ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމަށް، ފަތުރުވެރިކަމަށް ހާއްސަކޮށް އެ ރަށުން ކަނޑައަޅާފައިވާ " ޓޫރިސްޓް ވިލެޖް" އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެ ރަށުން ދޫކުރާ 99 ބިމުގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ.

Ad
rt

މި ބިންތަކުގެ ތެރޭގައި ހިމެނެނީ ޖުމްލަ ހަތަރު ކެޓަގަރީގެ ބިމެވެ. މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކަށް އެންމެ ކުރު މުއްދަތަކަށް ބިން ކުއްޔަށް ނެގޭނީ ހަ އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުލީގެ ގޮތުގައި ބީޗް ފްރޮންޓް ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅޭނީ އަކަފޫޓަކަށް 0.50 (ފަންސާސް ލާރި) އެވެ. ބީޗް ކައިރި ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.45 (ސާޅީސް ފަސް ލާރި) އެވެ. މެދުތެރެ ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.35 (ތިރީސް ފަސް ލާރި) އެވެ. އަދި ފުއްޓަރު ފަރާތު ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.30 (ތިރީސް ލާރި) އެވެ.

މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ކުރިން އެ ކައުންސިލުގެ އީމެއިލް admin@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ އެ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ބިންތަކަށް ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުމުގެ ގޮތުން ބާއްވާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ 11:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ.