އުންމީދުތަކެއް އާލާ ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެކަން ބޭނުން ނުވާނެ ރައްޔިތެއް ދުނިޔޭގައި ވެސް ނުހުންނާނެ ކަމަށާއި ﷲ ގެ ރުހިވޮޑިގަތުމާއި އަޅުތަކުންގެ ލޯބި ލިބެން ބޭނުން ނުވާ އެއްވެސް އިންސާނެއް، ހޭ ބުއްދި ސަލާމަތުން ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކީ ވެސް ﷲ ގެ ރުހިވޮޑިގަތުމާއި މަތީ ދަރަޖަ ބޭނުންވާ ބައެއް ކަމަށް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އަޅުވެތިކަމުގެ ތެރޭގައި އޮވެގެން އެއްވެސް ގައުމަކަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި ރައްޔިތުންނަށް ކުރިއެރުމެއް ހޯދޭނީ އަބަދު ވެސް މިނިވަންކަން އޮވެގެން ކަމަށެވެ.

ހަމަމިއާއެކު ސަރުކާރެއް ވެއްޖެ ނަމަ، ކޮށްދެވުނު ކަންކަމާއި ކޮށްނުދެވޭ ކަންކަން ހުންނާނެކަން ފާހަގަ ކުރައްވާ ވިދާޅުވީ އިތުރަށް ބޭނުންވާ ކަންކަން ވެސް ހުންނާނެ ކަމަށެވެ. މި ހުރިހައި ކަމަކަށް ވުރެ ބޮޑަށް ދިވެހިން އިސްކަން ދޭން ޖެހޭނީ އަޅުގަނޑުމެންގެ ކާބަފައިން ގެނެސް ދިން ރާއްޖެ އަމާން، އޮމާން ގައުމެއްގެ ގޮތުގައި ދެމިގެން ދިއުން ކަމަށް ވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *