ހއ. ހޯރަފުށީގައި ބިން ހިއްކައި އެ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހޯރަފުށީގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަމާއި ވަޒީފާއާއި އާމްދަނީގެ ފުރުސަތު ކަމަށެވެ. އަދި އެރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަން ބަލާއިރު، އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ބިން ނެތުމުގެ މައްސަލަކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކުރައްވައި، އޭނާ ވަނީ ހޯރަފުށީގެ ސިއްހީ ނިޒާމު ރަނގަޅުކޮށް ހޮސްޕިޓަލަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ކުނި އެއްކުރުމާއި ނައްތައިލުމާއި ކުނިން ހަކަތަ އުފެއްދުން ހިމެނޭހެން ވަށައިޖެހޭ ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމު ކުރެއްވުމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއްކަން ފާހަގަކުރައްވައި ވިދާޅުވީ ހުރިހައި ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!