މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.

ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފާރިސްގެ ރިޔާސީ ވައުދުތައް ނުވަތަ މެނިފެެސްޓޯ ލޯންޗުކޮށްފައިވަނީ ރާއްޖޭގައި ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުމާއި ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުން ވަނީ ހިމަނާފައެވެ.

Ad
rt

މީގެ އިތުރުން އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދަމަހައްޓާނެ ކަމަށާއި ފަތުވާ މަޖިލީސް ބާރުވެރި ކުރުވައި، ބައިނަލްއަޤްވާމީ އުސޫލުތަކާއި އެއްގޮތަށް ހެޔޮވެރިކަން ކުރުން ވެސް ހިމަނާފައި ވެއެވެ. އަދި ފަންނީ ގާބިލު މީހުން އައްޔަން ކުރުމާއި އެންމެންގެ ބައިވެރިވުމާއިއެކު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ވެރިކަން ކުރުމާއި ރާއްޖެ ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރުމާއި ބޭކާރު ޚަރަދު ކުޑަކުރުން ވެސް ހިމަނާފައި ވެއެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސްގެ މެނިފެެސްޓޯގައި އާސަންދައާއި އެންސްޕާގެ ދަށުން އެހީދޭ އުސޫލު ދެފުށްފެންނަގޮތަށް އެކުލަވާލާ އާންމުކުރުން ވެސް ވަނީ ހިމަނާފައެވެ.

ފާރިސްގެ މެނިފެސްޓޯގައި އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގުތިސާދީ އިންގިލާބުގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްގީގެ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރައްވާނެ ކަމަށެވެ.

ހަމަމިއާއެކު ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ ގެނައުމަށް މަސްތުވާތަކެތީގެ ރިހެބް، ނަފްސާނީ ސިއްހީ ފަރުވާ، އަދި ޖަލުގައި ހުކުމް ތަންފީޒުކޮށް ބޭރަށް ބަދަލުވާ މީހުންނަށް ރަނގަޅުވުމަށް އެހީތެރިވެދޭ ދިރިއުޅުމުގެ މާހައުލެއް ހެދުމަށް ހާފްވޭ ހައުސްތައް އެޅުން ވެސް ހިމަނާފައިވާއިރު، އަންހެނުންނަށް ހާއްސަ ރީހެބިލިޓޭޝަން ސެންޓަރސްތައްކެއް އެޅުމަށް ވެސް ނިންމާފައި ވެއެވެ.

އެމަނިކުފާނުގެ މެނިފެސްޓޯގައި ސްކޫލްތަކަކީ މިނިވަން ކަމާއިއެކު އަމިއްލަ ބާރާއި އިޚްތިޔާރާއިއެކު ހިންގޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރުމާއި ވަރޗުއަލް ނެޝަނަލް ލައިބްރަރީ އެއް ހުރިހައި ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭގޮތައް ތައާރަފު ކުރުން ވެސް ހިމެނެއެވެ. އަދި ތަޢުލީމުގެ ގައުމީ މަންހަޖު މުރާޖާކޮށް ޒަމާނީކުރުމާއި މެންޓަލް ހެލްތް ކެއާރގެ ހިދުމަތް ކިޔަވާ ދަރިވަރުންނަށް ލިބޭގޮތައް ހަމަޖައްސާދިނުން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އުގެނުމުގައި ހާއްސައެހީ އަށް ބޭނުންވާ ކުދިންގެ ތެރެއިން މެއިން ސްޓްރީމް ކުރެވޭވަރު ނުވާ ކުދިންނަށް އުނގަންނައި ދިނުމަށް ބޭނުންވާ ހާއްސަ ކުލާސްތަކެއް އުފެއްދުމާއި ސަބްސްޓަންސް އެބިއުޒް (ޑްރަގް ބޭނުންކުރުން) ގެ ނުރައްކާތެރިކަމާމެދު ސްކޫލްތަކުގެ ތެރެއިން ދަރިވަރުން ހޭލުންތެރިކުރުން ވެސް ފާރިސްގެ މެނިފެސްޓޯގައި ހިމަނުއްވާފައި ވެއެވެ.